ކުޅިވަރު

އިޓަލީގެ ޗެމްޕިއަންކަން ޔުވެންޓަސް އަށް

May 22, 2017

ކޮރަޓޯނޭގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އިޓާލިއަން ލީގް ނުވަތަ ސޭރިއާގެ ޗެމްޕިއަންކަންވެސް ހޯދައި، ޔުވެންޓަސްއިން ތާރީހީ ރެކޯޑެއް ގާއިމު ކޮށްފި އެވެ.

ޔުވެންޓަސްގެ ކާމިޔާބާއެކު، އެޓީމު ވަނީ، އިޓާލިއަން ލީގް ތާރީހްގައި ޖެހިޖެހިގެން ހަ ވަނަ ފަހަރަށް ލީގް ހޯދި ފުރަތަމަ ޓީމުގެ ޝަރަފު ހޯދާފަ އެވެ. މީގެ ކުރިން، އެއްވެސްޓީމަކަށް ޖެހިޖެހިގެން ފަސް ފަހަރަށް ވުރެ، އިތުރަށް ލީގް ކާމިޔާބު ކުރެވިފަ އެއް ނުވެ އެވެ.

ޔުވެންޓަސްގެ އިތުރުން ޓޮރިނޯ އާއި އިންޓަ މީލާންވެސް ވަނީ ޖެހިޖެހިގެން ފަސް ފަހަރަށް ލީގް ކާމިޔާބު ކޮށްފަ އެވެ. 2006 ން 2010 ވަނަ އަހަރުގެ ނިޔަލަށް އިންޓައިން ވަނީ ޖެހިޖެހިގެން ލިގް ކާމިޔާބު ކޮށްފަ އެވެ. ޓޮރިނޯ ވަނީ 1943 ން 1949 ށް ލީގް ޗެމްޕިއަންކަން ހޯދާފަ އެވެ. އެ މުއްދަތުގައި، އޭރު ފެތުރިގެން ދިޔަ ދުނިޔޭގެ ދެ ވަނަ ބޮޑު ހަނގުރާމައާ ގުޅިގެން ސީޒަނެއް މެދުކަނޑާވެސް ލިއެވެ.

ޕޮއިންޓަކުން ފައްދާލައިގެންވެސް، ލީގް ކަށަވަރު ކުރެވެން އޮތް، ޔުވެންޓަސްގެ ޓީމަށް 12 ވަނަ މިނެޓްގައި ލީޑް ނަގައިދިނީ މާރިއޯ މަންޒޫކިޗް އެވެ. މެޗުގެ 39 ވަނަ މިނެޓްގައި، ޕައުލޯ ޑިބާލާ ވަނީ ޔުވެންޓަސްގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ތިން ވަނަ ލަނޑު 83 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެލެކްސް ސެންޑްރޯ އެވެ.

މިއީ ފަސް ދުވަހުގެ ތެރޭ، ޔުވެންޓަސް ހޯދި ޑޮމެސްޓިކް ދެ ވަނަ ކާމިޔާބެވެ. މިދިޔަ ހަފުތާގައި އެޓީމު ވަނީ ލާޒިއޯ ބަލިކޮށް، އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

އެހެންކަމުން، މި ސީޒަންގައި ތިން ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިފައިވާ ހަމައެކަނި ޓީމަކީ ޔުވެންޓަސް އެވެ. އެޓީމަށް ވަނީ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިފަ އެވެ. އަންނަ މަހު ތިން ވަނަ ދުވަހު ކުލޭ ފައިނަލުގައި އެ ޓީމުން ވާދަ ކުރާނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.