ރިޕޯޓް

"ގެއްލުނުއިރު ހިތްހަމަ ޖެހުނީ ގާތުގައި އަންހެނުން ހުރުމުން"

  • އަންހެނުން އެރީ ރަށަށް ދާން
  • ރޭމްޕް ވެއްޓުމުން ދުވެލި ހުއްޓުނު
  • އަޅާނުލާ ކާގޯ ބޯޓެއް ދިޔަ

ކޮޅުވެއްޓި، "މާރިއާ ތިނެއް" ގައި އަންހެންހެނުންނާއި ބިދޭސީ ހަތަރު ފަޅުވެރިން ގޮވައިގެން ދަތުރު ކުރަނިކޮށް ގަދައިގައިޖެހި ގެއްލުނު އާދަމް ނައީމާއި އޭނާގެ އަންހެނުން ޒުލައިހާ އުސްމާން އަދި ބިދޭސީ ފަޅުވެރިންނަށް ސަލާމާތުން މާލެ އާދެވުނު ވަގުތު ނައީމްގެ ދެމަފިރިންގެ ރައްޓެހިންނާއި އާއިލާގެ މެންބަރު ތިބީ ޖެޓީ ކައިރިއަށް އެއްވެ އެވެ. އެމީހުން އެ ދެމަފިރިންގެ ގައިގާ ބައްދައި، ފިރުވާ ހެދީ ވަރަށް އުފަލުންނެވެ. ވީނުވީއެއް ނޭނގި ހަތަރު ދުވަސްވަންދެން ކަނޑުމައްޗަށް ގެއްލުމަށްފަހު އެނބުރި އާދެވި އާއިލާއާ ބައްދަލުވުމުން ތ. ވިލުފުއްޓަށް ނިސްބަތްވާ އާދަމް ނައީމަށް ބުނެވުނީ ކަނޑުމައްޗަށް ގެއްލުނު އިރު ގާތުގައި އަންހެނުން ހުރުމުން އެ ވަގުތުތަކުގައި ވެސް އޭނާ ހުރީ އުފަލުން ކަމަށެވެ.

މިދިއަ އަންގާރަ ދުވަހު ނައީމް، "މާރިޔާ 3" ކޮޅުވެއްޓީގެ ދަތުރު ތުލުސްދޫން ފެށީ، ލާމަށެވެ. ނަމަވެސް އޭނާގެ އަންހެނުން ޒުލައިހާ އުސްމާނު ވިލުފުއްޓަށް ބާލާފައި ދާގޮތަށެވެ. ދަތުރަށް އެރި އިރުވެސް މޫސުން ރަނގަޅެއް ނޫނެވެ. ދަތި އުނދަގުލުގައި ކޮޅުވެއްޓި ގަދަ ކަނޑުގައި ދުއްވަމުންދަނިކޮށް ނެގި ބިޔަ ރާޅެއްގައި ކޮޅުވެއްޓީގެ ރޭމްޕް އެއްކޮށް ވެއްޓުނެވެ. އޭރު ކޮޅުވެއްޓި އޮތީ ގުރައިދޫ އާއި މާފުއްޓަށް ދޭތެރޭ ބޭރުގަ އެވެ. ކޮޅުވެއްޓީގެ މިސްރާބު ހުރީ ބޮޑު މުލިން ކެޔޮދޫ ކަނޑަށް ނިކުތުމަށެވެ.

"ވިލާގަނޑުގައި ޖެހި، ވަޔާ ދަމުން ދަމުން ބޭރަށް ދިޔައީ، ދެ ދުވަސް ވަންދެން އަޅުގަނޑު ކޮޅުވެއްޓި ހިފެހެއްޓިން މ. އަތޮޅާއި 35 މޭލުގަ، އަނެއްކާ ގަދަވެގެން ރޭމްޕް ރާޅާ ޖަހައި ވައްޓާލީ، ރޭމްޕް ހުރަސްވުމާއެކު ކޮޅުވެއްޓީގެ ދުވުން ހުއްޓުނީ،" ނައީމް ބުންޏެވެ. "ރޭމްޕް ކަނޑައިގެން ދިއުމުން އްގޮތަކަށް ވެސް އަހަރެމެންނަކަށް ކުރިއަށް އާދެވޭ ގޮތެއް ނުވި، ދެން އެހެން ބޭރަށް ދަމުން ދަމުން ގޮސް، ގާތްގަނޑަކަށް 144 މޭލުގަ އަހަރެމެން މަސައްކަތް ކުރީ ރޭމްޕް ނެގޭތޯ، އެކަމަކު ވެސް ނުނެގުނު، އޭރު ވެސް ވަރަށް ވިއްސާރަ،"

އޭރު ކޮޅުވެއްޓީގެ މިސްރާބު އޮތީ ރާއްޖޭގެ ދެކުނަށެވެ. ނައީމް ނިންމީ، ކޮޅުވެއްޓީގެ މިސްރާބު އުތުރަށް ބަދަލު ކުރާށެވެ. ރާއްޖެއާ ކައިރިއަށް އާދެވޭނީ އުތުރަށް ދުއްވައިގެން ކަމަށް އޭނާއަށް ގަބޫލުކުރެވޭތީ އެވެ. ވާނުވާ ނޭނގި ދަތުރުކުރަމުން ދަނިކޮށް އުއްމީދު އަލިކޮޅެއް ދިއްލުނީ 20 ވަނަ ދުވަހުގެ ރޭ 11 ޖަހަނިކޮށެވެ.

"އަލި ކޮޅެއް ފެންނަން އިނީމަ، އެެންމެންނަށް އެންގިން އަވަހަށް ސިގްނަލް ފޮނުވާލަން، ސިގްނަލް ފޮނުވާލި ތަނުން އެއިން ވެސް އަޅުގަނޑުމެންނަށް ސިގްނަލެއް ދީފި، ދެން އަޅުގަނޑު ބުނިން މިހާރު އެހެރީ އެމީހުނާ އަހަރެމެންނާ ގުޅިފައޭ، ދެން އަވަހަށް ރެޑީ ކުރާށޭ އަލިފާން ޖެހުމަށް، ހުރިހާ އެއްޗެއް ރެޑީކޮށްފަ ހުންނާނީ، ދެން އިރުކޮޅެއް ނުވެ ސެޓުން އަޅުގަނޑުމެންނަށް އެމީހުންނަށް ގުޅިއްޖެ،" އިންޑިއާގެ މަނަވަރަށް ކޮޅުވެއްޓި ފެނުނު ގޮތް ނައީމް ހިއްސާކުރި އެވެ.

އެ ހަތަރު ދުވަހު ނައީމް ވަނީ ސެޓުންނާއި އެހެން ވެސް މުއާސަލާތީ އާލަތްތައް ބޭނުންކޮށް ގުޅަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ނައީމް ބުނީ، އެއްވެސް ވަރަކަށް ރޭންޖް ނުލިބޭތީ އެކަން ކާމިޔާބު ނުވި ކަމަށެވެ.

"ސެޓުން ގުޅަން ވެސް ވަރަށް މަސައްކަތް ކުރިން، އަބަދުވެސް ހުޅުވާފަ އިންނާނީ، އެކަމަކު އެއްވެސް ބަޔަކަށް އަޑެއް ނީވޭ،" ނައީމް ބުންޏެވެ.

ގެއްލި، ހަތަރު ދުވަހު ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި ތިބެން ޖެހުނަސް ނައީމް ބުނި ގޮތުގައި އެއްވެސް މީހެއްގެ ހިތްވަރެއް ބައްޔެއް ނުވެ އެވެ. ހާލެއް ވެސް ދެރައެއް ނުވެ އެވެ. ބަލިވެގެން މާލެ އައުމަށްފަހު ރަށަށް ދާން އެރި އޭނާގެ އަންހެނުން ޒުލައިހާ ވެސް އެ ހިތްވަރު ދެއްކި އެވެ. ކޮޅުވެއްޓީގައި ހުރިހާ އެއްޗެއް ބަރާބަރަށް ހުއްޓެވެ. ދެ ހަފުތާގެ ކޮއްތު ވެސް ހުއްޓެވެ.

"އެއްވެސް ކަހަލަ ބިރުވެރިކަމެއް އަޅުގަނޑަށް އިހުސާސްއެއް ނުވި، ދެރަވީ އާއިލާގެ އެއްވެސް މީހަކު ނުގުޅޭތީ، އިތުރު އެހެން ކަމެއް ނެތް، ކަނޑުމަތީގައި ހިތްހަމަޖެހުން ލިބުނީ އަބަދު ވެސް ގާތުގައި އަންހެނުން ހުރުމުން. އެއީ އެންމެ އުފާވިކަމަކީ އެއީ، މިކަހަލަ ހާދިސާއެއް ދިމާވިއިރު ގާތުގައި ހުރިކަން، އެހެންނޫންނަމަ އޭނާގެ ހާލު މާ ދެރަވީސް ކަންނޭނގެ ކައިރީގަ ނެތި ފެންނަން ނެތްނަމަ،" ނައީމް ބުންޏެވެ.

ރޭމްޕް ވެއްޓި، ދުވެލި ހުއްޓި، އެކި ކޮޅުކޮޅަށް ކޮޅުވެއްޓި އެނބުރި އެނބުރި އޮތްއިރު އެއްވެސް ބައެއްގެ ހިލަމެއް ނުވެ އެވެ. ނަމަވެސް ރޭމްޕް ވެއްޓުމުގެ ކުރިން، 19 ވަނަ ދުވަހުގެ ރޭ ރާއްޖެއާ ކޮޅުވެއްޓި ކައިރިވޭތޯ ދުއްވާފައިދަނިކޮށް ކާގޯ ބޯޓެއްގެ ހިލަންވި އެވެ. އެ ބޯޓުގެ އެހީ ހޯދުމަށް އަލިފާން ވެސް ޖެހި އެވެ. ނަމަވެސް އެމީހުން އެހީތެރިކަމެއް ނުލިބުނެވެ.

"އަލިފާން ޖަހާ އުޅެން ހެދީމަ އެ ބޯޓު އަނބުރާލާފަ ދުރަށް ދިޔައީ، އެ ދިޔަ ގޮތަށް އެ ބޯޓު ދިޔައީ، ކޮން ރަށެއްގެ ބޯޓެއް ކަމެއް ނޭނގޭ އެ، އެ ދިޔައީ މ. އަތޮޅާއި ލ. އަތޮޅާ ދޭތެރޭ ހުޅަނގު ބިތަށް، އޭރު ކޮޅުވެއްޓި އޮތީ ރާއްޖެއާ 119 މޭލު ބޭރުގަ،" ކޮޅުވެއްޓީގައި މަސައްކަތް ކުރާތާ އެއް އަހަރާއި އެއް މަސްވެފައިވާ ނައީމް ބުންޏެވެ.

އިންޑިއާ މަނަވަރަށް ކޮޅުވެއްޓި ފެނި، ކަފު ޖަހައިގެން ކޮޅުވެއްޓި ގެނައުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް، ކަނޑުގަދަވެ، މަނަވަރުން ކޮޅުވެއްޓި ކަފު ޖަހައިގެން ގެނައުމުގައި ލިބިދާނެ ގެއްލުމަކަށް ބަލާފަ އެކަން ނުކުރަން ނިންމީ އެވެ. އަދި ކޮޅުވެއްޓީގެ އިންޖީނު ރަނގަޅަށް ހުރުމުން މަނަވަރުގައި ކައިރީގައި އޮވެ ކޮޅުވެއްޓިއާއެކު ދަތުރު ފެށީ ކަމަށް އެކަމުގައި އިސްވެ އުޅުނު އިންޑިއާގެ ކޮމާންޑަރު ވިދާޅުވި އެވެ. އެގޮތަށް ދަތުރުކުރުމަށް ވެސް ގިނަ ވަގުތަކެއް ހޭދަވާތީ އެންމެފަހުން ނިންމީ ކޮޅުވެއްޓި ދޫކޮށްލުމަށްފަހު މީހުން ގޮވައިގެން މަނަވަރު މާލެ އައުމަށެވެ. މަނަވަރު މާލޭގައި ބަނދަރު ކޮށްފައިވަނީ މިއަދު ހެނދުނެވެ.

ބަނދަރުގައި އިންޑިއާގެ މަނަވަރަށް ނައީމާއި ޒުލައިހާގެ އާއިލާގެ މެންބަރުން މިއަދު ވަނީ އެމީހުންނަށް މަރުހަބާ ކިޔަން ވެސް ގޮސްފަ އެވެ. މަނަވަރުގައި ދުރު ބަލަހައްޓައިގެން ހުރި، ޒުލައިހާއަށް ނައީމު ގޮވާލުމަށްފަހު އާއިލާގެ މެންބަރުން ދެއްކުމުން އޭނާއަށް އެތައް އަސަރެއްކޮށް ބަޑި ފަޅައިގެން ދިޔަ އެވެ. އާއިލާ މެންބަރުންގެ ގައިގާ ބައްދައި އެތައް އިރަކު އެމީހުންނާއެކު ހޭދަކުރި އެވެ. އާއިލާގެ މެންބަރުން ބުނި ގޮތުގައި ނައީމާއި ޒުލައިހާ ހެޔޮ ހާލުގައި ތިއްބާ ފެނުމަކީ ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމެވެ.