ނަގޫރޯޅި އެރުން

އައްޑޫގައި ލިބުުނު ގެއްލުންތައް ބަލަން ރައީސްގެ ވަފުދެއް

އައްޑޫ ސިޓީ، ހިތަދޫއަށް ނަގޫ ރޯޅިއެއް އަރައި ލިބުނު ގެއްލުންތައް ބަލައި ސާފުކުރުމަށް ހާއްސަ ވަފުދެއް ފޮނުވަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

ރައީސްގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ (މުއާ) މިއަދު ވިދާޅުވެފައި ވަނީ ރޭގެ ވަގުތެއްގައި އައްޑުއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން އެ ގެއްލުންތައް ބަލަން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ވަފުދެއް އެ އަތޮޅަށް ފޮނުވަން ރައީސް ނިންމާފައިވާ ކަމަށާއި ވަފުދުގައި އެންމެ އިސްކޮށް ހުންނަވާނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ކަމަށެވެ.

މީގެ އިތުރުން މުއާޒު ރޭ ވިދާޅުވީ އައްޑޫގައި ދިމާވި ހާދިސާގެ ހަބަރު ރައީސް ޔާމީން އެއްސެއްވީ ހިތާމައާއި އެކުގައި ކަމަށެވެ. އަދި ހިތަދޫގެ ހާލަތު ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި އައްޑޫ ސިޓީގެ މޭޔަރަށް ގުޅުއްވައި ހާލަތު އޮޅުން ފިލުއްވަވާފައިވާ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ހިތަދޫއަށް އެރި ނަގޫ ރޯޅީގައި 10 ގެއެއް ވަނީ ދިރި ނޫޅެވޭ ވަރަށް ހަލާކުވެފަ އެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.