ބޮލީވުޑް

ފިލްމެއްގެ ހިޔާލު "ވަގަށް" ނެގި ކަމުގެ ތުހުމަތު ކަންގަނާއަށް

May 21, 2017
2

"ކުއީން" އިން ވިދާލި ބަތަލާ ކަންގަނާ ރަނާވަތަކީ ބޮލީވުޑްގެ ތަރިންގެ ތެރެއިން އަބަދުވެސް ކޮންމެވެސް ބޮޑު ކަންތައްގަނޑެއްގެ ތެރޭގައި އުޅޭ އެކްޓަރެކެވެ.

ކަންގަނާގެ ދެން އެންމެ އަވަހަށް ރިލީޒްވާ ފިލްމު "ސިމްރަން" ގެ ސްކްރީން ޕްލޭ އާއި ޑައިލޮގްގެ ކްރެޑިޓްސް ކަންގަނާ ނަގާފައިވާ ކަމަށް އެ ފިލްމުގެ ޑައިލޮގާއި ސްކްރީންޕްލޭ ލިޔުނު އަޕުރްވަ އަސްރާނީ ވަނީ ތުހުމަތުކޮށްފަ އެވެ.

އެ ތުހުމަތުތަކުން ކަންގަނާ އަށް އަރައި ނުގަނެވެނިކޮށް އޭނާގެ ބޮލުގައި އިތުރު އިލްޒާމެއް މިވަނީ އަޅުވާފަ އެވެ.

ޑައިރެކްޓަރު ކޭތަން މެހެތާ މިވަނީ ކަންގަނާ އޭނާގެ އެންމެ އުންމީދީ ފިލްމު "ރާނީ ލަކްޝްމީ ބާއި" ކަންގަނާ "ހައިޖެކްކޮށްފައިވާ" ކަމަށް ބުނެފަ އެވެ.

ކޭތަން މިހެން ބުނެފައިވަނީ ކަންގަނާ ލީޑްރޯލުން ފެނިގެންދާ "މަނިކާނިކާ" އިއުލާންކޮށް އެ ފިލްމުގެ ޕޯސްޓަރު އާންމުކުރުމުންނެވެ. ކޭތަން ވަނީ ކަންގަނާގެ އެ ފިލްމަކީ އޭނާގެ ފިލްމުގެ ވާހަކައިގެ މައްޗަށް އުފައްދާ ފިލްމެއް ކަމަށް ބުނެފަ އެވެ. އަދި އޭނާ މިހާރު ވަނީ ކަންގަނާ އޭނާގެ ފިލްމުގެ ވާހަކަ ހައިޖެކްކުރި ކަމުގެ ތުހުމަތުގައި ލީގަލް ނޯޓިސްއެއް ވެސް ފޮނުވާފަ އެވެ.

"އަހަރެން މިހާރު ވަނީ ކަންގަނާ އަށް ނޯޓިސްއެއް ފޮނުވާފައި. އެ ފިލްމަކީ އަހަރެންގެ ވާހަކަ ވަގަށް ނަގައިގެން އެ ފިލްމު އުފައްދަނީ،" ކޭތަން ބުނެފައިވެ އެވެ.

"ރާނީ ލަކްޝްމީ ބާއި" އުފެއްދުމަށް ކޭތަން ވަނީ 10 އަހަރު ރިސާޗް ކުރުމަށް ހޭދަކޮށްފަ އެވެ. އަދި ފިލްމު އުފެއްދޭ ވަރަށް ހުރިހާ މައުލޫމާތެއް އެއް ކުރެވި ފިލްމުގެ ވާހަކަ އާއި ސްކްރިޕްޓް ތައްޔާރުކުރެވުމުން ކޭތަން ވަނީ 2015 ވަނަ މި ފިލްމު ހިފައިގެން ކަންގަނާ ކައިރިއަށް ގޮސްފަ އެވެ. އަދި ކަންގަނާ އަށް މި ފިލްމުގެ ލީޑްރޯލު ހުށަހަޅާފަ އެވެ.

އެ ފިލްމުގެ ހުރިހާ ސިއްރެއް ކަންގަނާ އަށް އެނގޭނެ ކަމަށް ބުނަމުން ކޭތަން ވަނީ ފިލްމަށް އޭނާ ހެދި ހުރިހާ ރިސާޗްތަކެއްގެ ކަރުދާހާއި ސްކްރިޕްޓް ވެސް ކަންގަނާ އަތުގައި ހުންނާނެ ކަމަށް ބުނެފަ އެވެ.

ކަންގަނާ އާއި ކޭތަންއާ ދެމެދު މައްސަލަތަކެއް ޖެހި އެ ފިލްމުގެ މަސައްކަތް ކުރިއަށް ވަނީ ނުގެން ގޮސްފަ އެވެ. އެގޮތުން ކަންގަނާ ފަހުން ވަނީ ޕްރޮޑިއުސަރު ކަމަލް ޖައިންއާ ގުޅިގެން އެ ވާހަކައިގެ މައްޗަށް "މަނިކާނިކާ: ދަ ކުއީން އޮފް ޖާސީ" ގެ ނަމުގައި ފިލްމެއް އުފައްދަން އިއުލާންކޮށްފަ އެވެ.

އެގޮތުން ކޭތަން ވަނީ ކަންގަނާ އަށް އޭނާގެ ވާހަކަ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އޭނާ ހޯދާފައިވާ މައުލޫމާތުތައް ބޭނުންކޮށްގެން ފިލްމެއް އުފައްދަން އުޅޭ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.