ހަބަރު

ދިއްގަރު ދާއިރާގެ ގޮނޑިއަށް ޝައުގުވެރިކަން ފާޅު ކުރަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އުމުރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އެ ގޮނޑީ ހުސްވުމާއެކު އެ ގޮނޑިއަށް ކުރިމަތިލާން އެކި ފަރާތްތަކުން ޝައުގުވެރިކަން ފާޅު ކުރަން ފަށައިފި އެވެ.

މިހާތަނަށް އެކަމަށް ޝައުގުވެރިވާކަން އާންމުކޮށް އިއުލާންކޮށްފައި ވަނީ މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރާއި މ. މުލީ ރަށު ކައުންސިލްގެ މެމްބަރު އިބްރާހީމް ޒަކީ އެވެ. މޫސާ ނަސީރަކީ ޕީޕީއެމްއަށް ނިސްބަތްވާ ބޭފުޅެކެވެ. އަދި އިބްރާހިމް ޒަކީ އަކީ ވަކި ޕާޓީއަކަށް ތާއީދު ކުރާ މެންބަރެއް ނޫން ކަމަށް އެނގިފައިވެ އެވެ. 

އެމްޑީޕީގެ ފަރާތުން އަދި އެއްވެސް ބޭފުޅަކު ރަސްމީކޮށް އެ ގޮނޑިއަށް ޝައުގުވެރިވާނެކަން އިއުލާންކޮށްފައެއް ނުވެ އެވެ. ނަމަވެސް، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އެ ދާއިރާއަށް ކުރިމަތިލައްވަފާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެެވެ.

ޕީޕީއެމް އިން ވެސް އަދި އެމްޑީޕީ އިން ވެސް ބުނެފައި ވަނީ ބައި އިލެކްޝަނަށް އެ ޕާޓީ އިން ނެރޭނެ ކެންޑިޑޭޓަކާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ގިނަ ބަޔަކު ތިބި ނަމަ އެތެރޭގެ ޕްރައިމަރީއެއް ބާއްވާނެ ކަމަށް ވެސް ޕާޓީތަކުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ވެސް ބުނީ އެ ދާއިރާގެ ބައި-އިލެކްޝަން އިއުލާން ކުރުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި އިއުލާން ކުރެވޭނެ ވަކި ތާރީހެއް ނޭނގޭ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.