އެމްއެންޑީއެފް

ސިފައިންގެ ބަޑި މުބާރާތް ނިންމާލައިފި

May 18, 2017

މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ސިފައިން ބާއްވާ ބަޑި މުބާރާތް ނިންމާލައިފި އެވެ.

އިންޑިވިޖުއަލް އަދި ޓީމް އިވެންޓްތައް ހިމަނައިގެން، މިމަހު ހަވަނަ ދުވަހު ގިރިފުށީ ޓްރޭނިން ސެންޓަރުގައި ފެށި މިއަހަރުގެ ބަޑި މުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީން އެންމެ މޮޅު ބަޑި ޖެހުންތެރިއަކަށް ހޮވިފައިވަނީ ޕްރެޒިޑެންޝަލް ގާޑްގެ ސްޓާފް ސާޖަންޓް އަހުމަދު ރަޝާދެވެ. ދެވަނައަށް ހޮވުނީ މެރިން ޑިޕްލޮއިމަންޓް 7 ގެ ކޯޕްރަލް މުޙައްމަދު ފައްޔާޒެވެ. ތިންވަނައަށް މާލޭ އޭރިއާ ހުޅުލެ ޕޯސްޓްގެ ސާޖަންޓް ފަސްޓްކުލާސް މުޙައްމަދު ޢަލީއެވެ.

ޓީމް އިވެންޓް ފަޔަރިންތައް ކުރިއަށްދިޔައީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ. ގިންތި 1 ގެ އެއްވަނަ ހޯދީ ސްޕެޝަލް ފޯސަސް އެވެ. މި ގިންތީގެ ދެވަނަ މެރިން ޑިޕްލޯއިމަންޓް ޔުނިޓެވެ. ތިންވަނަ މާލޭ އޭރިއާ ހުޅުލެ ޕޯސްޓެވެ.

މި މުބާރާތުގެ ގިންތި 2 އިން އެއްވަނަ ޓީމަކީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އެވެ. މި ގިންތީގެ ދެވަނަ ޕްރެޒިޑެންޝަލް ގާޑް އަށް ލިބުނު އިރު ތިންވަނައަށް ގޮސްފައިވަނީ އިންޓެގްރޭޓެޑް ހެޑްކުއޯޓާއެވެ.

ވަނަވަނައަށް ތައްޓާއި، މެޑަލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޝާހިދެވެ.

ސިފައިންގެ އަހަރީ ބަޑި މުބާރާތަކީ މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މުބާރާތެކެވެ. އިނގިރޭސި ޢުމަރު މަނިކަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ.