ސައުދީ އަަރަބިއްޔާ

ހަނގުރާމަވެރިންްގެ ހަރަކާތް ބަލާ މަރުކަޒެއް ސައުދީން ހުޅުވަނީ

May 20, 2017

އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އެހެނިހެން ހަނގުރާމަވެރި ޖަމާއަތްތަކުން ހިންގާ ހަރަކާތްތައް މޮނިޓާ ކުރާ ސެންޓަރެއް ހުޅުވަން ސައުދީ އަރަބިއްޔާއިން ތައްޔާރުވެއްޖެ އެވެ.

ސައުދީ އަަރަބިއްޔާގައި މަރުކަޒުކޮށްފައިވާ މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އަލް އިއްސާ އާ ހަވާލާދީ ރޮއިޓާސް ބުނީ އެ މަރުކަޒު ހުޅުވާނީ މާދަމާ ކަމަށާއި އެއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީއަށް ކުރައްވާ ދަތުރުފުޅާ ދިމާކުރަން ކަނޑައެޅި ތާރީހެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ރައީސްގެ ހައިސިއްޔަތުންް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު ވަނީ ސައުދީއަށް ވަޑައިގެންފައެވެ.

ޓްރަމްޕާއި އޭނާގެ އަނބިކަނބަލުންނަށް ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރުން މަރުހަބާ ވިދާޅުވީ ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދެވެ.

ޓްރަމްޕް ކުރައްވާ އަށް ދުވަހުގެ ދަތުރުފުޅުގައި ސައުދީގެ އިތުން ދެން ވަޑައި ގަންނަވާނީ ބެލްޖިއަމާއި އިޒްރޭލް، ވެޓިކަން ، ސިސިލީ އަދި ފަލަސްތީނަށެވެ.

ޓްރަމްޕްގެ ދަތުރުފުޅަށް ޓަކައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ ސަލާމަތީ ކަންތައްތައް ވަނީ ވަރަށްް ބޮޑަށް ވަރުގަދަކޮށްފައެވެ.
ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ މަގުތަކަށް ގިނަ އަދަދެއްގެ ފުލުހުން ނެރެފައި ވާއިރު ހެލިކޮޕްޓަރުތަކުގައި ވެސް ފުލުހުން އަންނަނީ ހަރަކާތްތެެރިވަމުންނެވެ. އެމެރިކާގެ ވަފުދުގެ ބޭފުޅުން ތިއްބަވާނެ ކަމަށް ބެލެވޭ ރިޒް ކާލްޓަން ހޮޓަލުގެ ކަންތައްތައް ރިޔާޒުގައި ހުންނަ އެމެރިކާ އެމްބަސީގެ އޮފިޝަލުން ބައްލަވަމުން ގެންދަވާ ކަމަށް ވެސް ނޫހުން ބުންޏެވެ.

ޓްރަމްޕަށް މަރުހަބާ ދެންނެވުމަށް ރިޔާޒު ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިވެސް ކޮށްފައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގައި މައިގަނޑު ތިން ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އެއީ ސައުދީގެ އިސްބޭފުޅުންނާއެކު ބާއްވާ ބައްދަލުވުމަކާއި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ހަ ގައުމުގެ އޮފިޝަލުންނާއެކު ބާއްވާ ބައްދަލުމަކާއި އަރަބި އަދި އިސްލާމީ ވެރިންނާއެކު ބާއްވާ މެންދުރުގެ ފަރިއްކޮޅެކެވެ. އެ ފަރިއްކޮޅަށް 56 ބޭފުޅަކަށް ވަނީ ދައުވަތު އަރުވާފަ އެވެ.