މިދިޔަ އަހަރު ފެށިގެން އައި އިރު އެންމެ ގިނަ ބަޔަކު އެ އަޑެއްގައި ޖާދޫގައި ޖެހި އެ އަޑުން ނެގި ރާޅުގައި ކަނޑުވެ ބެހިގެން ދިޔަ އެއް އަޑަކީ ކ. މާފުށި އަހްމަދު ނަޒީހު (ރާޅު ބޯއީ)ގެ އަޑެވެ. ނިކަން ގިނަ ޒުވާން އަންހެން ކުދިން ވަނީ ނަޒީހުގެ މި ވަރުގަދަ އަޑުގެ ޖާދުލުން އުފެދުނު ލޯތްބެއްގައި ޖެހި ހަފުސްވެފަ އެވެ. ކިތަންމެ ފޮނި ހުވަފެންތަކެއް ދެއްކި ނަމަވެސް އެ އަޑު އަރައިގެން ގޮސް ގެއްލުނީ އެވެ. އެރީ ހަވައަށް ކަމެއް ނުވަތަ ފަޒާއަށް ކަމެއްވެސް ދަންނަ މީހުން މަދެވެ.
މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގެ ގާލާ ރައުންޑުގެ ތިން ވަނަ ބުރާއި ހިސާބުން އައިޑޮލް އަށް ސަލާން ބުނެފައި ނަޒީހަށް ނުކުންނަން ޖެހުމުން ގިނަ ބަޔަކު ރުޔެވެ. ނަމަވެސް އެއީ ނަޒީހު ދެރަވި ކަމެއް ނޫނެވެ. އެހާ ހިސާބަށް އާދެވުމުންވެސް ނަޒީހު ހުރީ އުފަލުންނެވެ.
މުބާރާތުން ވަކިވުމަށްފަހު އެންމެ ފުރަތަމަވެސް ބުނީ ވަރަށް އަވަހަށް ނަޒީހުގެ އަމިއްލަ ލަވައެއް އަޑު އިވޭނެ ކަމަށެެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް އެ ލަވަ ފޭނުންނާ ހިސާބަކަށް ނާދެ އެވެ. ނަޒީހުވެސް ނުފެނުނެވެ. ހިސާބެއްގެ މާޔޫސްކަމެއް ލިބި ނަޒީހު މަތިން ބައެއް މީހުން ހަނދާން ނެތުނީވެސް އެހެންވެ އެވެ.
"ނަޒީހު ނުފެންނަނީކީ ނޫނޭ އަސްލު. ޓީވީން ނުފެންނަންޏާވެސް ދެން މީހުން އެހެން ބުނާނެތާ. އެކަމަކު އަސްލު ނަޒީހުއެއް ނުގެއްލޭ. ލައިވްކޮށް ގެސްޓް ހައުސްތަކުގަ އާއި ރިސޯޓުތަކުގައި ކުޅެމޭ. އެހެންވެ އެބައިން މޮޅުވާން އަދި ބޭނުމީ. އެބައިން ހިސާބަކަށް މޮޅުވީމަ އަމިއްލަ ލަވައެއް ނެރެން ވެގެން،" އަވަސް އިން މި ހަފްތާގައި މާފުށްޓަށް ކުރި ދަތުރުގައި އެރަށުގައި ހުރެ އަވަސް އަށް ދިން އިންޓަވިއުއެއްގައި ނަޒީހް ބުންޏެވެ.
އެހެންވީމަ އަމިއްލަ ލަވައެއްގެ މަސައްކަތް ނަޒީހު ކުރިއަށް އެބަ ގެންދެ އެވެ. މިއަހަރުގެ ފަހުކޮޅު އެ ލަވަ ފެންނާނެ ކަމުގެ ޔަގީންކަން ނަޒީހު ދިނެވެ. މިހާރު އެ ލަވައިގެ ލިރިކްސް ވަނީ ނިމިފަ އެވެ. މި ލަވައިގެ ވީޑިއޯ އިން ނަޒީހުވެސް ފެންނާނެ އެވެ.
"ދޭތެރެއަކުން މިހެން އުޅެފައި ލަން ފޭސްބުކަށްށާ އެއްޗެއްސަށް ލަވަ ކިޔާލާފައި. އެކަމަކު އެއީ އިނގިރޭސި ލަވަތައް. އެއީ ގިނައިން ކިޔެނީ އިނގިރޭސި ލަވަ. މުޅިންވެސް ބޭރު މީހުން ކުރިމަތީގައި މިކިޔަނީ. އެހެންވެ. އަނެއްހެން ނަޒީހު ވަރަށް ކިޔާ ހިތްވެސްވޭ އިނގިރޭސި ލަވަ،" ނަޒީހު ބުންޏެވެ.
"އަސްލު ނަޒީހު މުޅިއަކުން ރިސޯޓު މިއުޒިކަށް ހުސްވީކީވެސް ނޫން. އެކަމަކު ރިސޯޓުން އެބަ ލިބޭ ބޮޑު އިންކަމެއް އެހެން ތަންތަނާއި ބަލާފައި. ދުނިޔޭގެ އެހެން ތަންތަނާއި ބަލާފައި މިތަނުގައި މިއުޒިކްގައި ސަވައިވް ވާން ވަރަށް ފަސޭހަ މިއުޒިކްގައި، އެއީ ރިސޯޓަކަށް މަހެއްގެ ހަތަރު ދުވަހު ދާން ޖެހޭނީ. އެގޮތަށް ވަރަށް ބޮޑު އެއްޗެއް ޖެހޭނެ ދެތިން ރިސޯޓަށް ދަންޏާ. ރިސޯޓަށް ދަންޏާ މީހާ ވަރަށް މޮޅުވާ ކަމެއް އެއީ، ލައިވްކޮށް ކުޅޭއިރު ވަރަށް އެއްޗެހި ދަސްވޭ،"
ނަޒީހު މިހާރު ދަނީ ގިޓާ ކުޅެންވެސް ދަސްކުރަމުންނެވެ. ދުވާލުގެ ގިނަ ވަގުތު ހޭދަކުރަނީ ގިޓާ ކުޅުމުގަ އެވެ. ޓޫރިސްޓުން ގޮވައިގެން ދަތުރުތައް ގޮސް ހަދައެއް ނޫޅެ އެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް އާއިލާގެ ގެސްޓްހައުސްގެ ވިޔަފާރީގައި ނަޒީހު ހަރަކާތްތެރިވެ އެވެ. ހުރިހާ ވަގުތެއް ހޭދަކުރަނީ ލަވަ ކިޔުމުގަ އެވެ.
"މިހާރު ހަމަ ލަވަ ކިޔަނީ. މިހެން ބުންޏަސް ދޭތެރެއަކުން މަސައްކަތް ކުރަން. ފެމެލީ ބިޒްނަސް އެއް ވީމަ މަސައްކަތް ކުރަން ޖެހޭނެތާ، ނަޒީހު އަސްލު ވަރަށް މަސައްކަތް ކުރާ ހިތްވެސް ވޭ. ދޮންބެމެން އެންމެން ރައްޓެހިންވެސް އެންމެން އުޅޭނީ މަސައްކަތުގައި. އަނެއްކާ އެއް ކަމެއް ކުރަނީ، އެހެންވެ ކުރަން އެމީހުންނާ އެކީގައި. ދެން މިކޮޅުގައި އެހެން ބައެއް ގެސްޓްހައުސްތަކުގައި ޝޯވެސް ދެން،" ނަޒީހު ބުންޏެވެ.
އައިޑޮލް އިން ވަކިވި ދުވަސްކޮޅު ދެތިން ލަވައެއް ކިޔަން ފުރުސަތު ލިބުނެވެ. ބަޔަކަށް ލަވައެއް ކިޔައިވެސް ދިނެވެ. އެލަވައިގެ ވީޑިއޯ ނުނިމޭތީ އަދި ރިލީޒް އެއް ނުކުރެ އެވެ. އޭގެ އިތުރަށް ފިލްމު ކުޅުމާއި އިޝްތިހާރު ކުޅެންވެސް ނަޒީހަށް ފުުރުސަތު ލިބުނެވެ. ނަމަވެސް އެކްޓް ކުރަން ބޭނުންނުވާތީ އެ ފުރުސަތުތައް ދޫކޮށްލީ އެވެ.
"ނަޒީހުގެ ލަވައަކީވެސް ވީޑިއޯ ލަވައެއް. އެކަމަކު އެކްޓެއް ނުކުރާނެ. ނަޒީހުގެ އެކްޓަކީ ހިނިއައުން. އެހެން ކަމެއް ކުރާކަށް ނޭނގޭނެ. ފެންނާނެ އެކަމަކު އެލަވައިގައި. އެކްޓް ކުރާކަށް އިންޓްރެސްޓެއްވެސް ނެތް،"
ރިސޯޓުތަކަށް ގޮސްގެން އެއްޗެހި ދަސްކުރުމުގެ އިތުރަށް މިއުޒިކް ކިޔަވަން ނަޒީހު ވަނީ ވިސްނާފަ އެވެ. ރޯދައަށް ފަހު ތިން މަސް ދުވަހުގެ ގިޓާ ކޯހަކަށް ނަޒީހު ދާނެ އެވެ.
ދެން މިއޮތީ ނަޒީހުގެ ލޯބީގައި ދީވާނާވި އަންހެން ކުދިންނަށް ދޭން އޮތް އުފާވެރި ހަބަރެވެ. ނަޒީހު އަދިވެސް ސިންގަލް އެވެ. ނަމަވެސް ކުއްޖަކާ ރައްޓެހިވުމުގެ ވިސްނުމެއް އަދިވެސް އޭނާގެ ނެތެވެ.
"ނަޒީހު އަބަދުވެސް ހުންނާނީ ސިންގަލްކޮށް ކަންނޭނގެ، ވަރަށް ގިނަ މީހުން އަހާ މީހަކާ ރައްޓެހިވެގެންހޭ. ނޫން. ނުވަން އަދި ރައްޓެއްސެއް. ނަޒީހު އަކާ ނުގުޅެ ކަންނޭނގެ ރައްޓެހިވެގެން އުޅޭކަށް. ނަޒީހު ބޭނުންވާ ކަހަލަ މީހެއް ނުފެންނަނީ، ދެން ދުވަސް ޖެހުނީމަ އެކަންވެސް ވާނެތާ، މިވަގުތު ނެތް މީހަކާ ރައްޓެހިވާ ހިޔާލެއް" ހެވިފައި އިނދެ ނަޒީހު ބުންޏެވެ.