ދުނިޔެ

އެމެރިކާގެ ސިއްރު މައުލޫމާތުތަކެއް ޓްރަމްޕް ރަޝިޔާއަށް ދިން

May 16, 2017

އިސްލާމިކް ސްޓޭޓް ( އައިއެސް) އާ ދެކޮޅަށް ހިންގަން އެމެރިކާއިން ރާވާފައިވާ އޮޕަރޭޝަނަކާ ބެހޭ ސިއްރު މައުލޫމާތުތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގެއި ލަވްރޯވްއާ ހިއްސާކުރެއްވިކަން އެމެރިކާ ސަރުކާރުގެ ދެ އޮފިޝަލަކު ފަޅާ އަރުވާލައިފިއެވެ.

ޓްރަމްޕް އެ މައުލޫމާތު ހިއްސާކުރެއްވީ ލަވްރޯވްއާއި އެމެރިކާގައި ހުންނަވާ ރަޝިޔާ ސަފީރު ސަރްގެއި ކިސްލިޔަކް އާއި އެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށް އެ މުއާމަލާތާ ބެހޭ މައުލޫމާ ލިބިގެން ތިއްބެވި ދެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުންޏެވެ. ޓްރަމްޕް އެގޮތަށް އަމަލުކުރެއްވި ކަމަށް ބުނާ ރިޕޯޓް އެންމެ ފުރަތަމަ ޝާއިއުކުރީ އެމެރިކާގެ ވޮޝިންޓަންޕޯސްޓް ނޫހުންނެވެ. އެ ރިޕޯޓް ޝާއިއުކުރުމާ އެކު އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން ވަނީ އެވާހަކަ ދޮގުކޮށްފައެވެ.

ވައިޓްހަައުސްގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އެޗްއާރް މެކް މާސްޓާ ވިދާޅުވީ ޓްރަމްޕާއި ލަވްރޯވް މަޝްވަރާ ކުރެއްވީ ދެގައުމަށް ދިމާވެފައިވާ އެކި އެކި ނުރައްކާތަކާ ބެހޭ ގޮތުން ކަމަށާއި އެގޮތުން މަޝްވަރާކުރެއްވި ދާއިރާތަކުގެ ތެރޭގައި ސިވިލް އޭވިއޭޝަން ދާއިރާ ހިމެނެއެވެ.

" ޖާސޫސީ މަސްދަރުތައް ނުވަތަ ކަންތައްތައް ކުރާނެ ގޮތްތަކާ ބެހޭ ބެހޭ ގޮތުން ބައްދަލުވުމުގެ އެއްވެސް ހިސާބެއްގައި މަޝްވަރާއެއް ނުކުރޭ. އާއްމުކޮށް މިހާރުވެސް ހާމަކޮށްފައި ނުވާ އެއްވެސް އަސްކަރީ އޮޕަރތޭޝަނަކާ ބެހޭ މައުލޫތެއް ރައީސް ހާމައެއް ނުކުރައްވާ. އަހަރެެން އެ ކޮޓަރީގައި އިނިން. އެކަމެއް ނުހިނގާ،" ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން މެކްމާސްޓާ ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.

ޓްރަމްޕް ލަވްރޯވްއާ ސިއްރު މައުލޫމާތު ހިއްސާކުރެއްވި ކަމަށް ތުހުމަތުކުރައްވާ އެއް އޮފިޝަލް ވިދާޅުވެފައި ވަނީ ޓްރަމްޕް ހާމަކުރެއްވި މައުލޫމާތަކީ މަދު އިންޓެލިޖެންސް އޮފިޝަލުން ކޮޅަކަށް ނޫނީ ނުހުޅުވޭ ވަކި ކޮމްޕާޓްމަންޓެއްގައި ރައްކާކޮށްފައިވާ މައުލޫމާތެއް ކަމަށެވެ. ޓްރަމްޕް އެމައުލޫމާތު ލަވްރޯވްއާ ހިއްސާކުރެއްވުމުން އޮފިޝަލުން ވަނީ އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ ( ސީއައިއޭ) އާއި ނެޝަނަލް ސެކިއުރިޓީ އެޖެންސީއަށް އެކަން ވަގުތުން އަންގާފައެވެ.

އެމެރިކާގެ ރައީސްކަމުގައި ޓްރަމްޕް މިހައިތަނަށް ހޭދަކުރެއްވި މަދު ދުވަސްކޮޅުގެ ތެރޭގައި އޭނާ ވަނީ ހައިރާންވާ ފަދަ އެތައް ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން އެންމެ ފަހުން އެޅުއްވި އެންމެ މައްސަލަ ބޮޑު އެއް ފިޔަވަޅަކީ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް ( އެފްބީއައި) ގެ ޑިރެކްޓަރުކަމުގެ މަގާމުން ޖޭމްސް ކޯމީ ވަކިކުރެއްވުމެވެ. އެމެރިކާގެ އިދިކޮޅުފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ޓްރަމްޕް ކޮމޭ ވަކިކުރެއްވީ ޓްރަމްޕަަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދޭން ވެގެން ރަޝިޔާއިން އިންތިހާބަށް ނުފޫޒުފޯރުވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުއްވުމަށެވެ.