ބޮލީވުޑް

ދިޕިކާގެ "އާރްކޭ" ޓެޓޫ ފޮހެލީބާ؟

May 17, 2017

މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯންގެ ކެރިއަރުގެ ކުރީކޮޅު އެކްޓަރު ރަންބީރު ކަޕޫރާއެކު އޮތް ލޯބީގެ ގުޅުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިމުނު ނަމަވެސް މި ދެތަރިންގެ ޖޯޑަކީ ބެލުންތެރިންގެ މެދުގައި އަދިވެސް ހިޓް ޖޯޑެކެވެ.

ރަންބީރު، ދިޕިކާއަ ރުޅިވެ ބަތަލާ ކެޓްރީނާ ކައިފްއާ ލޯބީގެ ގޮތުން ގުޅުނު ނަމަވެސް ރަންބީރު މަތިން ހަނދާން ނައްތާލައި ދިރިއުޅުމާއިގެން ކުރިއަށްދާން އޭނާ ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާފަ އެވެ.

ރަންބީރު ދެކެ ދިޕިކާ ވީ ހަގީގީ ލޯބީ ސާބިތުކޮށްދޭ އެއް ކަމަކީ އެ ދެ ތަރިން ރައްޓެހިވެގެން އުޅެނިކޮށް، ރަންބީރަށްޓަކައި އޭނާގެ ކަނދުރާގައި ޖެހި "އާރް ކޭ" ޓެޓޫ އެވެ. ދެ ތަރިން ރުޅިވިތާ ހަ އަހަރު ފާއިތުވެގެން ދިޔައިރު ވެސް ދިޕިކާގެ ކަނދުރާގައި ޖަހާފައި އިން ޓެޓޫ ހުއްޓެވެ.

ނަމަވެސް ކުއްލި އަކަށް ދިޕިކާގެ "އާރް ކޭ" ޓެޓޫ ވަނީ އޭނާގެ ކަނދުރާއިން ގެއްލިފައެވެ. މި މަހުގެ އެއް ވަނަ ދުވަހު ބޭއްވި މެޓް ގާލާ ހަފްލާގެ ފަހުން ދިޕިކާގެ އާންމުވި ސައިބޯންޏެއްގެ އިޝްތިހާރުގައި އޭނާގެ ކަނދުރާގައި މީގެ ކުރިން އިން ޓެޓޫއެއް ނުފެނެ އެވެ.

ދިޕިކާގެ ކަނދުރާގައި ޖަހާފައިވާ އޭނާގެ ލޯބި ރަމްޒުކޮށްދޭ ޓެޓޫ ފޮހެފައިވާކަމުގެ ވާހަކަތައް ދެކެވެން ފެށީ އޭނާ ސައިބޯނި ބްރޭންޑް ލަކްސް އަށް ކުޅެފައިވާ ބަންގްލަދޭޝް އިޝްތިހާރެއްގެ އާންމުވި ފަހުންނެވެ. އެ އިޝްތިހާރުގައި ދިޕިކާގެ ކަނދުރާގައި އިން ޓެޓޫ ފެންނަން ނެތްއިރު، ހަގީގަތުގައި އޭނާ އެ ޓެޓޫ ފޮހެލީ ކަމެއް ނުވަތަ ފޮޓޯ ޝޮޕުން އިޝްތިހާރަށް ފޮރުވީ ކަމެއް ނޭނގެ އެވެ.

މެޓް ގާލާގެ ރެޑްކާޕެޓުގައި ދިޕިކާ ހިނގާލިއިރު އޭނާގެ ކަނދުރާގައި އެ ޓެޓީ ހުރެ އެވެ.

މީގެ އަހަރުތަކެއް ކުރިން ދިޕިކާ ކުރެން އޭނާގެ ކަނދުރާގައި ޖަހާފައިވާ ޓެޓޫއާ ބެހޭގޮތުން އެހުމުން ވަނީ އެއީ އެއްވެސް ބަޔަކު އޮޅުން ފިލުވަން ޖެހޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި ރަންބީރުގެ ނަމުގައި ދިޕިކާ ޖަހައިގެން އުޅޭ ޓެޓޫއާ ގުޅިގެން ރަންބީރު ވަނީ އެ ޓެޓޫ ބަހައްޓާނެކަން ނުވަތަ ނޫންކަން ނިންމާނީ ދިޕިކާ ކަމަށް ބުނެފަ އެވެ.

މީގެކުރިން ދިޕިކާ ކުޅުނު ކޮކާ ކޯލާގެ އިޝްތިހާރުގައި އޭނާގެ ކަނދުރާގައި ޖަހާފައި އިން ޓެޓޫއެއް ނުފެނެ އެވެ. އެފަހަރު އެ އިޝްތިހާރަށް އޭނާގެ ޓެޓޫ ފޮޓޯޝޮޕުން ފޮހެލީ އެވެ. ނަމަވެސް މިފަހަރު ވެސް ފޮޓޯޝޮޕުން ކަމެއް ނުވަތަ ފައުންޑޭޝަނުން ފޮހެލީ ކަމެއް ނޭނގެ އެވެ.