ކުޅިވަރު

ޔޫރޮޕާ ލީގް ޗެމްޕިއަންކަން މެން ޔުނައިޓަޑަށް

May 25, 2017

ހޮލެންޑްގެ އަޔެކްސްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބީ ހޯދައި ޔޫރަޕާ ލީގްގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓަޑް ހޯދައިފި އެވެ.

ލީގް ތާވަލުގެ ހަ ވަނައިގައި، ޔުނައިޓަޑުން ނިންމާލި ނަމަވެސް، މި ކާމިޔާބާއެކު، އެ ޓީމަށް ވަނީ އަންނަ ސީޒަންގެ ޔޫއެފްއާ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިފަ އެވެ.

ސްވިޑެންގެ ސްޓޮކްހޯމްގެ 'ފްރެންޑްސް އެރީނާ' ގައި ކުޅުނު މެޗުގައި، ޔުނައިޓަޑްގެ ފުރަތަމަ ލަނޑު، މެޗުގެ 18 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ޕައުލް ޕޮގްބާ އެވެ.

މަރުއާން ފެލޭނީ، ދިން ބޯޅަ، ޕެނަލްޓީ އޭރިއާގެ ބޭރުގައި ހުރެފައި، ޕޮގްބާ ފޮނުވާލުމުން ގޯލަށް ވަނީ، އަޔެކްސްގެ ޑިފެންޑަރު ޑެވިންސޮން ސަންޗޭޒް ފައިގައި ޖެހިފަ މިސްރާބު ބަދަލު ވެގެންނެވެ. އެހެންވެ އަޔެކްސްގެ ކީޕަރު އެންޑްރޭ އޮންނާއަށް ވެސް އެބޯޅަ އަށް ހަރަކާތް ކުރެވުނީ ނުބައި ކޮށެވެ.

ޔުނައިޓަޑްގެ އަގު ބޮޑު ސްކޮޑާ ބަލާއިރު، އަޔެކްސްގައި އޮތީ، ޒުވާން ސޮކެޑެވެ. މެޗުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ނުވަ ކުޅުންތެރިންނަކީ، 22 އަހަރުން ދަށުގެ ކުޅުންތެރިން ނެވެ.

ޔުނައިޓަޑް ލަނޑު ޖެހުމުގެ ކުރިން، ނުރައްކާތެރި ހަމަލާއެއް އެންމެ ފުރަތަމަ ފޮނުވާލީވެސް، އަޔެކްސްއިން ނެވެ. ޗެލްސީއިން ލޯން އެއްބަސްވުމެއްގެ ދަށުން އަޔެކްސް އަށް ދޫކޮށްފައިވާ ބާޓްރެންޑް ޓްރެއޯރޭ ޕެނަލްޓީ އޭރިއާތެރެއިން ގޯލްގެ ކަނަށް އަމާޒު ކޮށް ފޮނުވާލި ބޯޅަ ،އޭނަާ ފޮނުވާލީ، ގޯލް ދަނޑި ކައިރީގައި ހުރި، ޔުނައިޓަޑްގެ ކީޕަރު ސާޖިއޯ ރޮމޭރޯގެ އަތަށެވެ.

ޔުނައިޓަޑްގެ ދެ ވަނަ ލަނޑު 48 ވަނަ މިނެޓްކާ ކާމިޔާބު ކުރީ، ހެންރިކް މިހިތާރިޔަން އެވެ. ލަނޑު ޖެހީ، ޔުނައިޓަޑުން ނެގި ކޯނަރެއްގައި، ކްރިސް ސްމޯލިން، ބޮލުން ކޮށްޕާލި ބޯޅަ، ވައިގެ ތެރޭގައި އޮއްވައި ވެއްޓިގެން ފައި ބައިސްކަލް ކިކަކުން ނެވެ.

ރޭގެ ފައިނަލަކީ، 21 އަހަރު ފަހުން، ޔޫރަޕްގެ ފައިނަލެއް އަޔެކްސް ކުޅުނު ފުރަތަމަ ފަހަރެވެ. ޔޫރަޕްގެ ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރެއްގެ ގޮތުގައި އޮތް އަޔެކްސް، މީގެ ކުރިން ފައިނަލެއްގައި ކުޅުނީ، 1996 ވަނަ އަހަރު، ޗެމްޕިއަންސް ލީގް ފައިނަލުގައި ޔުވެންޓަސްއާ ދެކޮޅަށެވެ. އެފަހަރުގެ ފައިނަލުން، އެޓީމު ބަލިވީ 4-2 ން ނެވެ. އެ ޓީމުން ވަނީ ހަތަރު ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފަ އެވެ.

ޔުނައިޓަޑުން، މުބާރާތް ކާމިޔާބު ކުރިނަމަވެސް، މި ދަނޑިވަޅާކީ، އެ ކުލަބު ނިސްބަތްވާ މެންޗެސްޓާއަށް ފުން ހިތާމައެއްގެ ވަގުތެކެވެ. މިދިޔަ ހޯމަ ދުވަހު، އެ ސިޓީއަށް ދިން ޓެރަރިސްޓް ހަމަލާއެއްގައި، މުޅި މެންޗެސްޓާ އޮތީ ހިތްދަތި ކަމެއްގައެވެ.

މެޗުގެ ކުރިން، މެން ޔޫގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފައިވަނީ، މެނެޗެސްޓާ އަށް ކުރިމަތިވެފައިވާ ހިތްދަތިކަމުން އަރައިގަންނަން ޔޫރޮޕާލީގްގެ ތަށި، އެ ސިޓީއަށް ގެންގޮސްދޭނެ ކަމަށެވެ.