ސްޕެނިޝް ލީގްގެ ހުރިހާ މެޗެއްގައި، ލަނޑު ޖެހުމުގެ ރެކޯޑާއެކު މަލާގާ އެފްސީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން މޮޅުވެ، ރެއާލް މެޑްރިޑުން ސްޕެނިޝް ލީގްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މަލަގާގެ ދަނޑުގައި ކުޅުނު މެޗުގައި، ރެއާލް އިން ވަނީ މެޗު ފެށިގެން ދެ ވަނަ މިނެޓް ތެރޭގައި ލީޑް ނަގާފަ އެވެ. އިސްކޯ ދިން ރީތި ތުރޫ ޕާހަކުން، ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ކާމިޔާބު ކުރީ، މަލަގާގެ ކީޕަރު ކާލޯސް ކެމީނީ ކައިރިން ވެސް ނައްޓާ ލުމަށްފަހު އެވެ.
ސްޕެނިޝް ލީގްގައި، މީގެ ކުރިން ހުރިހާ މެޗެއްގައި އެއްވެސް ޓީމަކަށް ލަނޑު ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ރެއާލް އަކީ މި ރެކޯޑް ހާސިލު ކުރި ފުރަތަމަ ޓީމެވެ.
ރެއާލްގެ ދެ ވަނަ ލަނޑަކީ މެޗުގެ 55 ވަނަ މިނެޓްގައި، ނެގި ކޯނަރަކުން ސާޖިއޯ ރާމޯސް، ފޮނުވާލި ބޯޅަ ކެމީނީ ދިފާއު ކުރުމުން ބޯޅަ ލިބުނީ ރެއާލްގެ ޑިފެންޑަރު ރަފޭލް ވަރާން އަށެވެ. އޭނާ ބޯޅަ ދިނީ ގޯލް ކުރިމަތީގައި ހުހަށް ހުރި ކަރީމް ބެންޒެމާ އަށެވެ. ބެންޒެމާ ވަނީ އެބޯޅަ އެއް ފަހަރުން، މަލަގާގެ ގޯލް ތެރެއަށް ފޮނުވާލާފަ އެެވެ.
ބޯޅަ ފޮނުވާލިއިރު، ބެންޒެމާ އޮފްސައިޑް ވެފައިވާ ކަމަށް ބުނެ، މަލަގާގެ ކުޅުންތެރިން ވަނީ އެޕީލްވެސް ކޮށްފަ އެވެ. ނަމަވެސް ރެފްރީ ނިންމީ ގޯލެއް ކަމަށެވެ.
ކޯޗް ލުއިސް އެންރީކޭގެ ވަދާއީ ހޯމް މެޗުގައި، އެއިބާއާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި، ބާސާއިން ވަނީ 4-2 މެޗު ކާމިޔާބު ކޮށްފަ އެވެ. ބާސާއަށް ލީގް ލިބެން އޮތީ، ރެއާލް ބަލިވެ، ބާސާ މެޗުން މޮޅުވެގެން ނެވެ.
ބާސާގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ، ލިއޮނަލް މެސީ އެވެ. މެޗުގައި، މެސީ އަށް ހެޓްރިކް ހަދަން ވެސް ފުރުސަތު ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލީ ޕެނަލްޓީ ކާމިޔާބުވާ ގޮތެއް ނުވި އެވެ.
މިއީ ފަސް އަހަރު ފަހުން ރެއާލް އަށް ލީގް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން ލީގް ހޯދާފައި ވަނީ 2012 ވަނަ އަހަރު އެވެ. ނަމަވެސް ސްޕެނިޝް ލީގްގެ އެންމެ ކާމިޔާބު ޓީމަކީ ރެއާލް އެވެ. މިއީ ސްޕެނިޝް ލީގް ރެއާލް ހޯދި 33 ވަނަ ފަހަރެވެ،
ރެއާލް އަށް ވަނީ މި ސީޒަންގެ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމުގެ ފުރުސަތުވެސް ލިބިފަ އެވެ. އަންނަ މަހުގެ ތިން ވަނަ ދުވަހު ކުޅޭ ފައިނަލު މެޗުގައި އެ ޓީމު ނިކުންނާނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ ދެކޮޅަށެވެ.