ބޮލީވުޑް

އެއްބަފާ ކޮއްކޮމެންނާ މާބޮޑު ގުޅުމެއް ނެތް: އަރްޖުން

May 21, 2017

ޒުވާން އެކްޓަރު އަރްޖުން ކަޕޫރުގެ މަންމަ އާއި ބައްޕަ ބޮނީ ކަޕޫރު ވަރިވެފައިވަނީ އޭނާގެ އުމުރުން 11 އަހަރުގަ އެވެ. ބައްޕަ އާއި މަންމަ ވަރިވުމުން އަރްޖުން އާއި އޭނާގެ ކޮއްކޮ އަންޝުލާ އުޅެ ބޮޑުވީ އެކަނިވެރި ދިރިއުޅުމެއްގަ އެވެ. ބައްޕައެއްގެ ލޯބި މާބޮޑަށް ނުލިބި އެވެ. މަންމަ ވަނީ ފަހުން މަރުވެފަ އެވެ.

ބައްޕަ ބޮނީ ކަޕޫރު މަޝްހޫރު ބަތަލާ ޝްރީދޭވީއާ ކައިވެނިކޮށް ދެ ކުދިން ވަނީ ލިބިފަ އެވެ. ޖާންވީ ކަޕޫރާއި ހުޝީ ކަޕޫރަކީ ކުރިއަށް އޮތް ތަނުގައި ބޮލީވުޑުން ފެނިގެންދާނެ ދެ ކުދިންނެވެ. ޖާންވީ ބޮލީވުޑަށް ނިކުންނަން އަންނަނީ ތައްޔާރުވަމުންނެވެ.

އިއްޔެ ރިލީޒްވި އަރްޖުން ލީޑްރޯލުން ފެނިގެންދާ "ހާފް ގާލްފްރެންޑް"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އެއްބަފާ ދެ ކޮއްކޮމެންނާއި އޭނާއާ އޮންނަ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަމުން އަރްޖުން ވަނީ އެމީހުންނާއެކު އެހާ ގާތްގުޅުމެއް ނޯންނަ ކަމަށް ބުނެފަ އެވެ.

"ޖާންވީ އާއި ހުޝީއާ ދިމާވެ އެކުގައި ވަގުތު ހޭދަނުވާތީ ކޮއްކޮ ބޭބެއެއްގެ ގުޅުމެއް އެވަރަކަށް ނޯވޭ،" އަރްޖުން ބުނެފައިވެ އެވެ.

އަރްޖުން އިތުރަށް ވަނީ ޅައުމުރުގައި މަންމަ އާއި ބައްޕަ ވަރިވުމުން ކައިވެންޏާ މެދު އޭނާ ދެކޭ ގޮތް ބަދަލުވި ކަމަށް ބުނެފަ އެވެ.

އެއްބަފާ ދެ ކޮއްކޮއާ ގާތް ގުޅުމެއް އަރުޖުންގެ ނެތް ނަމަވެސް ބޮނީ ކަޕޫރްގެ ކޮއްކޮ އަނިލް ކަޕޫރްގެ ތިން ދަރިން ކަމަށްވާ ރީއާ ކަޕޫރާއި ސޯނަމް ކަޕޫރު އަދި ހަޝްވަރުދަން ކަޕޫރާ ވަރަށް ގާތް ގުޅުމެއް އަރުޖުން ބާއްވަ އެވެ. އެ ތިން މީހުންނާއެކު ޗުއްޓީ ހޭދަކުރުމާއި އެކުގައި ގިނަ ވަގުތުތަކެއް އަރުޖުން ހޭދަކުރެ އެވެ.