ކުޅިވަރު

މެނެޗެސްޓާގެ ހިތްދަތިކަން ފިލުވާލަން ޔޫރޮޕާ ލީގް ތަށި

May 24, 2017

މިދިޔަ ހޯމަ ދުވަހުގެ ރޭ މެންޗެސްޓާ އަށް ދިން ޓެރަރިސްޓް ހަމަލާގައި، އެ ސީޓީއަށް ކުރިމަތިވި ހިތްދަތިކަމުން އަރައިގަންނަން، ޔޫރޮޕާ ލީގްގެ ތަށި މެންޗެސްޓާ ޔުނައިޓަޑުން އެ ސިޓީއަށް ގެނެސްދޭނެ ކަމަށް ޔުނައިޓާޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ސްވިޑެންގެ ސްޓޮކްހޯމްގައި ކުޅޭ ޔޫރޮޕާ ލީގްގެ ފައިނަލު މެޗުގައި، ޔުނައިޓަޑް ނިކުންނާނީ، ޔޫރަޕްގެ ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރެއްކަމަށްވާ އަޔެކްސްއާ ދެކޮޅަށެވެ. ސްވިޑެން އަށް، ޔުނައިޓަޑްގެ ޓީމު ދިޔައީ އިއްޔެ އެވެ. ބާވީސް މީހުން މަރުވި ހަމަލާއާ ގުޅިގެން، މޮރީނިއޯ ވަނީ، މެޗުގެ ޕްރީ މެޗު ޕްރެސް ވެސް ކެންސަލް ކޮށްފަ އެވެ.

އަދި ސްވިޑެންގެ ޓްރެއިން ސެޝަން ޔުނައިޓަޑުން ފެށީވެސް، އެ ހާދިސާގައި ގެއްލުން ލިބުނު މީހުންގެ ހަނދާނުގައި، ގެނައި ސްކޫތަކުން ނެވެ. ޕްރެސްއަށް ހާޒިރު ނުވިނަމަވެސް، ޔުނައިޓަޑުން ވަނީ މޮރީނިއޯގެ ބަޔާނެއް ނެރަފަ އެވެ.

"(މެންޗެސްޓާގެ ރައްޔިތުންނަށް ޓަކައި) އަހަރެމެން އަދާ ކުރަން ޖެހޭ ވަޒީފާއެއް އެބައޮތް، ކޮންމެ ބޮޑު މެޗެއްގެ ކުރިން، އުފާވެރި ކަމާއެކު އަހަރެމެން ތިބޭ ތިބުން، މެނެޗެސްޓާއަށް ދިން ހަމަލާއާ ގުޅިގެން އަހަރެމެންގެ ކިބަޔަކު ނެތް." މޮރީނިއޯ ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

މޮރީނިއޯ ބުނީ، މެނެޗެސްޓާގައި އޭނާ ހޭދަކުރި، ކުޑަ ދުވަސް ކޮޅުގައި އޭނާ އަށް ފާހަގަ ކުރެވުނީ، މެންޗެސްޓާގެ ރައްޔިތުންނަކީ ވަރަށް އުފާވެރި ބައެއްގެ ގޮތުގައި ކަމަށެވެ. އަދި މިހާދިސާއިން އަރައިގަތުމަށް، ޔޫރޮޕާ ލީގްގެ ތަށި، ޔުނައިޓަޑަޑް ގެނެސް ދިނުމަށް މަސައްކަތް ކުރާނެ ކަމަށް، އޭނާ ބުންޏެވެ.

ޔޫރަޕްގެ ބޮޑެތި ފައިނަލު މެޗުތަކުގެ ކުރިން، ގިނަ އުފާފާލު ކުރުންތަކެއް ކުރިއަށް ގެންދެއެވެ. ނަމަވެސް، މެންޗެސްޓާއަށް ދިން ހަމަލާއާ ގުޅިގެން، އެފަދަ އެއްވެސް ހަރަކާތެއް ނުބާއްވަން ޔޫއެފްއާ އިން ވަނީ ނިންމާފަ އެވެ.

އަޔެކްސްއާ ޔުނައިޓަޑް ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 11:45 ގަ އެވެ.