ދީން

ޝަލަބީގެ ހާއްސަ މަދަހައެއް މަންމައިންނަށް

މޯލްޑިވިއަން އައިޑޮލް ނިންމާލުމަށްފަހު އެންމެ ފުރަތަމަވެސް ޝަލަބީ އިބްރާހިމް ގެނެސްދިނީ މަދަހަ އަލްބަމެކެވެ. އެއީ މިދިޔަ ރޯދަ މަހު އެވެ. އެ ފަހުން ޝަލަބީ ވަނީ އަލް ހާފިޒް އަހްމަދު ނަބީހުގެ އަމިއްލަ މަދަހަ އަލްބަމެއް ނެރުމަށް ވެސް އެހީތެރިވެދީފަ އެވެ. އަނެއްކާވެސް މިރޭ ޝަލަބީގެ މަދަހައެއް ރލީޒްކުރަން ވަނީ ނިންމާފަ އެވެ.

މި މަދަހަ އަކީ މަންމައިންނަށް ހާއްސަކޮށްފައިވާ މަދަހަ އެކެވެ. އެ މަދަހައިގެ ނަމަކީ "ތިއީ އޭ ހިތް މަގޭ" އެވެ. މަދަހަ ރިލީޒް ކުރަން ހަމަޖެހިފައިވަނީ ދަރުބާރު ގޭގައި މިރޭ ބާއްވާ ހާއްސަ ދަރުހެއްގަ އެވެ. ދަރުހުގައި ލައިވްކޮށް މި މަދަހަ ޝަލަބީ ހުށަހަޅައިދޭނެ އެވެ.

އެއަށްފަހު މަދަހައިގެ އޯޑިއޯ ޔޫޓިއުބަށް އަދި ސައުންޑްކްލައުޑުން ވެސް ލިބެން ހުންނާނެ އެވެ.

"މަންމަ" މި މައުޟޫއަށް މިރޭ ދަރުސް ދެއްވަން ހަމަޖެހިފައިވަނީ ޝެއިހް އާދަމް ޝަމީމެވެ. މިރޭ 8:30 ގައި ފެށޭ ދަރުސް ލައިވް ކުރާނެ އެވެ. އަދި ބޭނުން ފަރާތްތަކަށް އާންމުކޮށް ވަދެވޭގޮތަށް ވަނީ ހުޅުވާލާފަ އެވެ.

ޝަލަބީ މިދިޔަ އަހަރު ނެރުނު މަދަހަ އަލްބަމްގެ ނަމަކީ "ހިދާއީ ނޫރު" އެވެ. އެ އަލްބަމްގެ މަދަހަ ސީޑީތައް ޝަލަބީ ވަނީ ހިލޭ ބަހާފަ އެވެ.

މަދަހައިގެ އިތުރުން ޝަލަބީ ވަނީ ރީތި ލަވަތަކެއްވެސް އޭނަގެ ސަޕޯޓަރުންނަށް ހަދިޔާއެއްގެ ގޮތުގައި ދޫކޮށްލާފަ އެވެ.