މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގެ ފުރަތަމަ ރަނަރަޕް ލިބުނު ނަމަވެސް ގިނަ ހިތްތަކުގެ އައިޑޮލް އަކީ ޝަލަބީ އިބްރާހީމެވެ. އައިޑޮލް އަށް ފަހު ގިނަ ޝޯތަކެއް ޝަލަބީ އަންނަނީ ދެމުންނެވެ. އީދު ޝޯތަކާއި އެހެނިހެން ޝޯތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ދީފި އެވެ. އެއަށްފަހު ވެސް ރާއްޖެގެ އެކި ހިސާބުތަކުން ޝަލަބީއަށް ދައުވަތުތައް ލިބެމުން ދިޔައިރު އެންމެ ގިނައިން ދައުވަތު ލިބުނު އެއް ރަށަށް ކ. މާފުށި ވާނެ އެވެ.
ޝަލަބީ މިހާރު ވަނީ އެ ދައުވަތު ގަބޫލުކޮށްފަ އެވެ. މާފުށި އެރީނާ ހޮޓެލް އިން އިންތިޒާމްކޮށްގެން ބާއްވާ ޝަލަބީގެ ހާއްސަަ ޝޯ އެއް މާދަމާ ރޭ މާފުށީގައި އޮންނާނެ އެވެ. މި ޝޯގެ ނަމަކީ "ޝަލަބީ ލައިވް އެޓް މާފުށި" އެވެ.
ޝަލަބީގެ މި ޝޯގައި އޭނާގެ ރީތި ލަވަތަކެއް އަޑުއިވޭނެ އެވެ. މިހާރު އެންމެ ގިނަ ބަޔަކު ހިތުގައި އުފެދޭ އެއް ސުވާލަކީ މި ޝޯގައި ޝަލަބީ އާ އެކު މޯލްޑިވިއަން އައިޑޮލް މި ސީޒަނުގެ އެއް ވަނަ، މާފުއްޓަށް އުފަން މުހައްމަދު ތަސްނީމް (ބޮބް) ގެ ލަވައެއް އަޑު އިވޭނެ ތޯ އެވެ. އެއީ ބޮބް އާއި ޝަލަބީ އައިޑޮލް ޝޯގައި ހުށަހަޅައިދިން ލަވަ ހިޓަކަށް ވުމެވެ.
މި ސުވާލަށް ދޭން އޮތް ޖަވާބަކީ އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހޮޓެލް އެރީނާގެ ފަރާތުން މިހާރު އަންނަނީ ޕީއެސްއެމް އާ އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުންނެވެ.
މި ޝޯއަށް ހާއްސަކޮށް ގިނަ އަދަދެއްގެ މީހުން މާފުއްޓަށް ދާން ނިންމައިފި އެވެ. އެހެން ކަމުން މާދަމާގެ ތިން ގަޑިއެއްގައި މާލެއިން މާފުއްޓަށް ދެވޭނެ އިންތިޒާމް އެރީނާ ހޮޓަލުން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން މާލެއިން ދާ މީހުންނަށް ޝޯގެ ޓިކެޓާއި ދިއުމުގެ ހަރަދާއެކު ޖުމްލަ ޓިކެޓްގެ އަގަކީ 485 ރުފިޔާ އެވެ. އަދި މާފުށީ ރައްޔިތުންނަށް މި ޑިނާ ނައިޓްގެ ޓިކެޓެއްގެ އަގަކީ 185 ރުފިޔާ އެވެ. މާލެެއިމް ޝޯ ބަލަންދާ ފަރާތްތަކަށް އެ ހޮޓެލްގައި ޖާގަ ހުރިވަރުން ކޮޓަރިތައް ދޫކުރަން ވަނީ ނިންމާފަ އެވެ.
މިހާތަނަށް 300 އެއްހާ ޓިކެޓް ވިކިފައިވާއިރު އިތުރު ޓިކެޓް ޕްރިންޓް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ޝޯ ބަލައިލުމުގެ އިތުރުން މި ޑިނާ ނައިޓްގައި ބައިވެރިވާ މީހުންގެ މެދުގައި ހާއްސަ ލަކީޑްރޯއެއް ނަގަން އެރީނާ ހޮޓަލުން ވަނީ ނިންމާފަ އެވެ. އިނާމް ތަކުގެ ތެރޭގައި ހިމެނެނީ އެރީނާ ހޮޓެލްސް އިން ދެ ބޭފުޅަކަށް ފުލް ބޯޑްކޮށް ދެ ރޭގެ ހުރުމާއި އިތުރު ގިނަ އިނާމްތަކެކެވެ.
ޝަލަބީގެ ޝޯއެއް މާދަމާ ރޭ މާފުށީގައި އޮންނައިރު ޝަލަބީގެ މަދަހައެއް މިރޭ ރިލީޒް ކުރާނެ އެވެ. މި މަދަހަ ރިލީޒް ކުރާނީ މިރޭ މާލޭގައި ބާއްވާ ހާއްސަ ދަރުހެއްގަ އެވެ. މި ދަރުސްގައި މަދަހަ ލައިވް ކޮށް ޕާފޯމް ކުރާނެ ކަމަށް ޝަލަބީ ބުންޏެވެ.