ދުނިޔެ

ބަޣާވާތުގެ ތަހުގީގަށް ތުރުކީން އަނެއްކާވެސް ބަޔަކު ހައްޔަރުކޮށްފި

May 16, 2017

ތުރުކީގައި މިދިޔަ 2016 ވަނަ އަހަރު ކުރި ބަޣާވާތާ ގުޅިގެން އެގައުމުން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ތަހުގީގަށް އަނެއްކާވެސް ބަޔަކު ހައްޔަަރުކޮށްފި އެވެ.

ތުރުކީގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ ރޮއިޓާސް ބުނީ މިއަދު ހައްޔަރުކުރީ އެގައުމުގެ އެނާޖީ މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީގައި މަސައސްކަތް ކުރި ބައެއް ކަމަށެވެ. ތުރުކީގެ ކޯޓަކުން ހައްޔަރުކުރުމުގެ އަމުރު ނެރުނީ އެނާޖީ މިނިސްޓްރީގައި މަސައްކަތް ކުރި 60 މީހަކާއި އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންގެ ގޮތުގައި މިހާރުވެސް ތިބި 25 މީހަކާ ދެކޮޅަށެވެ. އޭގެ ތެރެއިން 40 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ތުރުކީގައި ނާކާމިޔާބުވި ބަޣާވާތަށް ފަހު، އެބަޣާވާތް ރޭވުމުގައި އިސްކޮށް ހުންނެވި ކަަމަށް ތުރުކީ ސަރުކާރުން ތުހުމަތުކުރާ ފަތުހުﷲ ގްލެންއާ ގުޅުން އޮތް ކަމުގެ ތުހުަމަތަށް ހައްޔަރުކުރި މީހުންގެ އަދަދު މިހާރުވަނީ 50000 އަށް އަރާފައެވެ. ފަތުހުﷲ ގްލެން އަކީ ވަރަށް ކުރިއްސުރެ އެމެރިކާގައި ދިރިއުޅުއްވާ އިލްމުވެރިއެކެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އަރުދުޣާން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާއި މިއަދު ބައްދަލުކުރައްވާ އިރު ގްލެން އެމެރިކާއިން ބޭރުކޮށްލެއްވުމަށް އެދިވަޑައިގަންނަވާނެ އެވެ.