- ހެނދުނު 10 އިން މެންދުރު 2:00 އަށް މާލޭގެ ބްރާންޗްތައް ހުޅުވާނެ
- އެހެން ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 1:00 އަށް
- ސެލްފް ސާވިސް އޭޓީއެމްތަކާއި ކޯލް ސެންޓަރުތައް 24 ގަޑިއިރު
ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކްތަކަށްވުރެ ގިނަ ވަގުތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޯދަ މަހު ހިދުމަތް ދިނުމަށް ނިންމައިފި އެވެ.
އެ ބޭންކުން ބުނީ މާލޭގައި ހުރި އެ ބޭންކްގެ ހުރިހާ ބްރާންޗެއް ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އަށް ހުޅުވާފައި ހުންނާނެ ކަމަށާއި އެހެނިހެން ބްރާންޗްތައް ހެނދުނު 10:30 އިން މެންދުރުފަހު 1:00 އަށް ހުޅުވާނެ ކަމަށެވެ.
މީގެ އިތުރުން ބޭންކުން ގާއިމުކޮށްފައިވާ 28 ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޕޮސިޓް ކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑި އިރު ރޯދަ މަހު ވެސް ދޭނެ އެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ޚިދުމަތް ލިބޭނެއެވެ.
"މާލޭގައި ބޭންކިންގ ހިދުމަތްތަކަށް އޮންނަ ޑިމާންޑް ބޮޑު އިރު ވީހާވެސް ގިނަ ބަޔަކަށް ރޯދަ މަހު ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކާ އަޅުގަނޑުމެން ނިންމާފައި މިވަނީ މާލޭގެ ހުރިހާ ބްރާންޗަކުން ވެސް ހަތަރު ގަޑިއިރު ޚިދުމަތްތައް ފޯރުކޮށްދޭން. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ 28 ސެލްފް ސާވިސް ބޭންކިންގ ސެންޓަރު ތަކުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް 24 ގަޑިއިރު އަދިވެސް ޚިދުމަތް ހޯދޭނެ. އަދި ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތްވެސް 24 ގަޑިއިރު ލިބެމުންދާނެ." ބީއެމްއެލްގެ ހެޑް އޮފް ރީޓެއިލް ބޭންކިން މޫސާ ނިމާލް ވިދާޅުވި އެވެ.
ދިވެހި ބޭންކުގައި މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 86 އޭޓީއެމް، 4000 ޕީއޯއެސް މަޗަންޓުން، 200 ކޭޝް އޭޖެންޓުން، 28 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓު ހިމެނެ އެވެ.