ހަބަރު

މަޑިފުށީ ކައުންސިލްގެ އިންތިހާބު އަލުން ބާއްވަނީ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ތ. މަޑިފުށީގެ ވޯޓުލުމުގައި ކުރިމަތިވި މައްސަލަތަކަކާ ގުޅިގެން އެ ރަށު ކައުންސިލްގެ އިންތިހާބު އަލުން ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް "އަވަސް"އަށް މިއަދު ވިދާޅުވީ މަޑިފުށީގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލާން ނުޖެހޭ މީހަކަަށް ވޯޓު ކަރުދާސް ދޫކުރެވި، އެ މީހާ ވޯޓުލީ މައްސަލައެއް ކޮމްޕްލަޔަންސް ބިޔުރޯއިން ބަލާފައިވާ ކަމަށެވެ. އެ ޝަކުވާ ބެލިއިރު އެ މައްސަލައަކީ އެ ރަށުގައި އިންތިހާބު އަލުން ބާއްވައިގެން ނޫނީ ހައްލު ނުކުރެވޭ އަދި ނަތީޖާއަށް އަސަރު ފޯރާފާނެ މައްސަލައެއް ކަމަށް ބިޔުރޯއަށް ފާހަގަވެފައިވާ ކަމަށެވެ. އެހެންކަމުން ކޮމްޕްލެއިން ބިއުރޯގެ ލަފާގެ މަތިން މަޑިފުށީގައި އަލުން އިންތިހާބު ބާއްވަން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ނިންމީ މަޑިފުށީގައި އިތުރު އިންތިހާބެއް ބާއްވަން. ވަރަށް އަވަހަށް ދުވަސް އިއުލާން ކުރާނަން،" އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން މަޑިފުށީ ކައުންސިލްގެ ގޮޑި ކާމިޔާބު ކުރެއްވި، ޕީޕީއެމްގެ ކެންޑިޑޭޓް އައްބާސް އަހުމަދާއި ހަމަ އެ ޕާޓީގެ އަލީ ހަސީނަށް މި ދެބޭފުޅުންނަށް ވެސް ލިބިފައި ވަނީ 389 ވޯޓެވެ. ދެން އިންތިހާބު ކާމިޔާބުކުރި އެމްޑީޕީ ކެންޑިޑޭޓު ހަސަން އަބްދުﷲ އަށް ލިބިފައި ވަނީ 388 ވޯޓެވެ. އަދި އޭނާއާ އެންމެ ކައިރިން ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް، އިސްމާއިލް ހިލްމީއަށް ނާކާމިޔާބުވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. އޭނާއަށް ލިބިފައި ވަނީ 387 ވޯޓެވެ.

2014 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގއ ކޮނޑޭގައި ވެސް މިފަދަ މައްސަލައެއް، ފެންމަތިވެ ސްޕުރީމް ކޯޓުގެ އަމުރެއް ވެސް އައެވެ.