ހަބަރު

ރައީސްގެ އެއްވެސް ނުފޫޒެއް އެޗްއާރްސީއެމަކަށް ނެތް: ހިސްޓޯ

May 15, 2017
5

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އެއްވެސް ނުފޫޒެއް ނުފޯރުއްވާ ކަމަށް އެ ކޮމިޝަނުން ދާދި ފަހުން އިސްތިއުފާ ދެއްވި ޝިފާގު މުފީދު (ހިސްޓޯ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމާއި އެ ޕާޓީއާއި ގުޅިފައިވާ އެމްޑީއޭ އަދި ޑީއާރްޕީން މިރޭ ބޭއްވި ރެލީއެއްގައި ބައިވެރިވެ ރައީސް ޔާމީނުގެ ވެސް ހާޒިރުގައި ހިސްޓޯ ވިދާޅުވީ އެޗްއާރްސީއެމްގެ މެމްބަރުކަމުގެ ހުވައި ކުރެއްވުމުން ރައީސް ޔާމީނު އިރުޝާދު ދެއްވީ ވަކި ފަރާތަކަށް ބުރަ ނުވެ، ތައައްުސުބުން އެއްކިބާވެ ތިބެގެން މަސައްކަތް ކުރައްވަން ކަމަށެވެ.

"ﷲ ގަންދީ ހަދާ ތެދު، ﷲ ގަންދީ ހަދާ ތެދު، އަޅުގަނޑު އެ މަގާމުން އިސްތިއުފާދިނުމާ ހަމަޔަށް ވެސް އަދި މިއަދު މިވަގުތާ ހަމައަށް ވެސް ރައީސް ޔާމީނުގެ އެއްވެސް ނުފޫޒެެއް ހިއުމަން ރައިޓްސް ކޮމިޝަނާ ދިމާލަށް ގޮސްފައެއް ނެތް،" ހިސްޓޯ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ކަމާބެހޭ އިދާރާތަކުން ބަލަން ދޫ ނުކުރައްވައި އަމިއްލައަށް އެކަންކަމާ މެދު ގޮތް ނިންމަވަން އުޅުނީ އެމްޑީޕީގެ ވެރިކަމުގައި ރައީސް ނަޝީދުގެ ސަރުކާރުން ކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން އިސްތިއުފާ ދެއްވުމުން އިދިކޮޅު ފަރާތްތަކާ ގުޅުމަށް ދައުވަތު ދިން ކަމަށް ވެސް ޝިފާގު ވިދާޅުވިއެވެ. އެގޮތުން ދައުވަތު ދިން އިރު ވަރަށް ބޮޑަށް ސަނާ ކީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާއަކީ މިހާރު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.