ސަޕޯޓަރުން ރޮއްވާލުމަށް ފަހު، ފުޓްބޯޅައިގެ ދެ ލެެޖެންޑުން ކަމަށްވާ ޖަރުމަންގެ ފިލިޕް ލާމް އާއި ސްޕެއިންގެ ޒަބީ އަލޮންސޯ ރޭ ކުޅުން ހުއްޓާލައިިފި އެވެ.
ބަޔާން މިއުނިކަށް ކުޅެމުންދާ މި ދެ ކުޅުންތެރިންގެ ފަހު މެޗަކަށްވީ ޖަރުމަން ލީގުގައި ރޭ ފްރައިބާގް އަތުން 4-1 އިން ބަޔާން މޮޅުވި މެޗަށެވެ. މި މެޗުގެ ކުރިން ބަޔާން އިން ވަނީ ޖަރުމަން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ.
ޖަރުމަންގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ލާމް ،33، އާއި އަލޮންސޯ ،35، ކުޅުން ހުއްޓާލީ، ކްލަބާއި ގައުމީ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު އެވެ.
ސްޓުޓްގާޓް އިން 2002 ވަނަ އަހަރު ބަޔާނަށް ބަދަލުވި ލާމް ވަނީ އެ ކްލަަބަށް 517 މެޗު ކުޅެދީފަ އެވެ. އެ ކްލަބާއެކު ލާމް ވަނީ ޖަރުމަން ލީގު އަށް ފަހަރު، އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ޖަރުމަންގެ ގައުމީ ޓީމާއެކު ލާމް ވަނީ 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.
ބަޔާން އިން ވަނީ އެ ކްލަބުގެ "ހޯލް އޮފް ފޭމް" އިން ލާމް އަށް ޖާގަ ދީފަ އެވެ. މިއީ ޖަރުމަނާއި ބަޔާންގެ ކުރީގެ ގޯލްކީޕަރު އޮލިވާ ހާން އަށް 2008 ވަނަ އަހަރު "ހޯލް އޮފް ފޭމް" އިން ޖާގަ ދިން ފަހުން އެ ޝަރަފު ބަޔާން އިން ކުޅުންތެރިޔަކަށް ދިންް ފުރަތަމަ ފަހަރެވެ.
ރެއާލް މެޑްރިޑާއި ލިވަޕޫލަށް ކުރިން ކުޅުނު އަލޮންސޯ ވަނީ ކްލަބު ކެރިއަރުގައި ދެ ފަހަރު ޗެެމްޕިއަންސް ލީގު ހޯދައިފަ އެވެ. ލީގު ޗެމްޕިއަންކަން ހަަތަރު ފަހަރު ހޯދިއިރު، އޭގެ ތެރެއިން ތިން ފަހަރު ލީގު ޗެމްޕިއަންކަން ހޯދީ ބަޔާންއާއެކު އެވެ. އަދި ސްޕެއިންގެ ގައުމީ ޓީމާއެކު އަލޮންސޯ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ.
ލީގުގައި ރޭ ފްރައިބާގްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބަޔާން އިން ވަނީ މި ދެ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.