ބޮލީވުޑް

"ވީރޭ ދި ވެޑިން" ގެ ޝޫޓިން ފެށުން އޮގަސްޓަށް ލަސްކޮށްފި

May 19, 2017

ބަތަލާ ކަރީނާ ކަޕޫރު އަލަތު ދަރިފުޅު ތައިމޫރް މިދިޔަ ޑިސެމްބަރުގައި ވިހެއި ފަހުން އަންނަނީ އަލުން އެނބުރި ސްކްރީނަށް އަންނަން ތައްޔާރުވަމުންނެވެ.

ވިހެއިތާ ފަސް މަސް ދުވަހުގެ ތެރޭގައި ހަށިގަނޑަށް ބޮދު ބަދަލުތަކެއް ކަރީނާ ގެނެސްފައިވަނީ މި މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައި އޮތް "ވީރޭ ދި ވެޑިން" އަށް ތައްޔާރުވުމުގެ ގޮތުުންނެވެ.

ނަމަވެސް އަނެއްކާ ވެސް މި ފިލްމުގެ ޝޫޓިން ފެށުން މިވަނީ ލަސްކޮށްފަ އެވެ. މި ފިލްމުގެ ޝޫޓިން އޮގަސްޓް މަހުގެ ތެރޭގައި ފަށާ ގޮތަށް ލަސްކޮށްފަިއވާކަން ފިލްމުގެ ޕްރޮޑިއުސަރު ރީއާ ކަޕޫރު ވަނީ ޔަގީންކޮށްދީފަ އެވެ.

އިންޑިއާ ޓުޑޭ އަށް ރީއާ ދިން އިންޓަވިއުއެއްގައި ވަނީ "ވީރޭ ދި ވެޑިން" ގެ ޝޫޓިން ފެށުން އޮގަސްޓަށް ލަސްކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި އޭނާ ވަނީ މި މަހގެ ތެރޭގައި ފިލްމުގެ މަދު މަންޒަރުތައް ނަގާނެ ކަމަށާއި ނަމަވެސް ރަސްމީކޮށް ފިލްމުގެ ޝޫޓިން ފަށާނީ އޮގަސްޓުގައި ކަމަށެވެ.

މި ފިިލްމުގެ ޝޫޓިން ދެވަނަ ފަހަރަށް ލަސްކޮށްފައިވާ ސަބަބެއް ރީއާ ހާމަކޮށްފައިނުވީ ނަމަވެސް ފިލްމުގައި ކަރީނާ އާއެކު ލީޑްރޯލުން ފެނިގެންދާނެ ސޯނަމް ކަޕޫރު އަންނަނީ "ޕެޑްމޭން" އާއި ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަންޒަރުތައް ނަަގަމުންނެވެ.

ރީއާ ވަނީ ކަރިނާ މަންމަ އަކަށްވީ ވަރަށް ފަހުން ކަމަށް ވުމުން އޭނާ ވެސް ބޭނުންވަނީ ދަރިފުޅާ އެކު ވަގުތު ހޭދަކުރަން ކަމަށް ބުނެފަ އެވެ. ނަމަވެސް އޮގަސްޓްގައި ފިލްމުގެ ޝޫޓިން އަށް ނިކުންނަން ކަރީނާ ތައްޔާރު ކަމަށް ވެސް ވަނީ ބުނެފަަ އެވެ.

ކަރީނާ އާއި ސޯނަމް އާއެކު ސްވަރާ ބާސްކަރާއި ޝިކާ ޓަލްސާނިޔާ މުހިންމު ރޯލުން ފެނިގެންދާ މި ފިލްމަކީ އިންޑިއާގައި އުފައްދާ ފުރަތަމަ ބަތަލާއިން ލީޑްރޯލުން ފެނިގެންދާ ފިލްމެވެ. މި ފިިލްމުގެ ޝޫޓިން 55 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރީއާ ވަނީ ބުނެފަ އެވެ.

ރީއާ އާއި އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓްކުރަނީ ޝަޝަންކް ގޯޝް އެވެ.