ބޮލީވުޑް

ފުދުންތެރިކަން ނެތް ކުދިންނަށް ސުޝާންތް ކިޔަވައިދެނީ

May 18, 2017

ޓީވީ ތަރި ސުޝާންތް ސިންގް ރާޖްޕުތަށް މިއަދު ބޮލީވުޑްގައި އާދެވިފައި ހުރި ހިސާބަކީ އޭނާގެ ބުރަ މަސައްކަތުން އާދެވިފައި ހުރި ހިސާބެކެވެ.

ޓީވީ އެކްޓަރެއްގެ ގޮތުގައި ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ސުޝާންތް ބޮލީވުޑަށް ތައަރަފުވެފައިވަނީ "ކައި ޕޯ ޗޭ" އިންނެވެ.

އަންނަ މަހުގެ ނުވަ ދުވަހު ރިލީޒްކުރާ "ރާބްތާ" ގެ ލީޑްރޯލުން ފެނިގެންދާ ސުޝާންތް ވަނީ ފުދުންތެރިކަން ނެތް ކުދިންނަށް ކިޔައިދޭން އެހީތެރިވެދޭން ނިންމާފަ އެވެ.

ކޮންމެ ކުއްޖަކީ ވެސް އަސާސީ ތައުލީމު ލިބިގެންވާ މީހަކަށް ވާންޖެހޭ ކަމަށް ދެކޭ އޭނާ ދެކޭ ކަމަށް ބުނެ ސުޝާންތް ފުދުންތެރިކަން ނެތް ކުދިންނަށް ތައުލީމީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާކަން އިއުލާންކުރަމުން ވަނީ އެކުދިންނަށް ހިލޭ ތައުލީމު އުނގެނޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ބުނެފަ އެވެ.

"އަހަރެންގެ ޓީމުން ވަކިވަކި ސްކޫލްތައް ހޯދައި އެ ސްކޫލްތަކުގައި ތިބި ފުދުންތެރިކަން ނެތް ކުދިންގެ ޓެސްޓެއް ނަގައި އެ ކުދިންގެ ތައުލީމީ ފެންވަރު ބަލާނެ. ޓެސްޓުން ފާސްވާ ކުދިންގެ ކިޔެވުމުގެ ހުރިހާ ހަރަދެއް އަހަރެއްހާ ދުވަސް ވަންދެން އަހަރެން ނަގާނަން. އެއަށްފަހު އަނެއްކާ އަންނަ އަހަރު ވެސް ޓެސްޓްތައް ހަދައި ފާސްވާ ކުދިންނަށް އަނެއް އެއް އަހަރު ދުވަހަށް ކިޔެވުން ހިލޭ ލިބޭނެ" ސުޝާންތް ބުނެފައިވެ އެވެ.

ޓެސްޓްތައް ހަދައި ފާސްވާ ކުދިންގެ ކިޔެވުމުގެ ފުރުސަތު އޭނާ މިހާރު ދިން ނަމަވެސް ކުރިއަށް އޮތް ތަނުގައި އެހެން ގޮތްގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ. ނަމަވެސް މި މޮޑެލްގެ ސަބަބުން ކިޔެވުމަށް ކުދިންނަށް އާ ހިތްވަރެއް ލިބިގެންދާނެ ކަމަށް ވެސް ސުޝާންތް ވަނީ ބުނެފަ އެވެ.

ބިހާރް ސްޓޭޓްގެ ޕަޓްނާ އަށް ނިސްބަތްވާ ސުޝާންތް ވަނީ ފުރާވަރުގައި ސްކޫލުގައިި ކިޔަވަމުން އައި އިރު އޭނާ އަކީ ވެސް ބޭރުގެ ކޮންމެވެސް ގައުމެއްގައި މަތީ ތައުލީމު ހާސިލުކުރުމުގެ ހުވަފެން ދެކެމުން އައި ކުއްޖެއް ކަމަށާއި ނަމަވެސް އޭނާގެ އާއިލާ އަކީ އެހާ ފުދުންތެރި އާއިލާ އަކަށް ނުވުމުން އޭނާގެ އެ ހުވަފެން ހަގީގަތަށް ނުހެދުނު ކަމަށް ބުނެފަ އެވެ.

ސުޝާންތް އަކީ މިއަދު މޮޅު އެކްޓަރެއް ނަމަވެސް އޭނާ ވަނީ އިންޖިނިއަރިންގެ ދާއިރާއިން ބެޗްލާއެއް ހާސިލްކޮށްފަ އެވެ. އިންޖިނިއަރިން އިން މަތީ ތައުލީމް ހާސިލްކުރަން ހަތަރު އަހަރުގެ ކޯހުގެ ފަހު އަހަރު ސުޝާންތް ވަނީ ކޮލެޖުން ކެނޑިގެން އެކްޓިންގެ ދާއިރާއިން ކުރިއަށް ގޮސްފަ އެވެ.

ބޮލީވުޑްގެ މަޝްހޫރު ގިނަ ފަންނާނުންނަކީ އެކި އެކި ޖަމްއިއްޔާތައް އުފައްދައިގެން އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބައެކެވެ.