ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލްގެ ގޮނޑިތައް ޕީޕީއެމްއަށް ކާމިޔާބު ނުވި ނަމަވެސް ނަގޫ ރޯޅިން ލިބުނު ގެއްލުންތަކަށް އެހީ ދިނުމުގައި ސަރުކާރު ފަހަތަކަށް ނުޖެހޭނެ ކަމަށާއި އައްޑޫއަށް ދޭ އެހީގެ މިންވަރު މަދު ނުކުރާނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްއިން ބުނެފި އެވެ.
ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް، ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ މިދިއަ ކައުންސިލް އިންތިހާބުގައި ވެސް އަދި އޭގެ ކުރިން ވެސް އައްޑޫ ސިޓީއަކީ އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮންނަ ސިޓީއަކަށްވިނަމަވެސް އެމްޑީޕީގެ ކައުންސިލުން މާބޮޑު އެހީއެއް އައްޑޫއަށް ވެދެވިފައި ނެތް ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައްޑޫ ރައްޔިތުންނަށް ގިނަ އެހީތަކެއް މިހާރު ވެސް ދެމުން ގެންދާ ކަމަށެވެ.
"ޕީޕީއެމްގެ މީހަކަށް ނުވަންޏާ ނުލަފާކަން ދައްކާ ރައީސެއް ނޫން މިއަދު ހުންނެވީއަކީ އެކަން މިއަދު ފެނިގެން އެބަދޭ. އައްޑޫގައި މި ހިންގާދިޔަ ކަންކަމަށް ފަހު ރައީސް ޔާމީން ކުރައްވާ މަސައްކަތުން ފާހަގަ ވަނީ އެމަނިކްފާނަކީ ދިވެހިންގެ ރައީސް އެއްގޮތުގައި،" ހަލީލް ވިދާޅުވި އެވެ. "ނަގޫ ރޯޅި އަރާފައި ވަނީ ހިތަދޫ މެދު ދާއިރާއަށް. އެ ދާއިރާގެ މެންބަރަކީ ވެސް އިދިކޮޅު ޕާޓީގެ މެންބަރެއް. ނަމަވެސް ރައީސް ޔާމީނަކީ އެމަނިކުފާނާ ހިޔާލު ތަފާތު ބޭފުޅަކު ހުއްޓަސް ރައްޔިތުންނަށް ގާތުން ހިދުމަތް ދޭން ބޭނުންވާ ވެރިއެއް،"
އައްޑޫއަށް އެރި ނަގޫ ރޯޅީގެ ސަބަބުން ހިތަދޫގަައި ހުރި 27 ގެޔަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އޭގެ ތެރެއިން 12 ގެއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތައް ވިއެވެ.
ގެއްލުންވި ހަތް ގެއެއްގެ ފުރާޅު ހަދާ ނިންމާފައިވާއިރު މިހާރުވެސް ދަނީ އާންމު ހާލަތަކަށް ގެނައުމަށް އެހީތައް ވަމުންނެވެ.
އައްޑޫއަށް އެހީވާ ސަރުކާރުގެ ވަފުދުގައި ހިމެނޭ ފަރާތްތައް
- އެމްއެންޑީއެފް
- ފުލުސް އޮފީސް
- އައްޑޫ ސިޓީ ކައުންސިލް
- އެމްއާރްޑީސީ
- ވެމްކޯ
- އެސްޓީއޯ
- ހައުސިން މިނިސްޓްރީ
- ފެނަކަ