ދުނިޔެ

އެއްބަސްވުން ގާއިމުކުރިޔަސް އީރާނަށް ހަމަލާ ދެވިދާނެ: އިޒްރޭލް

Apr 7, 2015

އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް ގެނައުމާ ބެހޭ އެއްބަސްވުމެއްގައި އެ ގައުމާ އެކު ދުނިޔޭގެ ބާރުތަކުން ސޮއިކުރަން ތައްޔާރުވަމުން ދިޔަކަމުގައި ވިޔަސް އީރާނަށް އިޒްރޭލުން ހަމަލާ ދޭން ޖެހިއްޖެ ނަމަ އަދިވެސް އެކަން ކުރާނެ ކަމަށް އިޒްރޭލު ސަރުކާރުގެެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫގެ އަރިސް ބޭފުޅެއް ކަމަށްވާ، މިިނިސްޓަ ފޯ ސްޓްރެޓެޖިކް އެފެއާޒް ޔުވާލް ސްޓެއިނިޒް ވިދާޅުވީ އިޒްރޭލުން ވެސް ބޭނުންވަނީ ވާހަކަ ދައްކައިގެ މައްސަލަތައް ހައްލުކުރަން ކަމަށާއި އެކަމަކު އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުނަ ނުދޭން ކުރެވޭނެ ކަމަކީ އަސްކަރީ ބާރުގެ ބޭނުންކުރުން ކަމަށްވާ ނަމަ އިޒްރޭލުން އެކަން ކުރާނެ ކަމަށެވެ. އޭނާ މިހެން ވިދާޅުވެފައި ވާއިރު އިޒްރޭލުން މީގެ ކުރިން ވެސް ބުނަމުން އަންނަނީ އީރާނުން މަސައްކަތް ކުރަނީ ނިއުކްލިއާ ހަތިޔާރު އުފައްދަން ކަމަށާއި އެކަން ކާމިޔާބު ވިޔަ ނުދިނުމަށް އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދޭން ޖެހިއްޖެ ނަމަ އިޒްރޭލުން އެކަމަށް ފަސް ނުޖެހޭނެ ކަމަށެވެ.

"އެ ނިންމުން އަދިވެސް އޮތީ އެގޮތަށް، އަދިވެސް އެބައޮތް. ކުރިއަށް އޮތް ތަނުގައި ވެސް އެކަން އޮންނާނީ އެގޮތަށް،" އީރާނަށް ހަމަލާ ދިނުމާ ބެހޭ ގޮތުން ސްޓެއިނިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީރާނަށް ހަމަލާ ދޭންޖެހެނީ އިޒްރޭލުގެ ހިމާޔަތުގައި ކަމަށާއި އިޒްރޭލު ހިމާޔަތް ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން އަަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށެވެ.

އީރާނާއި ބޮޑެތި ބާރުތަކުން މިހާރު އެއްބަސްވެފައި ވަނީ ނިއުކްލިއާ މައްސަލަ ހައްލުކުރުމާ ބެހޭ ފަހުގެ އެއްބަސްވުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެކުލަވާލުމަށެވެ. ނަމަވެސް އިޒްރޭލުން ވަނީ އެއްބަސްވުން ގާއިމުކުރަން އުޅޭ ގޮތާއި އޭގައި ހިމަނާ ކަންކަމާ ދެކޮޅު ހަދާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. --އޭޕީ