ދިވެހި ފިލްމީ ދާއިރާގެ އެންމެ އުހުގައި ފިޔަޖެހި އަދި މިހާރުވެސް ފިޔަޖަހަމުންދާ ގިނަ ތަރިންނަކީ އޮފީސްތަކުގެ ޑްރާމާތަކުން ފިލްމީ ދުނިޔެއަށް އުފަންވި ތަރިންނެވެ. ބެލުންތެރިންގެ މެދުގައި މަގުބޫލު ތަރިންނަށް އެތަރިން ވީ އޮފީސްތަކުގެ ޑްރާމާތަކުގައި ދައްކާލި ކުޅަދާނަ އެކްޓިން އިންނެވެ. ދިހަ އަހަރުގެ މެދު ކެނޑުމަކަށްފަހު 2015 ވަނަ އަހަރުވެސް އޮފީސް ޑްރާމާ މުބާރާތް ވުޖޫދަށް ގެނައީ އެދާއިރާއަށް އިންގިލާބެއް ގެންނަ މުބާރާތަކަށް އެމުބާރާތް ވާތީ އެކަންޏެއް ނޫނެވެ. ހުނަރުން ފުރިފައިވާ ތަރިން ދާއިރާއަށް ނެރުމުގެ މަގްސަދުގައިވެސް މެ އެވެ.
މި މުބާރާތް އަލުން ކޮންމެ އަހަރަކު ގެނެސްދިން ފަހުން ރޯދަ މަހުގެ ބިޒީ ޝެޑިއުލްގައި އޮފީސް ޑްރާމާ އަކީވެސް މުހިންމު ބައެކެވެ. ޑްރާމާ އަންނަ ގަޑިއަށް ވަގުތު ހުސްކޮށްގެން ޓީވީ ދޮށަށް އަންނަ މީހުން ވަރަށް ގިނަ އެވެ.
ރޯދަމަހު ބެލުންތެރިންނަށް މުނިފޫހި ފިލުވައި ދިނުމަށް މިއަހަރުވެސް އެންވާރަމެންޓު މިނިސްޓްރީން ޑްރާމާއެއް ހުށަހަޅައިދޭނެ އެވެ. އެ މިނިސްޓްރީން މިފަހަރު ހުށަހަޅައިދެނީ އިޖުތިމާއީ މައްސަލަތަކެއްވެސް ފެނިގެންދާ ލޯބީގެ ވާހަކަ އެކެވެ. އެންވާރަމެންޓުގެ ޑްރާމާ އާ ބެހޭގޮތުން އެ ޑްރާމާ ޑައިރެކްޓްކުރި އަލީ ޝާމިން ބުނީ މިއީ 50 މިނެޓުގެ ޑްރާމާއެއް ކަމަށެވެ. އަދި މިއަހަރުގެ ޑްރާމާގައިވެސް ފެނިގެން ދާނީ މިދިޔަ އަހަރު އެ އޮފީހުން ބައިވެރިކުރި ޑްރާމާއިން ވެސް ފެނިގެން ދިޔަ ތަރިން ކަމަށެވެ.
މިއީ އެ މިނިސްޓްރީން އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި ބައިވެރިވި ތިން ވަނަ ފަހަރެވެ. އެންވާރަމެންޓް މިނިސްޓްރީގެ ޑްރާމާ ލިޔެފައިވަނީވެސް ޝާމިން އެވެ. ޑްރާމާގެ މަސައްކަތް ގާތްގަނޑަކަށް މިހާރު ވަނީ ނިންމާލާފަ އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ސޯޝަލީ މެސެޖެއް ބެލުންތެރިންނަށް ދީފައި ބެލުންތެރިންގެ މުނިފޫހިވެސް ފިލުވައިދިނުން،" ޝާމިން ބުންޏެވެ.
އޮފީސްތަކުގެ ޑްރާމާ މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ފިލްމީ ދާއިރާއަށް އައު ފަންނާނުންނަށް ދައުވަތު ދިނުމާއި ފަންނުވެރިކަމުގެ ދާއިރާއިން ކުރިއަށްދިޔުމުގެ ޝައުގު ހުންނަ ފަރާތްތަކަށް ދާއިރާއަށް ވަނުމަށް ހިތްވަރު ދިނުން ކަމަށް މުބާރާތް އިންތިޒާމްކުރި އެންސީއޭ އިން ބުނެ އެވެ.
މިފަހަރުގެ އޮފީސް ޑްރާމާ މުބާރާތުގައި ނުވަ އޮފީހަކުން ބައިވެރިވެފައިވާ އިރު އެއްވަނަ އަށް މިފަހަރުވެސް ދޭން ނިންމާފައިވަނީ ބައި ލައްކަ ރުފިޔާ އެވެ. އެންމެ މޮޅު އެކްޓަރާއި އެކްޓްރެސް އަށް 15،000 ރުފިޔާގެ އިނާމެއް ދޭން ނިންމާފައިވާ ކަމަށް އެންސީއޭ އިން މައުލޫމާތުދެ އެވެ. އަދި އެންމެ މޮޅު ސަޕޯޓިން އެކްޓަރާއި އެކްޓްރެސް އަށް 10،000 ރުފިޔާގެ އިނާމެއް ދޭން ވަނީ ނިންމާފަ އެވެ. ޖުމްލަ 10 ކެޓަގަރީއަކުން ވަނީ އެވޯޑްދޭން ނިންމާފަ އެވެ.
އޭގެ ތެރޭގައި އެންމެ މޮޅު ޑްރާމާ، އެންމެ މޮޅު އެކްޓާ/ އެކްޓްރެސް، އެންމެ މޮޅު ސަޕޯޓިން އެކްޓާ/ އެކްޓްރެސް، އަދި ބެލުންތެރިނަަށް އެންމެ ކަމުދިޔަ އެކްޓާ/ އެކްޓްރެސް ހިމެނެ އެވެ. އަދި މީގެ އިތުުރުން އެންމެ މޮޅު ލަވައަށްވެސް މިއަހަރު އެވޯޑު ދޭނެ އެވެ. އެއީ ޖަޖުންނަށް އެންމެ ކަމުދިޔަ ލަވަ އަދި ބެލުންތެރިންނަށް އެންމެ ކަމުދިޔަ ލަވަ އަށް ދޭ އެވޯޑެވެ. ބެލުންތެރިނަށް އެސްއެމްއެސް ކުރުމުގެ ފުުރުސަތުވެސް ހުޅުވާލާފައިވާއިރު ތިން ޖަޖުން ހިމެނޭ ހާއްސަ ޕެނަލެއްވެސް އެންސީއޭ އިން ވަނީ އައްޔަނުކޮށްފަ އެވެ.