ކުޅިވަރު

ރޮނާލްޑޯއަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައުން ގާތް

May 26, 2017
1

ޓެކްސް އަށް މަކަރު ހެދުމުގެ ތުހުމަތު ކުރެވިފައިވާ، ޕޯޗްގަލް އާއި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފަސް އަހަރުގެ ޖަލު ހުމުމެއް އަތުވެދާނެ ކަމަށް ސްޕެއިންގެ ފިނޭސް މިނިސްޓްރީން ބުނެފި އެވެ.

ސްޕެނިޝް ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވަނީ، ސްޕެއިންގެ ޓެކްސް އެތޮރިޓީން ރޮނާލްޑޯގެ މައްޗަށް ތުހުމަތު ކޮށްފައިވާ ޓެކްސްއަށް މަކަރު ހެދުމުގެ "ކުށަށް" ތާއީދު ކޮށް ވާހަކަ ދައްކަވާފަ އެވެ.

މިއަދު އާންމު ވެފައިވާ ރިޕޯޓްތައް ބުނާ ގޮތުން، ރޮނާލްޑޯ ވަނީ، 2011 އާއި 2013 އާ ދެމެދު އަށް މިލިއަނާއި 15 މިލިއަނާ ދެމެދުގެ އަދަދެއްގައި ދައްކަން ޖެހޭ ޓެކްސް ދެއްކުމުގައި އިހްމާލު ވެފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި ޓެކްސް ދެއްކިއިރު، ރޮނާލްޑޯ ޓެކްސް ދައްކާފައިވަނީ 600000 ޔޫރޯ މަދުން ކަމަށް ތުހުމަތު ކޮށްފައި ވެއެވެ.

ފިނޭސް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވެފައިވާ ކަމަށް ބުނެ، ސްޕެއިންގެ ކުޅިވަރު ނޫސް މާސާގައި ބުނެފައި ވަނީ، ޓެކްސް އަށް މަކަރު ހަދާ ކޮންމެ ދެ އަހަރަކަށް، ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ. އެހެންވެ، ޓެކްސް ދެއްކުމުގައި އިހްމާލުވި، ތިން އަހަރު ކަމަށް ވުމުން، ކޯޓުގައި އެކުށް ސާބަިތު ވެއްޖެނަމަ، ރޮނާލްޑޯއަށް ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް މާސާ ގައި ރިޕޯޓް ކޮށްފައި ވެއެވެ.

އަދި، ޓެކްސްގެ ގޮތުގައި، ދައްކަން ޖެހޭ، ފައިސާ ދައްކައިފިނަމަ، ޖަލު ހުކުމުގެ މުއްދަތު 15 މަހަށް ކުޑަ ކުރުމުގެ އިހްތިޔާރު ކޯޓަށް އޮވެ އެވެ.

ވާދަވެރި، ބާސެލޯނާގެ ލިއޮނަލް މެސީއަށް ވެސް، ވަނީ، ޓެކްސް އަށް މަކަރު ހެދުމުގެ ކުށުގައި 21 މަހަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ. އަދި ސްޕެއިންގެ ދަށު ކޯޓުން ކޯށްފައިވާ އެ ހުކުމް ހައިކޯޓުން ވަނީ ދާދިފަހުން، ދަމަހައްޓާފަ އެވެ. ހުކުމް ކުރިނަމަވެސް، ޖަލުހުކުމް ތަންފީޒު ކުރުން މާފު ދީފައި ވަނީ، ފުރަތަމަ ފަހަރު ކަމަށް ވުމުން ނެވެ.

ބެލެވޭ ގޮތުގައި ރޮނާލްޑޯގެ މައްޗަށް، ހުކުމް ކުރިޔަސް، ފުރަތަމަ ފަހަރު ކަމަށް ވުމުން އޭނާއަށްވެސް ޖަލު ހުކުމް ތަންފފީޒު ކުރުމުގެ މަރުހަލާގައި މާފް ދޭނެ އެވެ. ސްޕެނިޝް ޓެކްސް އެތޯރިޓީން، މިހާރު ދަނީ. ރޮނާލްޑޯގެ މައްސަލަ ތަހްގީގު ކުރަމުން ނެވެ.