ގެދޮރު ގަތުމުގެ އާ ސްކީމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކުން މިއަދު ތައާރަފު ކޮށްފި އެވެ. ބީއެމްއެލް އިސްލާމިކްގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި ބީއެމްއެލް އިސްލާމިކްގެ ޑިރެކްޓަރު ޒުލްގަރްނައިން ތަމަން ވިދާޅުވީ އަލަށް ތައާރަފު ކުރި ޕްރޮޑަކްޓަކީ އިސްލާމީ ޝަރީއާގެ ހަމަތަކަށް ފެތޭ ގޮތަށް ތައާރަފް ކުރި ހައުސިން ފައިނޭންސިން ޕްރޮޑަކްޓްތަކުގެ ތެރެއިން އެންމެ ފަހުގެ ޕްރޮޑަކްޓް ކަމަށެވެ.
މިއަހަރުގެ ކުރީކޮޅު އެ ބޭންކުން ވަނީ ހޯމް ކޮންސްޓްރަކްޝަން އާއި ރިއަލް އެސްޓޭޓް ފައިނޭންސިން ފެސިލިޓީސް ވެސް ތައާރަފްކޮށްފަ އެވެ.
ޒުލްގަރްނައިން ވިދާޅުވީ މިއަދު ތައާރަފު ކުރި ސްކީމް ވެގެންދާނީ އެންމެ ކުޑަ ލީސިންގް ރޭޓްގައި ގެދޮރު ގަތުމަށް ރާއްޖޭގައި ތައާރަފު ކުރެވޭ ފައިނޭންސިން ސްކީމަށް ކަމަށެވެ. ކަސްޓަމަރުން ޑިޕޮސިޓް ކުރާ ފައިސާ ބަލަހައްޓާނީ މުޅިން ވަކި ފަންޑެއްގެ ގޮތުގައި ކަމަށާއި އެ ފައިސާ ބޭނުން ކުރަނީ އިސްލާމީ ޝަރުއީ ހަމަތަކަށް ފެތޭ ކަންކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަމިއްލަ ގެދޮރުވެރި ބަޔަކަށް ވުމަށް މަސައްކަތް ކުރަމުންދާ އާއިލާތަކާއި އަމިއްލަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ޕްރޮޑަކްޓެއް އާންމުންނަށް ތައާރަފް ކުރެވުމަކީ އަޅުގަނޑުމެންނަށް [ލިބުނު] ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ގިނަ އަދަދެއްގެ އެޕާޓްމަންޓް އަދި ރޯހައުސްތައް މިދުވަސްވަރު ރާއްޖޭގައި ދަނީ އަޅަމުން." އޭނާ ވިދާޅުވި އެވެ. "މި ޕްރޮޑަކްޓް ވެގެންދާނީ ޝަރީއާގެ ހަމަތަކަށް ފެތޭ އަދި މާކެޓްގައި މިވަގުތު އެންމެ ކުޑަ ރޭޓްގައި ގެދޮރު ގަތުމަށް ބޭނުންވެފައި ތިބި ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮޑަކްޓަކަށް،"
މާލޭގެ ކަސްޓަމްސް ސަރަހައްދުގައި ހުންނަ ބީއެމްއެލް އިސްލާމިކްގެ މާލޭ ބްރާންޗުން މިއަދުން ފެށިގެން ހޯމް ޕާޗޭސް ފައިނޭންސް އަށް އެދޭ ފޯމު ބަލައި ގަންނާނެ އެވެ. އަދި މާލޭން ބޭރުގައި ހުރި ބީއެމްލްގެ ހުރިހާ ބްރާންޗަކުން ވެސް މި ފޯމް ބަލައި ގަންނާނެ އެވެ.