ބޮލީވުޑް

އަބީޝެކް އާއި އައިޝްވާރިޔާ "ގުލާބް ޖާމުން" ދޫކޮށްލައިފި

May 18, 2017

ބޮލީވުޑްގެ މަޝްހޫރު ޖޯޑު ކަމަށްވާ އަބީޝެކް ބައްޗަން އާއި އައިޝްވާރިޔާ ރާއި ބައްޗަން ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ފިލްމެއް ކުޅެން އުޅޭ ކަމުގެ ވާހަކަތައް ދެކެވިފައިވަނީ މިއަހަރުގެ ކުރީކޮޅު އެވެ.

ދެހާސް ހަތްވަނަ އަހަރު އަބީޝެކް އާއި އައިޝްވާރިޔާ ކައިވެނިކުރި ފަހުން މިދެތަރިން ވަނީ އެކުގައި "ރާވަން" އާއި "ސަރްކާރް 2" އިން ފެނިގެން ގޮސްފަ އެވެ.

އަހަރުތަކަކަށްފަހު މިދެތަރިންނަށް ލީޑްރޯލު ކުޅެން ހުށަހެޅުން ލިބިފަައިވަނީ ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕްގެ "ގުލާބް ޖާމުން" އިންނެވެ. މި ފިލްމާ އެކު އަލުން މިދެތަރިން އެކުގައި ފެނިގެންދާނެ ކަމަށް ބެލެވުނު ނަމަވެސް މި ފިލްމު ދޫކޮށްލާފައިވާ ކަމުގެ އަޑުތަކެއް މިވަނީ އަރާފަ އެވެ.

އަބީޝެކް އާއި އައިޝްވާރިޔާ މި ފިލްމު ދޫކޮށްލާފައިވާ ކަމަށްވަނީ ފިލްމުގެ ސްކްރިޕްޓާ މެދު އެމީހުން ހިތްހަމަނުޖެހުމުންނެވެ.

އަބީޝެކްގެ ގާތްފަރާތަކުން ވަނީ އޭނާ އަށް "ގުލާބް ޖާމުން" ޕްރޮޑިއުސްކުރާ ޕެންޓަމް ފިލްމްސްއިން އެކި ފިލްމުތައް ހުށަހަޅައި ވާހަކަދައްކަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި ނަމަވެސް އަދި އެއްވެސް ކަމެއް ނިންމާފައިނުވާ ކަމަށެވެ.

އައިޝްވާރިޔާ އާއި އަބީޝެކް މި ފިލްމު ދޫކޮށްލުމުން، ފިލްމުގެ ލީޑްރޯލު ކުޅޭނެ ތަރިން ހޯދުމުގެ މަސައްކަތް ފިލްމު އުފައްދާ ފަރާތުން ވަނީ ފަށާފަ އެވެ.

"ގުލާބް ޖާމުން" ގެ ޑައިރެކްޓަރަކީ ސަރްވޭޝް މެވާރާ އެވެ. މި ފިލްމުގެ ބަތަލާގެ ރޯލު އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ބަތަލާ ހުމާ ގުރައިޝީ އަށެވެ.

ކުރިން މި ފިލްމުގެ ޝޫޓިން ޖޫން މަހު ފެށުމަށް ހަމަޖެހިފައި އޮތް ނަމަވެސް އަބީޝެކް އާއި އައިޝްވާރިޔާ އެންމެފަހު ވަގުތު ފިލްމު ދޫކޮށްލުމުން ޝޫޓިން ދެން ފެށޭވަރު ވާނީ އާ ތަރިން ހަމަޖެހުމުންނެވެ.