ހަބަރު

ރާއްޖޭގެ އެމްބަސީ އަޅަން ސައުދީ އިން ބިމެއް ދީފި

May 24, 2017

ސައުދީ އަރަބިއްޔާގައި ރާއްޖޭގެ އެމްބަސީއެއް އެޅުމަށް ސައުދީ ސަރުކާރުން ރާއްޖެއަށް ބިމެއް ހަމަޖައްސައިދީފި އެވެ. ސައުދީ އަރަބިއްޔާގެ ރިޔާޒުގައި މިހާރު ހުންނަ ދިވެހި އެމްބަސީ ހިންގަމުން ދަނީ ކުއްޔަށް ހިފާފައިވާ އިމާރާތެއްގަ އެވެ.

ސައުދީ އަރަބިއްޔާގައި ހުންނަވާ ދިވެހި ސަފީރު އަބްދުﷲ ހަމީދު ވިދާޅުވީ، ސައުދީ އިން ބިމެއް ހަމަޖައްސައިދީފައި ވަނީ ރާއްޖޭގެ އެމްބަސީއަކާއި ސަފީރު ހުންނަވާނެ ތަނަކާއި އެމްބަސީގެ މުވައްޒަފުންނަށް އެކޮމޮޑޭޝަން އެޅުމަށް އެކަށީގެންވާ ވަރުގެ ބޮޑު ބިމެއް ކަމަށެވެ. ސައުދީ ސަރުކާރުން މިހާރު އެކަން ހަމަޖައްސައި ދިވެހި ސަރުކާރަށް އެކަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެތަނުގައި އިމާރާތްތައް އަޅަން ބޭނުންވާނެ ފައިސާގެ އަދަދު ވެސް އަންދާޒާކޮށް އަންނަ އަހަރުގެ ބަޖެޓްގެ ތެރޭގައި އެކަމަށް ފައިސާ ހިމަނަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސައުދީގައި ރާއްޖޭގެ އަމިއްލަ އެމްބަސީއަށް ބިނާ ކުރެވެމުން އެތަނުން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ރަނގަޅުވާނެ ކަމަށެވެ. ސައުދީގައި މިހާރު ވެސް ގިނަ ދިވެހި ކުދިން ކިޔަވަމުން އަންނަ އިރު، ކޮންމެ އަހަރެއްގެ ވެސް ހައްޖާއި އުމުރާއަށް އެތައް ދިވެހިންނެއް އެ ގައުމަށް ޒިޔާރަތް ކުރެ އެވެ. ސައުދީގައި ހުންނަ ދިވެހި އެމްބަސީގެ ބޭނުމަކީ ސައުދީގައި ދިވެހިންނަށް ވީހާ ވެސް ބޮޑަށް ކަންކަން ފަސޭހަކޮށް ލުއިތައް ހޯދައިދިނުން ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ރާއްޖޭގައި ސައުދީގެ އެމްބަސީއެއް ފުރަތަމަ ފަހަރަށް ހުޅުވާފައި ވަނީ، މި ސަރުކާރުގައި 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެ އެމްބަސީއާ އެކު ރާއްޖެ އާއި ސައުދީގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރު ކުރަން ރަނގަޅު ފުރުސަތުތަކެއް ހުޅުވިފައިވާ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

މިފަހަކަށް އައިސް ސައުދީ އާއި ރާއްޖޭގެ ގުޅުން ވަނީ އިތުރަށް ބަދަހިވެގެން ގޮސްފަ އެވެ.