ކުޅިވަރު

ލީގް ޗެމްޕިއަންކަމާ ޕޮއިންޓަކާ ގާތަށް ރެއާލް ޖެހިލައިފި

May 18, 2017

ސެލްޓަވީގޯގެ މައްޗަށް، 4-1 ނަތީޖާ އަކުން ކާމިޔާބު ހޯދައި ސްޕެނިޝް ލީގް ޗެމްޕިއަންކަމާ ޕޮއިންޓަކާ ގަތާށް ރެއާލް މެޑްރިޑް ޖެހިލައިފި އެވެ.

ސްޕެނިޝް ލީގްގެ އެންމެ ފަހު މެޗުގައި، އަންނަ އާދީއްތަ ދުވަހުގެ ރޭ، މަލާގާއާ ދެކޮޅަށް ކުޅޭ މެޗު، އެއްވަރު ކޮށްލިޔަސް ރެއާލް އަށް ޗެމްޕިއަންކަން ލިބިގެން ދާނެ އެވެ.

މެޗުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު، ރެއާލްއަށް ވަނީ މިހާރު ނުވަދިހަ ޕޮއިންޓް ލިބިފަ އެވެ. އަދި ރެއާލް ވަނީ ތާވަލުގެ އެއް ވަނަ އަށް ޖެހިލާފަ އެވެ. މިހާރު ދެ ވަނައިގައި އޮތް ބާސެލޯނާއަށް ލިބިފައި ވަނީ 87 ޕޮއިންޓެވެ.

ރޭ ގެ މެޗުގައި، ރެއާލްގެ ކްރިސްޓިއާނޯ ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ 10 ވަނަ މިނެޓްގައި، ރެއާލް އަށް ލީޑް ނަގައިދިނީ ވެސް ރޮނާލްޑޯ ކާމިޔާބު ކުރި ލަނޑުން ނެވެ. އިސްކޯ ދިން ޕާސް، ޕެނަލްޓީ އޭރިއާ ބޭރުން، ރޮނާލްޑޯ ގޯލް ތެރެއަށް ފޮނުވާލީ، ސެލްޓަގެ ޑިފެންޑަރެއް ކައިރިންވެސް ނައްޓާ ލުމަށްފަހު އެވެ.

ފުރަތަމަ ހާފުގެ 38 ވަނަ މިނެޓްގައި، ރެއާލްގެ ޕެނަލްޓީ އޭރިއާ ބޭރުން، ދަނޑުގެ އައުޓްލައިން ކައިރިން، ރެއާލްގެ ރަފޭލް ވަރާން އަތުގައި ބޯޅަ ޖެހުނެވެ. ނަމަވެސް ރެފްރީ ނިންމީ، ވަރާން އަތުގައި ބޯޅަ ޖެހުނީ ބޭރު ރޮނގު ބޭރުން ކަމަށެވެ. ސެލްޓަގެ އެބޯޅައަށް ހުރަސް އަޅަން ދިޔަ ވަރާންގެ އެއްފައި ހުރީ ބޭރު ރޮނގު މަތީގަ އެވެ.

ވަރާންގެ އަތުގައި ބޯޅަ ޖެހުނީ، ބޭރުން ކަމަށް، ރެފްރީ ނިންމުމުން، ސެލްޓަގެ އިއާގޯ އެސްޕަސް ވަނީ އާގިއުކޮށްފަ އެވެ. ރެފްރީ ވަނީ، ރެފްރީގެ ނިންމުމަށް ދެކޮޅު ހެދި ކަމަށް ބަަލައި، އެސްޕަސްއަށް ރީނޑޫ ކާޑް ދައްކާފަ އެވެ.

ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓް ތެރޭގައި، ރޮނާލްޑޯ ވަނީ ރެއާލްގެ ލީޑް ފުޅާ ކޮށްދީފަ އެވެ. އޭނާ މިފަހަރު ވެސް ލަނޑު ޖެހީ އިސްކޯ ހޯދައިދިން ފުރުސަތަކުން ނެވެ.

ފަސްދޮޅަށް ދެ ވަނަ މިނެޓްރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން، އެސްޕަސް ބޯޅަ ހިފައިގެން ހުއްޓައި، ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އޭނާ ގާތްވެ ބޯޅަ އަށް ޗާޖު ކުރުމުން އެސްޕަސް ވަނީ، ޕެނަލްޓީ އޭރިއާ ތެރެއަށް ވެއްޓިފަ އެވެ. ނަމަވެސް ރެފްރީ ނިންމީ އެސްޕަސް ޑައިވް ކުރީ ކަމަށެވެ. ކުރިން އޭނާ އަށް ރީނދޫ ކާޑެއް ދައްކާފައި ވުމުން، ރެފްރީ ވަނީ އޭނާ އަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. ބޯޅަ ހިފައިގެން

ދިހަ ކުޅުންތެރިންނަށް މަދުވިނަމަވެސް، ސެލްޓައިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. އެގޮތުން މެޗުގެ 69 ވަނަ މިނެޓްގައި، ރެއާލްގެ ކުޅުންތެރިންނަށް ހެދުނު މިސްޓެއްގެ ފައިދާ ނަގައި ސެލްޓަވީގޯގެ ޕިއޯނެ ސިސްޓޯ އަށް ލިބުނު ބޯޅަ އޭނާ ދިނީ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރި، ޖޯން ގްޑައިޓީ އަށެވެ. އޭނާ ވަނީ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އެ ބޯޅަ ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.

ނަމަވެސް އޭގެ ދެ މިނެޓް ފަހުން، މާސެލޯ ދިން ބޯޅަ އެއްގައި ކަރީމް ބެންޒެމާ ވަނީ، ހުހަށް ހުރެ ގޯލް ތެރެއަށް ބޯޅަ ފޮނުވާލައި، ރެއާލްއަށް އަނެއްކާވެސް ދެ ލަނޑުގެ ލީޑެއް ނަގައިދީފަ އެވެ.

އޭގެ ފަހުން، ރޮނާލްޑޯ އަށް ވަނީ ހެޓްރިކް ހަދަން ރަނުގެ ފުރުސަތު ލިބިފަ އެވެ. ކައުންޓަ އެޓޭކްގައި، ސެލްޓަވީގޯގެ ހާފުގެ ތެރެއިން ރޮނާލްޑޯ އަށް ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާއާ ހަމަޔަށް ގޮސް އޭނާ ބޯޅަ ދިނީ، ބެންޒެމާ އަށެވެ. ބޯޅަ ދިނުމަށްފަހު، ރޮނާލްޑޯ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ބޯޅަ އަށް ހުސްވުމުން، ބެންޒެމާ ވަނީ އެ ބޯޅަ ރޮނާލްޑޯ އަށް ފުރުސަތު ދީފަ އެވެ. ގޯލްގެ ކަނަށް ވާގޮތަށް ރޮނާލްޑޯ ފޮނުވާލަށް މަސައްކަތް ކުރި ބޯޅަ ދިޔައީ އިންޗިއްހައި ބޭރުން ނެވެ.

ރެއާލްގެ ހަތަރު ވަނަ ލަނޑު 88 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ޓޯނީ ކްރޫޒް އެވެ. އޭނާ ލަނޑު ޖެހީ ބެންޒެމާ ތަނަވަސްކޮށްދިން ބޯޅައިން ނެވެ.

މިފަހަރުގެ ލީގް ރެއާލް ހޯދައިފިނަ، މިއީ ފަސް އަހަރު ފަހުން ރެއާލް އަށް ލީގް ލިބޭ ފުރަތަމަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން ލީގް ހޯދާފައި ވަނީ 2012 ވަނަ އަހަރު އެވެ. ނަމަވެސް ސްޕެނިޝް ލީގްގެ އެންމެ ކާމިޔާބު ޓީމަކީ ރެއާލް އެވެ. މިއީ ސްޕެނިޝް ލީގް ރެއާލް ހޯދާނެ 33 ވަނަ ފަހަރެވެ،