މޯލްޑިވިއަން އައިޑޮލްގެ ދަތުރު ނިންމާލުމަށް ފަހު އެންމެ ފުރަތަމަވެސް ޝަމްވީލް މުހައްމަދު ބުނީ ރެސްޓް ކުރާނީ ކަމަށެވެ. އަމިއްލަ ލަވައެއް ނުވަތަ ލަވަޔާއި ގުޅުންހުރި އެހެން ހުރިހާ ކަމަކަށް ސަމާލުކަން ދޫކޮށްލާނީ ރޯދައަށްފަހުގައި ކަމަށެވެ.
ނަމަވެސް އައިޑޮލްގެ ގަދަ ތިނަކަށް ދަތުރުކޮށް މި ސީޒަންގެ ދެވަނަ ރަނަރަޕްކަން ޝަމްވީލަށް ހޯދައި ދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި ނ. އަތޮޅުގެ ރައްޔިތުންގެ މަތިން ޝަމްވީލް ވަރަށް ބޮޑަށް ހަނދާން ހުއްޓެވެ. ޝަމްވީލްގެ ޕްލޭން ބަދަލުކޮށްލައ މިއަދު ނ. ހޮޅުދޫއަށް ވެސް ދިޔައީ އެހެންވެ އެވެ. ޝަމްވީލްގެ މަންމަގެ އުފަން ރަށް ހޮޅުދޫ އަދި މުޅި އަތޮޅަށް ޝަމްވީލް ހަދިޔާއެއް ދޭން ބޭނުންވީ އެެވެ.
"މީ ޝަމްވީލްއަށް މި އަތޮޅު ރައްޔިތުން ކޮށްދެއްވި ސަޕޯޓްގެ ބަދަލުގައި ހަދިޔާއެއްގެ ގޮތުގައި ޝަމްވީލްގެ ފަރާތުން ދޭ ޝޯއެއް،" ޝަމްވީލް ބުންޏެވެ.
އެގޮތުން މާދަމާ ހޮޅުދޫގެ ބޯޅަދަނޑުގައި ޝަމްވީލްގެ ވަރަށް ހާއްސަ ޝޯއެއް އޮންނާނެ އެވެ. އާންމުކޮށް ހުރިހާ އެންމެނަށްވެސް ޝޯއަށް ވަދެވޭނެ އެވެ. ޝޯ އަށް މުޅި ރަށް މިހާރުވެސް ވަނީ ޒީނަތްތެރި ކުރަން ފަށާފަ އެވެ. މި ޝޯގައި ޝަމްވީލާއެކު އޭނާގެ ރަހުމަތްތެރިން ހިމެނޭ ބޭންޑެއްވެސް ޕާފޯމް ކުރާނެ އެވެ.
މިއަދު ޝަމްވީލަށް އެރަށުންވެސް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ގިނަ ބަޔަކު ބަނދަރު މައްޗަށް އެއްވެ ޝަމްވީލް އާ ސަލާމް ކުރަން ކިޔޫ ހަދާލައިގެން ތިބިއިރު ސަގާފީ ކުޅިވަރުތަކެއް ވެސް ކުޅުނެވެ. ޝަމްވީލަށް މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ކުޑަކުދިންވެސް ބަނދަރު މައްޗަށް ނުކުމެ ތިއްބެވެ.
"ޝަމްވީލްގެ ޝޯ އަށް ވަރަށް ބޮޑަށް ތައްޔާރުވަމުން މިދަނީ. ރަށުން ބޭރުން އަތޮޅުގެ އެހެން ރަށްތަކުގެ މީހުންވެސް ރަށަށް އެބަ އާދޭ. މާދަމާ ވެސް ކައިރި ރަށްތަކުން މީހުން އަންނަން ވަނީ ހަމަޖެހިފައި،" ހޮޅުދޫއިން އަވަސް އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.