ދިވެހި ސިނަމާ

ކޮޕީ އިއްސެ އާ އެކު އެމްއޭސީއެލް ތަފާތު ޑްރާމާއަކަށް

މުނިފޫހި ފިލުވުމަށް ރޯދަމަހު ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ޝައުގުވެރިވާ އެއް ޕްރޮގްރާމަކީ އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި ބައިވެރިކުރާ ޑްރާމާ ތަކެވެ. އަހަރުން އަހަރަށް މި މުބާރާތުގައި ބައިވެރިވާ އޮފީސްތަކުގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެ މުބާރާތުގެ ފޯރީގައި މިއަހަރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ވެސް މި ވަނީ ޖެހިފަ އެވެ.

މި މުބާރާތަށް އެއާޕޯޓް ކުންފުނިން ނުކުންނަނީ ފިލްމީ ދާއިރާގައި ތަޖުރިބާކާރު ފަރާތެއް ކަމަށްވާ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)ގެ ހިޔަނީގެ ފަހަތުގަ އެވެ. ކޮޕީ މުހައްމަދު ރަޝީދުގެގެ ސްކްރީން ޕްލޭއަކަށް ހަދާފައިވާ އެ ޑްރާމާ ޑައިރެކްޓްކޮށްފައިވަނީ ކޮޕީ އިއްސެ އެވެ. އިއްސެ ބުނީ އެ ޑްރާމާއިން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވާނީ ރާއްޖެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ އިޖްތިމާއި ދެ މައްސަލައެއްގެ މައްޗަށް ކަމަށެވެ.

އެމްއޭސީއެލްގެ ޑްރާމާގެ ނަމަކީ "ތައުބާ" އެވެ. ޑްރާމާގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ އެޑިޓިންގެ މަސައްކަތެވެ.

"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް ޑްރާމާ އާ ދޭތެރޭގައި. ޑްރާމާ މެދުވެރިކޮށް ދޭން ބޭނުންވާ މެސެޖް ބެލުންތެރިންނަށް ދެވުނީމަ އަޅުގަނޑުމެންގެ މަގްސަދު ހާސިލްވީ،" އެމްއޭސީއެލްގެ އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ އިއްސެ ބުންޏެވެ.

އިއްސޭ ބުނީ އެކުންފުނީގެ ފަރާތުން ހުށަހަޅާ ޑްރާމާއަކީ ޒަމާނަށް ފެތޭގޮތަށް އަދި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ ޑްރާމާއެއް ކަމަށެވެ.

މިފަހަރުގެ އޮފީސް ޑްރާމާ މުބާރާތުގައި ނުވަ އޮފީހަކުން ބައިވެރިވެފައިވާ އިރު އެއްވަނަ އަށް މިފަހަރުވެސް ދޭން ނިންމާފައިވަނީ ބައި ލައްކަ ރުފިޔާ އެވެ. އެންމެ މޮޅު އެކްޓަރާއި އެކްޓްރެސް އަށް 15،000 ރުފިޔާގެ އިނާމެއް ދޭން ނިންމާފައިވާ ކަމަށް އެންސީއޭ އިން މައުލޫމާތުދެ އެވެ. އަދި އެންމެ މޮޅު ސަޕޯޓިން އެކްޓަރާއި އެކްޓްރެސް އަށް 10،000 ރުފިޔާގެ އިނާމެއް ދޭން ވަނީ ނިންމާފަ އެވެ. ޖުމްލަ 10 ކެޓަގަރީއަކުން ވަނީ އެވޯޑްދޭން ނިންމާފަ އެވެ.

އޭގެ ތެރޭގައި އެންމެ މޮޅު ޑްރާމާ، އެންމެ މޮޅު އެކްޓާ/ އެކްޓްރެސް، އެންމެ މޮޅު ސަޕޯޓިން އެކްޓާ/ އެކްޓްރެސް، އަދި ބެލުންތެރިނަަށް އެންމެ ކަމުދިޔަ އެކްޓާ/ އެކްޓްރެސް ހިމެނެ އެވެ. އަދި މީގެ އިތުުރުން އެންމެ މޮޅު ލަވައަށްވެސް މިއަހަރު އެވޯޑު ދޭނެ އެވެ. އެއީ ޖަޖުންނަށް އެންމެ ކަމުދިޔަ ލަވަ އަދި ބެލުންތެރިންނަށް އެންމެ ކަމުދިޔަ ލަވަ އަށް ދޭ އެވޯޑެވެ. ބެލުންތެރިނަށް އެސްއެމްއެސް ކުރުމުގެ ފުުރުސަތުވެސް ހުޅުވާލާފައިވާއިރު ތިން ޖަޖުން ހިމެނޭ ހާއްސަ ޕެނަލެއްވެސް އެންސީއޭ އިން ވަނީ އައްޔަނުކޮށްފަ އެވެ.