މޫސުން

ހަ މީހުނާއެކު ދަތުރުކުރި ކޮޅުވެއްޓިއެއް ގެއްލިގެން ހޯދަނީ

ރާއްޖެއަށް މޫސުން ގޯސްވެފައި ވަނިކޮށް ހަ މީހުނާއެކު ކ. ތުލުސްދޫން ފުރި ކޮޅުވެއްޓިއެއް ގެއްލިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ ކެޕްޓަން އިބްރާހިމް އާޒިމް މިރޭ ވިދާޅުވީ ތުލުސްދޫއިން ދަތުރު ފެށި ސެނޯކް ޕްރައިވެޓް ލިމިޓެޑްގެ ކޮޅުވެއްޓިއެއްގެ ހަބަރު ނުވެގެން ކޯސްޓު ގާޑަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އޭގައި ހަތަރު ބިދޭސީންނާއި ދިވެހިންގެ ދެ މީހަކު ތިބި ކަމަށެވެ. އެންމެ ފަހުން އެ ކޮޅުވެއްޓީގެ ހަބަރެއްވެފައި ވަނީ މިދިޔަ އަނގާރަ ދުވަހުގެ ރޭ 9:30 އެހާކަންހާއިރު އެވެ.

"މާރިޔާ" ނަމަކަށް ކިޔާ މި ކޮޅުވެއްޓިއަކީ ދިގު މިނުގައި 168 ފޫޓު ހުންނަ އުޅަނދެކެވެ. އޭގެ ބޭރުގައި ފެހި ކުލަ އަދި މައިގަނޑުގައި ހުދު ކުލަ ލާފައި ވެއެވެ.

ކޮޅުވެއްޓި ގެއްލުގެން ހޯދާއިރު މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކަށް މޫސުމަށް ސަމާލުވާން އަންގާފަ އެވެ. މިއަދު ހެނދުނުވެސް އދ. އޮމަދޫ ދޯންޏެއް ވަނީ ކަނޑަށް ބަންޑުން ޖަހާލާފަ އެވެ.