ބާސެލޯނާ

ބާސާއަށް ކުރިމަތިވި މައްސަލައަކީ ކޮބާ؟ ދެން ކޮން ހައްލެއް؟

May 23, 2017
3

ފުޓްބޯޅައިގައި ވޭތުވެދިޔަ 10 އަހަރަކީ، ބާސެލޯނާ ޑޮމިނޭޓް ކުރަމުން ދިޔަ 10 އަހަރޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ނަމަވެސް، އެޓީމުގެ ސްޕީޑް ބަދަލު ވެއްޖެ އެވެ. ހިނގަމުންމިދާ 10 އަހަރުގެ ތެރެއިން، 2013/2014 ގެ ސިޒަނަށްފަހު، މިއީ ބާސާގެ ސިސްޓަމަށް ބޮޑު ލޮޅުމެއް ކުރިމަތިވި އަހަރެކެވެ. ދެހާސް ތޭރަ އަދި 2014 އިގެ ސީޒަންގައި ބާސާއިން މުޑުވަށްކޮށް ފައްކާ ކުރި ގޭމް ސިސްޓަމް އެ ޓީމުން ދެމެހެއްޓި އެވެ.

"ޓިކީޓަކާ" ގެ ނަމުގައި، ބާސެލޯނާގެ ފުޓްބޯޅަ ލެޖެންޑް ޔޯހާން ކްރައިފްގެ މާސްޓާމައިންޑް ފިލޯސަފީ އާއި ވިސްނުމާއެކު ފައްކާކުރި، ބޯޅަ ޕޮޒިޝަންގެ ހިތްގައިމު ޕާސިންގޭމްގެ އަސްލު ބާސާގެ ސްޓައިލްގައި ފަނޑުވެއްޖެ އެވެ. މިއީ އެކަން އެންމެ ބޮޑަށް ފެނިގެންދިޔަ ސިޒަނެވެ. ކުރިއަށް އޮތް ހޫނު މޫސުމުގައި، ބާސާއަށް އޮތީ، މަރާމާތު ކުރުމުގެ މަސައްކަތް ކުރަން ޖެހިފަ އެވެ.

ބާސާގެ ހަޔާތުގައި ފެނުނު ތިން ވަނަ އަށް އެންމެ ކާމިޔާބު ކޯޗް ލުއިސް އެންރީކޭ، މި ސީޒަނަށް ފަހު ބާސާ ދޫކޮށްލާނެ ކަމަށް އިއުލާން ކުރުމުން، އެ ޓީމަށް އޮތީ މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލައިގެން ނެވެ. އެންރީކޭއަށް ދެން އޮތީ، ސްޕެނިޝް ކަޕްގެ ފައިނަލު މެޗު އެކަންޏެވެ.

ކޯޗަކަށް ދެން ކާކު؟

މިއަންނަ ހޯމަ ދުވަހަކީ، ކުރިއަށް އޮތް ސިޒަންގައި، ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި ހުންނާނެ މީހަކު އިއުލާން ކުރާ ދުވަހެވެ. އެންރީކޭގެ ބަދަލުގައި، އެ މަގާމު ފުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކޯޗަކީ އެތުލެޓކް ބިލްބާއޯގެ ކޯޗް އެރުނެސްޓޭ ވަލްވެރުޑޭ އެވެ.

ބިލްބާއޯއެކު ވަލްވެރުޑޭ، ހަދާފައިވާ ކޮންޓްރެކްޓް، ސީޒަން ނިމުމާއެކު މިހާރު ވަނީ ހަމަވެފައެވެ. ބާސާއިން، އެޓީމުގެ ކޯޗަކަށް ގެނައުމަށް ނިންމާފައިވަނީ، ކުރިން އެޓީމަށް ކުޅުނު ކުޅުންތެރިޔެ ކެވެ.

ކުރިން ބާސެލޯނާގެ ފޯވަޑަކަށް ކުޅުނު، ވަލްވެރުޑޭ އަކީ، ކޯޗިންގައި ތަފާތު ސްޓައިލެއްގެ ކޯޗެކެވެ. ޕެޕް ގާޑިއޯލާ އާއި ލުއިސް އެންރީކޭގެ ވައްޓަފާޅިއާ ބަލާއިރު، ވަލްވެރުޑޭ އަކީ މުޅިން ތަފާތު ބައްޓަމަކަށް ކުޅުވާ ކޯޗެކެވެ. ބިލްބާއޯ ގައި، އޭނާ ބޭނުން ކުރަނީ، ވަރުގަދަ އަށް ޕްރެސް ކޮށްގެން ކުޅޭ ޓައިޓް ގޭމެ ކެވެ.

ވެލްވެރުޑޭ އަކީ، ކޯޗެއްގެ ގޮތުގައި ލަލީގާގައި، ތަޖުރިބާކާރު ކޯޗެކެވެ. އޭނާ ވަނީ ބިލްބާއޯ އާއި އެސްޕެނިޔޯލް އާއި ވެލެންސިއާ އަދި ވިޔަރެއާލްގައި 400 ވުރެ ގިނަ މެޗުގައި ކޯޗްކޮށް ދީފަ އެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ބާސާ މައްޗަށް 5-1 ގެ އެގްރިގޭޓުން ކާމިޔާބު ހޯދައި، ސްޕެނިޝް ސްޕަކަޕް ބިލްބާއޯ އަށް ކާމިޔާބު ކޮށްދީފަ އެވެ.

މެސީ ޓީމުގައި މަޑު ކުރުވުން

އާ ކޯޗަކު ހޯދުމާ އެއްވަރަށް، ވައިސް ކެޕްޓަން ލިއޮނަލް މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް ވެސް، ހަލުވި ކުރަން ބާސާއަށް ވަނީ މަޖުބޫރު ވެފަ އެވެ.

މި ސިޒަންގެ ޗެމްޕިއަންސް ލީގާއި، ސްޕެނިޝް ލީގް ބާސެލޯނާއަށް ނުލިބުމުގައި، މެސީގެ އެއްވެސް މިސްޓޭކެއް ނެތެވެ. އޭނާ ވަނީ އެ ދެމުބާރާތުގައި ވެސް ތަފާތު ދައްކާފަ އެވެ. ނަަމަވެސް ލަނޑު ލިބުމުގައި، މުހިންމު މެޗުތަކުގައި މެސީއަށް ބަރޯސާވުން ވެސް ސަބަބުތަކުގެ ހިމެނިގެން ދިޔަ އެވެ.

ފަސް ފަހަރަށް، ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވާ، މެސީ ބާސާއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ ސިޒަނެކެވެ. ބާސާއިން ވަނީ މި ސީޒަންގެ ކުރިންވެސް، މެސީއަށް އާ ކޮންޓްރެކްޓެއް ހުށަހަޅާފަ އެވެ. ނަމަވެސް، މިދިޔަ އަހަރު ޖޫން މަހު ހުށަހެޅި ކޮންޓްރެކްޓަށް އޭނާ ބުނީ "ނޫނެކޭ" އެވެ.

މާނައަކީ މެސީއާއެކު އާ އެއްބަސްވުމަކަށް، ބާސާއަށް ނުދެވިއްޖެނަމަ، އަންނަ އަހަރު ޖޫން މަހަށްފަހު، މެސީއަށް އޭނާ ބޭނުންވާ ކުލަބަކާ ވާހަަކަ ދެއްކައި އެކުލަބަކަށް ބަދަލުވުމުގެ އިހްތިޔާރު އެބައޮތެވެ. ބާސާއިން ގަބޫލު ކުރާ ގޮތުގައި، މެސީ، ބާސާ ދޫކޮށް އެހެން ކުލަބަކަށް ނުދާނެ އެވެ. ބާސާ އަކީ އޭނާގެ އެންމެ ފުރަތަމަ ކުލަބު އަދި އެންމެ ފަހު ކުލަބު ކަމަށް ބާސާގެ ކުރީގެ ކުޅުންތެރިންނާއި މެނޭޖްމެންޓުންވެސް ތިބީ ގަބޫލު ކޮށްގެން ނެވެ.

ނަމަވެސް އެހެން ނުވާނެޔޭ، ބުނުމުގެ ފުރުސަތެއް ނެތެވެ. މެސީ ގެންދަން ޝައުގުވެރި ވަނީ، ބާސާގައި މެސީއާއެކު އެންމެ ގިނަ ކާމިޔާބު ހޯދި ކޯޗް، ގާޑިއޯލާގެ މެންޗެސްޓާ ސިޓީއިން ނެވެ. ހަމައެޔާއެކު، އެހެން ކުލަބަކަށް ބަދަލުވެ، އެ ފެންވަރުގައި މެސީއަށް ޕާފޯމް ކުރެވިދާނެ ތޯ، ބުނެ އުފައްދާ ސުވާލަށްވެސް ޖަވާބެއް ދޭން މެސީވެސް ބޭނުންވެދާނެ ކަމަށް ބުނުމުގެ ފުރުސަތުވެސް އެބައޮތެވެ.

ސްޓައިލް

ވޭތުވެދިޔަ ދެތިން އަހަރެއްގެ ތެރޭގައި، ބާސާގެ ސްޓައިލަށް ބަދަލު އަތުވެއްޖެ އެވެ. ކުރިން ފާހަގަ ކުރި ފަދައިން "ޓިކީޓަކާ" ގޭމް ސްޓައިލް އެއް ފެންވަރެއްގައި ދެމެހެއްޓުމުގައި ބާސާއަށް މައްސަލަ ކުރިމަތި ވެއްޖެ އެވެ. ގާޑިއޯލާގެ ދައުރުގައި ފެނިގެން ދިޔައީ އޭގެ ރަން ދައުރެވެ. އެސްޓައިލް އެ ދެކުޅުންތެރިންގެ މައްޗަށް ފައްކާކޮށްފައިވާ ދެ ކުޅުންތެރިންގެ ތެރެއިން ޒަވީ ހެނާންޑޭޒް، ބާސާ ދޫކޮށްލައިފި އެވެ. އަނެއް ކުޅުންތެރިޔަކީ، މިހާރުގެ ކެޕްޓަން އަންދުރޭ އިނިއެސްޓާ އެވެ.

ޒަވީ ދިއުމުން، އެ ސިސްޓަމްގެ އެއްތަނބު ދިޔައީ އެވެ. އެ ސްޓައިލް ދަމަހައްޓަން އުނދަގޫ ވެގެން ދިޔައީ އެވެ. އިނިއެސްޓާވެސް މި ސީޒަންގައި ކުޅުނީ މަދު މެޗުތަކެވެ. އޭނާ މިސީޒަންގައި ބާސާގައި ފުރަތަމަ 11 ގައި ކުޅުނީ 33 މެޗެވެ. އިނިއެސްޓާގެ ދައުރު ހަނިވަމުން ދިޔަ ވަރަކަށް ފެނިގެން ދިޔައީ، ބާސާގެ ގޭމް ސްޓާއިލް ބަދަލުވަމުން ދިޔަ ތަނެވެ.

ޒަވީ އާއި އިނިއެސްޓާ މަގާމު ފުރާނެ އެ ސްޓައިލްގެ އެފެންވަރުގެ ކުޅުންތެރިޔެއް ބާސާއަކަށް އަދި ހޯދިފައެއް ނުވެ އެވެ. އެޓީމުން ވަނީ މިޑްފީލްޑަށް ކުޅޭނެ "ޝާޕް" ކުޅުންތެރިޔަކު ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން އާސެނަލްގެ މެސްޓް އޮޒިލް ގެންދިއުމަށްވެސް ބާސާ ޝައުގުވެރި ވިއެވެ. ވާދަވެރި ރެއާލް މެޑްރިޑްގެ އިސްކޯއަށްވެސް ޝައުގުވެރިކަން ފާޅު ކުރިކަން ސްޕެއިންގެ މިޑިއާތަކުން ބުނެ އެވެ.

ފަހުން ގެނައި ކުޅުންތެރިންގެ ފަރާތުން ނާއުންމީދު

މި ސީޒަންގެ ކުރިން، ވެލެންސިއާއިން އެ ޓީމަށް ގެނައި، އެންޑްރޭ ގޯމޭސްއަށް ކުރި 39.2 މިލިއަން ޑޮލަރުގެ ހަރަދުވީ ބާސާއަށް އެހާ އަގުހުރި އިންވެސްޓަކަށް ނޫނެވެ. އެވަރުގެ އަގެއްގައި ގެނައި ކުޅުންތެރިޔެއްގެ ފަރާތުން، ބާސާގެ ސްޕޯޓަރުން ހީކުރިވަރުގެ ކުޅުމެއް ނުފެނުނެވެ.

އެތުލެޓިކޯ މެޑްރިޑުން ގެނައި، އަރުދާ ތުރާން އާއި، ބާސާގެ އެކެޑެމީން ޕްރޮމޯޓް ކުރި ރަފީނިއާ އާއި ޑެނިސް ސުއަރޭޒްގެ ފަރާތުންވެސް އެދެވޭ ކުޅުމެއް ނުފެނު ނެވެ.

ކުޅުންތެރިން ދޫކޮށްލާއިރު ދުރާލައި ޕްލޭން ނުކުރެވުން

މުހިންމު ކުޅުންތެރިން، އެހެން ޓީމުތަކަށް ދޫކޮށްލާއިރު، އެ ކުޅުންތެރިޔާގެ މަގާމު ފޫބައްދާނެ އެފެންވަރުގެ އެހެން ކުޅުންތެރިޔަކު ބޭނުން ވާނެ އެވެ. ނަމަވެސް، ބައެއް ކުޅުންތެރިން ދޫކޮށްލިއިރު، ޕްރީ ޕްލޭނެއް ބާސާއަށް ހެދިފައެއް ނެތެވެ. އޭގެ އެއް މިސާލަކީ ތިއާގޯ އަލްކަންޓާރާ ބަޔާން މިޔުނިކަށް ދޫކޮށްލިއިރު، އޭގެފަހުން މިޑްފީލްޑް ލައިން އެފެންވަރެއްގައި ބަލަހައްޓާނެ އެހެން ކުޅުންތެރިޔަކު ބާސާއަށް ނުހޯދުނު ކަމެވެ.

އިނިއެސްޓާގެ މަގާމު ބަލަހައްޓާނެ، އެ ސްޓައިލްގެ މިޑްފީލްޑަރެއް ހޯދުމަކީ އަގުބޮޑު އަދި ބުރަ މަސައްކަތެކެވެ. އަލްކަންޓާރާ ބަޔާންއަށް ވިއްކާ ނުލެއި، އޭނާ ބާސާގައި ބެހެއްޓުނު ނަމަ މެދުތެރިން ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުނީ ހެވެ.

އެފަދަ އަނެއް ކުޅުންތެރިޔަކީ، މިއަހަރު ޖޫން މަހު ކޮންޓްރެކްޓް ހަމަވާން އޮތް، ޑެނީ އަލްވޭސް އެވެ. ސީޒަން ފެށުމުގެ ކުރިން، ބާސާއިން އޭނާ ޔުވެންޓަސްއަށް ދޫކޮށްލީ، ހިލޭ ޓްރާންސްފާއެއްގަ އެވެ. ޔުވެންޓަސްގައި އަލްވޭސް ދަނީ ތާފާތު ކުޅުމެއް ދައްކަމުން ނެވެ. ޗެމްޕިއަންސް ލީގް ފައިނަލާ ހަމަޔަށް ޔުވެންޓަސް ގެންގޮސްދިނީ، އަލްވޭސްގެ މުހިންމު ދައުރެއް އޮވެގެން ނެވެ.

އަލްވޭސް ދޫކޮށްލައި، ސާޖީ ރޮބާޓޯއަށް ކަނާތު ބެކް ހަވާލު ކުރިއެވެ. ރޮބޭޓޯގެ ކުޅުމަށް ތައުރީފް ކުރަން ޖހެއެވެ. އޭނާގެ އަސްލު މަގާމަކީ، ސެންޓްރަލް މިޑްފީލްޑަރެއްގެ ރޯލެވެ. ޑިފެންސިވްގައި ވެސް އެނާ މޮޅެވެ. ނަމަވެސް ތަފާތު މަގާމަކަށް ކުޅެން ޖެހުމުން، ދެ މަގާމެއްގައި އެއް ފެންވަރެއްގައި ނުކުޅެވޭނެ ކަން ގަބޫލު ކުރަން ޖެހެ އެވެ. މިޑްފީލްޑްގައި ރޮބޭޓޯ ތަފާތެވެ. ނަަމވެސް އަރިމަތިން ޑިފެންސް އޭނާއާ ހަވާލު ކުރުމުން، އެންމެ މަތީ ފަންތީގައި އޭނާ އަށް ޕާފޯމް ނުކުރެވޭނެ އެވެ. ކުރިމަތިވީވެސް އެމައްސަލަ އެވެ.

އެހެންވެ، ބާސާ އަށް، ރަނގަޅު މިޑްފީލްޑް ލައިނެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތާ އެއްވަރަށް ކަނާތު ބެކެއް ހޯދުމަށްވެސް އެޓީމުން ފުރަތަމަ އިސްކަމެއް ދީގެން ކުރަން ޖެހޭ މަސަކަތުގެ ގޮތުގައި، އެ މަސައްކަތް ކުރާނެ އެވެ.

ޒުވާން ކުޅުންތެރިންގެ ގޮތުން ނިކަމެތިކަން

ބާސާގެ ފުރަތަމަ 11 ގައި ހިމެނޭ މުހިންމު ކުޅުންތެރިން ކަމަށްވާ، މެސީ އާއި ލުއިސް ސުއަރޭޒް އަދި ޖެރާޑް ޕީކޭ އަށް މިއަހަރު 30 އަހަރު ފުރޭނެ އެވެ. ހަވީއާ މެޝަރާނޯ އާއި އިނިއެސްޓާ 30 މައްޗަށް ގޮސްފި އެވެ.

ފުރަތަމަ 11 ގައުި ކުޅޭ ކުޅުންތެރިންގެ ތެރެއިން 30 ގެ އުމުރު ފުރައާއި ގާތް ނުކުރާ ކުޅުންތެރިންގެ ތެރޭގައި ތިބީ ނޭމާ އާއި ސެމިއުލް އުމިޓީ އާއ ރޮބޭޓޯ އަދި ގޯލްކީޕަރު މާކް އެންޑްރޭ ޓާ ސްޓެގަން އެވެ. އެކުޅުންތެރިންގެ އުމުރުގައި ފުޓްބޯޅައިގެ ޕްރައިމް އުމުރުފުރާގެ ގޮތުގައި އަދި އަހަރުތަކެއް އެބައޮތެވެ.

ނަމަވެސް، ފަހަތުން އަރާނެ ޒުވާން ކުޅުންތެރިންގެ ގޮތުން ބާސާ ނިކަމެތިވުމުން، އެކަމުގެ ހިތްދަތިކަން ބާސާއަށް ކުރިމަތިވި އެވެ. ޓީމުގައި ރަނގަޅު ބެކަޕެއް ނެތުމުން، ދިގު ސީޒަނެއްގައި ހިފަހައްޓަން އުނދަގޫ ވާނެއެވެ. ބާސާއަށް ކުރިމަތި މައްސލަތަކުގެ ތެރޭގައި މިމައްސަލަވެސް ހިމެނެ އެވެ.

ވާދަވެރި ރެއާލްއަށްވެސް ސިޒަންގެ ފަހު ކޮޅަށް އެޅުނުއިރު މައްސަލަ ކުރިމަތިވެއްޖެ އެވެ. ޑިފެންސްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ، ޕެޕޭ އާއި ޑެނީ ކަރަވަހާލް އަށް އަނިޔަވެ ކުޅުމާ ދުރުގައި ހުންނަން ޖެހުނު ނަމަވެސް، ރެއާލް އަށް މައްސަލަ ދިމާނުވެ، ކުރިއަށް ދެވުނީ، އެޓީމު ޑިފެންސިވް ބެކަޕްގެ ގޮތުގައި ތިބި ރަފޭލް ވަރާން އާއި ޑަނިލޯ ޓީމުގައި ހުރުމުން ނެވެ. ގެރެތު ބޭލްއަށް އަނިޔާވި ވަގުތު، މާކޯ އެސެންސިއޯ އާއި އިސްކޯ ދައުރުވެސް ފުޅާ ވެގެން ދިޔަ އެވެ.