ރިޕޯޓް

ސޭންޑްވިޗް ބާ: ހިތްރުހޭނީ މިތާ!

"މަގޭ ސޭންޑްވިޗް މަ ބޭނުންވާ ގޮތަށް،" ބޭނުންވާ ގޮތަކީ މިއީ އެވެ. އެހެނަސް "މަ ބޭނުންވާ ސޭންޑްވިޗް މަ ބޭނުންވާ ގޮތަށް،" ލިބޭ ގޮތެއް ނުވެ އެވެ. ބޭރު ގައުމުތަކަށް ގޮސް، ހިތްރުހޭ ގޮތަށް އެމީހަކު ބޭނުންވާ އެއްޗެއް އަޅައިގެން ވަގުތުން ސޭންޑްވިޗް ތައްޔާރުކޮށް ލިބެ އެވެ. އެންމެ ގިނަ ދިވެހިން މިގޮތަށް ދަންނާނީ "ސަބްވޭ" އެވެ. އެހެނަސް ރާއްޖޭގައި ލިބެން ހުންނަނީ މެނޫގައި ޖަހާފަ އެ އޮންނަ އެއްޗެއް އެ އޮތް ގޮތަށެވެ.

މެނޫގައި އޮންނަ އެތީގެ ރަހަތައް ގިނަ ފަހަރަށް ހިތްރުހޭ ގޮތެއް ނުވެ އެވެ. މި ރަހަ މަޑު ނަމައޭ ނޫނީ މި ސޯސް ނެތް ނަމަ ހިތަށް އަރަ އެވެ. މިކަމާ ހިތް ނުރުހިފައި ތިބި މީހުންގެ ހިތްރުއްސީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ޖަނަވަރީ ހިނގުން (ދަރުބާރުގެ ކުރިމަތި ގޯޅި)ގައި ހުޅުވި ކުޑަކުޑަ އެކަމަކު ރީތި ކެފޭ އެވެ. "ސޭންޑްވިޗް ބާ" އެވެ.

އެތަން ހުޅުވިގެން އައީ، "މަގޭ ސޭންޑްވިޗް މަ ބޭނުންވާ ގޮތަށް،" ފޯރުކޮށްދިނުމަށެވެ. ދިވެހިންގެ ތެރެއަށް މި އާ ހިޔާލު ގެނެސް ފައްކާކޮށްލި އެވެ. އަމިއްލައަށް ބޭނުންވާ ތަކެތި އިހުތިޔާރުކޮށްގެން އަމިއްލަ ސޭންޑްވިޗް ހަދާލައި ހިތްހަމަޖެހިލައިގެން ކާލުމުގެ ފުރުސަތު "ސޭންޑްވިޗް ބާ"އިން ހުޅުވައިދިނެވެ.

ތިން ޒުވާނުންގެ ހުވަފެން

"ސޭންޑްވިޗް ބާ" ހުޅުވިތާ އަދި މާގިނަ ދުވަސްތަކެއް ނުވި ނަމަވެސް މި ހިޔާލެއް އުފެދުނުތާ ފަސް ވަރަކަށް އަހަރުވެއްޖެ އެވެ. ހިޔާލުގެ ފަހަތުގައި ތިބީ ތިން އެކުވެރިން ކަމަށްވާ އަލީ މަޝާރް މުސްތަފާ އާއި ސައްމާން ޝަމީމް އަދި އަލީ ހަމީޒެވެ. ސޭންޑްވިޗް ބާ އުފެދިގެން އައީ މެލޭޝިއާގައި ކިޔަން ތިބެ ސައްމާން އަދި ޝަމީމަށް އައި ހިޔާލެއް މާލެ އައިސް އަލީ ހަމީޒަށް ބައްދަލުވެ އެ ހިޔާލު ފައްކާވެގެންނެވެ.

"އަމިއްލަ ނޭމެއް ކްރިއޭޓްކުރަން ބޭނުންވީ، ފްރެންޗައިސަކަށް ދިޔުމުގެ ބަދަލުގައި އަމިއްލަ ބްރޭންޑެއް ހެދުމަށް އިސްކަންދިނީ، މީތި ފްރެންޗައިޒަކަށް ހަދަން މާ ސަޅިވާނެތީ،" މަޝާރް ބުންޏެވެ.

ޒުވާން އުމުރުގައި ވިޔަފާރީއެއް ފެށުމުގެ ވިސްނުމުގައި ތިބި ތިން ޒުވާނުންނަށް ސޭންޑްވިޗް ބާގެ އިންސްޕިރޭޝަން އައީ މޭކްޔުއާއޯން ސޭންޑްވިޗްގެ އެންމެ މަޝްހޫރު ބްރޭންޑް، ސަބްވޭއިން އެވެ. އެތަނަކީ ތިން ޒުވާނުންނަށް ވެސް މަގުބޫލު ތަނެކެވެ. ސަބްވޭގެ ހިޔާލާއެކު ސޭންޑްވިޗް ބާ އުފެދުނީ ދިވެހި ރަހަތަކެއް ޖެއްސުމަށްފަހު އެވެ. ދިވެހިންނާ ގުޅޭ ގޮތަށް ސޯސްތަކާއި ޑްރިންކްސްތަކާއި ޑެޒާޓް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. ބޭނުމަކަށްވީ އަޖުމަ ބަލާލުމެވެ. ޗެލެންޖެއް ކޮށްލުމެވެ. އާ ކަމެއް ދިވެހިންގެ ތެރެއަށް ދޫކޮށްލުމެވެ. ނަތީޖާ ހަމަ ވަރަށް ފޮންޏެވެ.

"ހީކުރީ ވަރަށްވުރެ މާ ސަޅި ހަމަ ދިވެހިންނަށް ސަބްމެރިން ސިފަވެފަ މި ހުންނަނީ ވަކިން ކައްކާ މަސްގަނޑަކާއި ސޯސްތަކެއް ހުންނަ ކަހަލަ ސެޓް އެއްޗެއްގެ ގޮތަށް، އެއީ ބިރެއް ފުރަތަމަ، އެއީއޭ ރާއްޖޭގެ މާކެޓަށް ސަބްމެރިން ރަޖިސްޓާވެފަ އޮންނަ ގޮތަކީ، އެހެންވީމަ އޭތި ޗޭންޖްކޮށްލަން ބޭނުންވީ، އެއަށް އެޓޭކްކުރީ، އަސްލު ވަރަށް ސަޅި،" މަޝާރް ބުންޏެވެ.

ބޭނުންވާ ތަކެތި، އަމިއްލަ ތަކެތި

ސަބްމެރިންއެެއް ކާނަމަ އަބަދުވެސް ދާ ތަނެއް އޮވެ އެވެ. ނަމަވެސް އެ މަގު ބަދަލުކޮށް މިސްރާބު ސޭންޑްވިޗް ބާއާ ދިމާލަށް އަނބުރާލަން ޖެހެނީ އެތަނުގައި ތައްޔާރުކުރާ ސޭންޑްވިޗްތަކުގެ ތަފާތުކަމުންނެވެ. ވަގުތުން ތައްޔާރުކޮށްލަނީ ބޭނުންވާ ތަކެތި އަޅައިގެންނެވެ. އަޅަނީ ބޭނުންވާ ސޯހެވެ. ބޭނުންވާ ތަރުކީ އެވެ. ބޭނުންވާ ވައްތަރެއްގެ މަހެވެ. މިއަށްވުރެ ބޮޑު އުފަލެއް ކޮބައި ހެއްޔެވެ؟ އަދި އެންމެ ފާހަގަކޮށްލެވޭ ކަމަކީ މިތާ މުޅިން ވެސް ހުންނަނީ ތަނަށް ހާއްސަ އެއްޗެހި ކަމެވެ. އެ ރަހަތަކެއް އެހެން ތާކުން ނުލިބޭނެ އެވެ.

"ފުޑްގެ ވައްތަރު މި ގެންނަނީ މިކޮޅަށް ހާއްސަ ސަޕްލައަރުންގެ އަތުން، ޕްލޭން ވައިޓް ބްރެޑް ނޫން އެހެން ފްލޭވާތަކުގެ ބްރެޑް އެއީ ހަމަ ސޭންޑްވިޗް ބާއަށް ހަދައިދޭ އެއްޗެހި، މީލް ވެސް ގެނައީ ވަރަށް ބައިވަރު ރޭންޖްގެ، ދެން އަމިއްލައަށް ސޭންޑްވިޗް ހަދައިގެން ޓޭސްޓްކޮށް ޗޫސްކޮށްފަ އެހުރީ،" ސައްމާން ބުންޏެވެ. "ސޯސް ވެސް ހަމަ އެންމެ ފުރަތަމަ ދުވަހުން ވެސް ފައްޓައިގެން ސްޕެސިފިކް ބްރޭންޑްތަކެއް ހޯދައިގެން އެ ކޮލިޓީއަށް ބަލައިގެން ބްރޭންޑްތައް ޗޫސްކުރީ، ކޮންމެ އެއްޗެއް ވެސް ޓޭސްޓްކުރުމަށްފަހު، މިހާރު ކަސްޓަމަރުންގެ ފީޑްބެކާއެކު ސޯސްގެ އަދަދު ވެސް ވަނީ ގިނަ ކޮށްފަ،"

ދިވެހިންނަކީ އަބަދުވެސް ކުޅިކޮށް ކާ ބަޔެކެވެ. ފުރަތަމަ ސޭންޑްވިޗް ބާގައި އެންމެ ކުޅި ސޯސް ނެތުންވީ ކަސްޓަމަރުންގެ ކަންބޮޑުވުމަކަށެވެ. އެކަމާ ގުޅިން މުޅިން އާ ދެ ސޯސްއެއް ވަނީ ތައާރަފްކޮށްފަ އެވެ. އެހެންވެ މިހާރު ކުޅި ސޯސްގެ ތިން ސޯހެއް ހުރެ އެވެ. އޭގެ ތެރޭގައި ވަރަށް ކުޅި ސޯސްއެއް ހިމެނެ އެވެ. އެއީ ސީކްރެޓް ސޯސް އެވެ. އެއީ އެތަނަށް ވަކިން ހާއްސަކޮށް ހަދާފައިވާ ސޯހެކެވެ. ސީކްރެޓް ރެސެޕީއެކެވެ. އެ ސޯސްއާއެކު ސޭންޑްވިޗް ކެއުމަށް އަދާޔާ ހިލާފު ފޯރިއެއް ވަނީ އަރާފަ އެވެ.

"ސީކްރެޓް ސޯސް އެއީ މިހާރު ތަފާތު ޗެލެންޖަކަށްވެފަ އިންނަ އެއްޗެއް، އޭގެ ކުޅިކަމުން، އާދޭ ބައެއް މީހުން ރައްޓެހިން ގޮވައިގެން ޗެލެންޖްކޮށްގެން ވެސް، ކިތައް ލައިން ސީކްރެޓް ސޯސް އަޅައިގެންތޯ ސޭންޑްވިޗެއް ހުސްކޮށްލެވީ ބަލަން،" މަޝާރް ބުންޏެވެ.

ދިވެހި ޒުވާނުން ޓީމެއް

ސޭންޑްވިޗް ބާގައި ހިދުމަތް ދޭން މުޅިން ވެސް ތިބެނީ ދިވެހިންނެވެ. އެތަނުގައި ހަތް ދިވެހިން މަސައްކަތް ކުރެ އެވެ. އޭގެ ތެރޭގައި މިހާރު އެ ދާއިރާއިން ކިޔަވަމުންދާ ކުދިން ވެސް ހިމެނެ އެވެ. މި ތިން ޒުވާނުންގެ އަމާޒަކީ މުޅިން ވެސް ދިވެހިންނަށް ވަޒީފާ ދިނުމެވެ. އެމީހުން ބުނާ ގޮތުގައި ދިވެހި ކުދިން ހޯދުމަކީ ވެސް އަދި ގެންގުޅުމަކީ ވެސް އުނދަގޫ ކަމެއް ނޫނެވެ.

"ހޯދަން އުނދަގުލެއް ނޫން، ގިނައިން މި އުޅެނީ ސްޓޫޑެންޓްސް، އެއީ ހަވީރު ކުލާހަށް ގޮސް ޑިއުޓީ ނަގާ ކުދިން، އެ ކުދިން ވަރަށް އޯޕަން މިކަހަލަ ތަނެއްގަ ވޯކްކޮށްލަން، ޓާގެޓަކީ ހަމަ މުޅިން ވެސް ދިވެހިން ގެންގުޅުން،" މަޝާރް ބުންޏެވެ. "ކުދިން ހޯދާއިރު ވެސް ބަލަނީ މޮޅެތި ކައްކާއިނަކަށް ނޫން، އެކަމުގެ ޝައުގު ހުންނަ ކުދިންނަށް، ސޭންޑްވިޗާ ދޭތެރޭ އަހަރެމެން ދެކޭހާ ލޯބިން އެ ތައްޔާރުކޮށްދޭނެ ކުދިން، މިހާރު މިއޮތް ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް، ވަރަށް ޔަންގް ޓީމެއް، ޕީކް އަވާސްގަ މި އޮންނަނީ ކިޔު ހަދާފަ، އެ ކުދިންނަށް އިށީނދެލަން ވެސް ވަގުތު ކޮޅެއް ނުލިބޭނެ، އެކަމަކު ހަމަ ކުރާ ހިތުން މަސައްކަތް ކުރޭ،"

މިކަމަކީ ކަސްޓަމަރުންނާ ވަރަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަކަށްވާއިރު މިތާ މަސައްކަތްކުރާ ކުދިންނަކީ އެކަމަށް ނަމޫނާއެކެވެ. ކަސްޓަމަރުންނާ ހިނިތުންވުމާއެކު ވަރަށް ތަފްސީލްކޮށް ކައިދީ ހަދަ އެވެ. އެ ކުދިން ޓްރެއިންކޮށްފައިވަނީ އެގޮތަށެވެ. މިތަނުން ހިދުމަތް ހޯދާ މީހުންގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވެސް އެއީ އެވެ.

"ނޭނގޭ މީހުން އައިސްފިޔާ މި ކުދިން އެހީވާނެ، އެ ކުދިން ކިޔައިދޭނެ މިވެނި ސޯސްއަކަށް މިވެނި ގޮތަކަށް ކޮންބައިން ކުރީމަ އަންނަނީ މިވެނި ފްލޭވާތަކެކޭ، މިސާލަކަށް ބީފެއް ނަގައިފިނަމަ ރަނގަޅުވާނީ މިވެނި ސޯސްތަކެކޭ، އެވަރަށް ބުނެދޭނެ،" ސައްމާން ބުންޏެވެ.

މިހާރު ވެސް ތަފާތު، ދެން ވެސް ތަފާތު

ސޭންޑްވިޗް ބާއިން މިހާރު ވެސް ވަނީ ތަފާތު ކަންތައްތަކެއް ތައާރަފްކޮށްފަ އެވެ. ފޭސްބުކް ވަރަށް ތަފާތު ގޮތަކަށް ކަސްޓަމަރުންނާ މުއާމަލާތް ކުރާއިރު މިފަހުން ވަނީ "ބ" ބައްޓަމަށް ހަދާފައިވާ ފޮނި ކާއެއްޗެއް ވެސް ތައާރަފްކޮށްފަ އެވެ. ކުޑަ ކުދިން އެތަނަށް "ބ" ކާލުމަށް ވެސް ދެ އެވެ. ސޭންޑްވިޗް ބާގެ އަނެއް ކަމަކީ އަވަހަށް ހިދުމަތް ދޭންކުރާ މަސައްކަތެވެ. އަވަހަށް ކާލައިގެން ދާން ބޭނުންވާ މީހުންނަށް މިއީ ހަމަ އެއްވަނައިގެ ތަނެކެވެ.

އޭގެއިތުރުން ސޭންޑްވިޗް ބާގެ ލޯޔަލްޓީ ޕްރޮގްރާމެއް ވެސް ހިންގަ އެވެ. ތަރުހީބު ވެސް ބޮޑެވެ. ރޯދަ މަހަށް އަދި އޮތީ މާބޮޑު ކަމެކެވެ. ސޭންޑްވިޗް ބާއަށް ހާއްސަ އެޕެއް ތައާރަފްކުރާނެ އެވެ. ރޯދައަށް ހާއްސަކޮށް އެޕް ތައާރަފްކުރާއިރު މިހާރު ވެސް ކޮންމެ ދެ ހުކުރަކުން އެއް ހުކުރު ސޭންޑްވިޗް ބާއިން ވަރަށް ހާއްސަ ކަމެއް ދަނީ ކުރަމުންނެވެ.

"ދެ ހުކުރުން އެއް ހުކުރު ހާއްސަ ކަމެއް އެބަ ކުރަން، ފައްކާ ފްރައިޑޭގެ ނަމުގަ ޕްރިމިއަމް ފްލޭވާއެއްގެ ގޮތުގަ، މިތަނުން އާންމުކޮށް ނުލިބޭ ރަހައެއްގެ ސޭންޑްވިޗް ލިބޭނެ އެ ދުވަހު، މުޅިން ހާއްސަ ރަހައެއްގެ،" ސައްމާނު ބުންޏެވެ.

ދެން ވެސް އޮތީ ސޭންޑްވިޗް ބާއިން ތައާރަފްކުރި ކަމެކެވެ. ސެލްފް ސާވިސް ޑަސްބިނެވެ. އެ ޑަސްބިން އެގޮތަށް ބެެހެއްޓިއިރު އެއީ ތަރުހީބު ލިބޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ. ނަމަވެސް ޗެލެންޖެއްގެ ގޮތުގައި އެ ތިން ޒުވާން އެކަން ނަގައި ސެލްފް ސާވިސް ޑަސްބިނެއް ސޭންޑްވިޗް ބާގައި ވަނީ ބަހައްޓާފަ އެވެ.

"ސެލްފް ސާވިސް ޑަސްބިނެއް، ފުރަތަމަ ތައާރަފްކުރަން އުޅުނީމަ ވެސް ބުނި ރާއްޖޭގަ ތިކަން ނުވާނެއޭ، ބުނި ކާކުހޭ ކައިފަ އަމިއްލައަށް ތަށި އެއްލާލާނީ، ނުވާނޭ ބުނީ، އެެއީ ވެސް ޗެލެންޖެއް، އެކަމަކު 85 ޕަސެންޓްވަރު އަމިއްލައަށް ކައިފަ ހަމަ ޑަސްބިނަށް ލާފަ ދަނީ، އެއީ ބޭރު ތަންތަނުން ފެންނަ ރީތި އާދައެއް،"

ސޭންޑްވިޗް ބާއަކީ ހިތްގައިމު ގޮތެއް ވެސް ހުންނަ ތަނެކެވެ. އެތަން ޑިޒައިންކޮށް އެތަނުގެ ހުރިހާ ކަމެއް ކޮށްފައިވަނީ ތިން ޒުވާނުންގެ އަތުންނެވެ. އެފަދަ އިތުރު ތަންތަން ވެސް އެ ތިން ޒުވާނުން ހެދުމުގެ ވިސްނުން ގެންގުޅެ އެވެ. ތިން ޒުވާނުން ވެސް ބޭނުން ވަނީ މުޅި ރާއްޖެއަށް އެމީހުންގެ ވިޔަފާރި ފުޅާކުރާށެވެ. ގިނަ ޕްލޭންތަކެއް އެ ޒުވާނުންގެ އެބަހުއްޓެވެ.

"ދެން އުފެދޭނެ ސުވާލަކީ ދެން އަންނާނީ ކޮން އެއްޗެއް ބާ އޭ، އެއީ ސުވާލެއްގެ ގޮތުގަ އަދި ބާއްވާނީ، ހިންޓެއް ދެންޏާ ހަމަ ބާއެއް ދެން ވެސް އަންނާނީ،" ޝައްމާނު ބުންޏެވެ.

ސޭންޑްވިޗް ބާގައި 12 ފްލޭވާއެއް ހުންނައިރު މަޝާރް ބުނާ ގޮތުގައި އެމީހަކަށް ކަމުދާ ރަހަ ހޯދޭނީ އެންމެ މަދުވެގެން ވެސް 12 ފަހަރަށް އައިސް ހުރިހާ ފްލޭވާއެއްގެ އަޖުމަ ބަލައިގެންނެވެ. އެހެންކަމުން ދުވަސް ކިތަންމެ ސަކަރާތަސް ސޭންޑްވިޗް ބާއަށް ޖައްސާލުމަށް އޭނާ އެދެ އެވެ.

"ވަރަށް ސަކަރާތް ދުވަހަކު ވެސް ބޭނުންވާ ގޮތަށް ކަންތައްތައް ނުދާ ދުވަހަކު ވެސް ސޭންޑްވިޗް ބާއަށް އައިސް ބޭނުންވާ ގޮތަށް ސޭންޑްވިޗެއް ހަދައިލައިގެން ކާލާ، އެކަން ކޮށްދޭނަން،" މަޝާރް ބުންޏެވެ.

ސޭންޑްވިޗް ބާ މާލޭގައި ވައިގަ ހިފަމުން އަންނައިރު އެތަނަށް ދާ ގިނަ ބަޔަކަށް އިއްތިފާގުވެވޭ އެއް ހަގީގަތީ ސޭންޑްވިޗް ބާ ވަކި، ސަބްވޭއަކަށް ދޫނުކުރާ ކަމެވެ. މިތަނުގެ އަޖުމަ ނުބަލާ ތިބި މީހުން މިތަނަށް ޖައްސާލައި އަމިއްލަ ރަހައިގެ ސޭންޑްވިޗެއް ތައްޔާރުކޮށްލުން ހަމަ ވަރަށް މުހިންމެވެ.