ރާއްޖެ ކުޅިވަރު

ދަގަނޑޭ ނިއުއަށް ސޮއިކޮށްފި

ރާއްޖޭގެ އެއްވަނަ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަނގަޑޭ) ނިއުރޭޑިއަންޓަށް ސޮއި ކޮށްފި އެވެ.

ދަގަނޑޭ ނިއުރޭޑިއަންޓަށް ސޮއި ކުރީ މި ސީޒަންގެ ބާކީ އޮތް ބަޔަށެވެ. އޭނާއަށް ނިއު އަށް ކުޅޭނީ ޖޫން މަހުގެ ޓްރާންސްފާ ޕީރިއަޑްގައި ނިއުގެ ކުޅުންތެރިޔެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުންނެވެ.

ދަގަނޑޭ ވަނީ މީގެ ކުރިން ވެސް ނިއުއަށް ކުޅެފަ އެވެ.

ދެހާސް ސާދަ ވަނަ އަހަރު މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅެމުންދިޔަ، ދަގަނޑޭ އަށް ލިބުނު އަނިޔާއާ ގުޅިގެން، އެކުލަބު އޭނާގެ ކޮންޓްރެކްޓް ބާތިލު ކުރުމުން، މިދިޔަ ސީޒަންގެ މެދުތެރެއިން މާޒިޔާއާ ގުޅި ދަގަނޑޭ ވަނީ މާޒިޔާއަށް ދިވެހި ޕްރިމިއާ ލީގް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

މި ސީޒަންގައި، މެލޭޝިއާގެ ޕަހަންގުން ވަނީ ދަގަނޑޭ އެޓީމަށް ގެންދިއުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، މި ސީޒަންގައި އޭނާ ހުރީ އެއްވެސް ކުލަބަކާ ނުގުޅި އެވެ.

ދަގަނޑޭ އަކީ ރާއްޖޭގެ އިތުރުން ދެކުނު އޭޝިޔާގެ ވެސް ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ.

އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މަޖީދިއްޔާގެ ޓީމުން ފާހަގަ ކުރެވުނު، ދަގަނޑޭ އުމުރުން 16 އަހަރުގައި ކުލަބު ކެރިއާ ފެށީ ކުލަބު ވެލެންސިއާއިންނެވެ. ވެލެންސިއާގެ އިތުރުން ނިއުރޭޑިއަންޓަށާއި ވީބީ އައްޑޫ އެފްސީ އަށާއި ބުރުނާއިގެ ޑީޕީއެމްއެމް އެފްސީއަށްވެސް ދަގަނޑޭ ވަނީ ކުޅެފައެވެ.

މެލޭޝިއާގައި ކުޅެ، ދަގަނޑޭ ވަނީ މެލޭޝިއާގައި ކުޅޭ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑް ދެހާސް ސާދަ ވަނަ އަހަރު ހޯދާފަ އެވެ.