ހަބަރު

ކައުންސިލް އިންތިހާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

ލޯކަލް ކައުންސިލް އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭ ދެ ދާއިރާގައި އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް "އަވަސް"އަށް ވިދާޅުވީ އެކި ސަބަބުތަކާ ހެދި ދެވަނަ ބުރެއް ބާއްވަން ޖެހޭ ތަންތަނުގައި އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ދެ ކެންޑިޑޭޓަކަށް ލިބުނު ވޯޓް އެއްވަރު ވެގެން ތ. މަޑިފުއްޓާއި ށ. ކޮމަންޑޫގައި އަލުން އިންތިހާބު ބާއްވަން ޖެހޭ އެވެ.

އެދެ ދާއިރާގެ ވޯޓްލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައި ތައްޔާރީތައް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާފައި ވަނީ މި މަހުގެ ހަވަނަ ދުވަހު އެވެ. ކައުންސިލްގެ ރަސްމީ ނަތީޖާ ވެސް އިއްޔެ ވަނީ އެކީ އިއުލާޏްކޮށް ނިންމައިފަ އެވެ. ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލްޖީއޭ އިން މިހާރު ނިންމާފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށެވެ. އެހެން ނަމަވެސް އެލްޖީއޭ އިން ބުނެފައި ވަނީ އެ ދުވަހު ހުވާކުރުން ބާއްވާނީ އިންތިހާބުގެ ދެވަނަ ބުރެއް ވާއްވަން ޖެހޭ ދާއިރާތަކުގެ ވޯޓުލުން ނިމި، ނަތީޖާ އޭގެ ކުރިން އިއުލާން ކޮށްފައިވާ ނަމަ ކަމަށެވެ.