ރޯދަމަސް މިއަދު ފެށުނު އިރު ރޭގަނޑުގެ އަޅުކަމަށްފަހު މުނިފޫހި ފިލުވައިދިނުމަށް ޓީވީ ޗެނަލްތަކުންވެސް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެ އެވެ. އޮފީސްތަކުގެ ޑްރާމާތަކާއި ސިލްސިލާ އެހެން ޑްރާމާތައްވެސް ގިނަ އެވެ. ނަމަވެެސް "ދިރިއުޅުމަކީ މިއީބާ" އަށް ވުރެ ބޮޑު ފޭން ބޭސް އެއް ހޯދުނު ޕްރޮގްރާމެއް ނެތެވެ. މުނިފޫހި ފިލުވައިދޭން އެންމެ މޮޅީ ހަމަ ޔޫސުފް ރަފީއު (ޔޫސޭ) އެވެ.
އެހެން ކަމުން "ދިރިއުޅުމަކީ މިއީބާ" އުފެދިގެން އައި ގޮތަކާއި އޭގެ ތަނަވަސް ހިޔާލު އުފެދުނު ގޮތެއް ބަލައިލުމުގެ ޝައުގުވެރިކަން ގިނަ ބައެއްގެ ހިތުގަ އޮވެ އެވެ. ހާއްސަކޮށް މިހާރުގެ ޒުވާނުންނެވެ.
މިވާހަކަ ދައްކާލަން ޔޫސޭއާ ގުޅި އިރުވެސް އުޅެނީ ޝޫޓިންގައި ވަރަށް ބިޒީކޮށްނެވެ. ދުވަހާއި ވަގުތެއް ކަނޑައަޅައިގެން އުޅެއުޅެ ޔޫސޭ އާ ބައްދަލުވާ ގޮތްވީ ތިން ހަފްތާ ފަހުން އިއްޔެ ހަވީރު އެވެ. އޭރުވެސް "ދިރިއުޅުމަކީ މިއީބާ" ގެ މަންޒަރުތައް ނެގުމުގައި ޔޫސޭ އުޅުނީ ވަރަށް އަވަދި ނެތި އެވެ.
މާގިނަ ވަގުތު ދެވެން ނެތުމުން ހާލު އަހުވާލު އަހާލުމަށްފަހު "ދިރިއުޅުމަކީ މިއީބާ" އުފައްދަން ހިޔާލު އައި ގޮތާއި ފެށިގެން އައި ގޮތާމެދު ސުވާލު ކުރީމެވެ.
"ދިރިއުޅުމަކީ މިއީބާ ހަދަން އެންމެ ފުރަތަމަ ހިޔާލު ކުރީ އަޅުގަނޑެއް ނޫން. އޭތި ހަދަން ހިޔާލު ކުރެއްވީ އަހްމަދު ވަހީދު އަލީ. އޭރު 1981 ގައި އަޅުގަނޑު ޓީވީގައި ވަޒީފާގައި އުޅެނިކޮށް އެބޭފުޅާ ކްރިއޭޓް ކުރި ކޮންސެޕްޓެއް އެއީ އެންމެ ފުރަތަމަ. އެބޭފުޅާ ހަ އަހަރު ވަންދެން އުފައްދަވާފައި އޭގެ ފަހުން އެބޭފުޅާ ވަޒީފާއިން ވަކިވީމަ އަޅުގަނޑު ކޮންޓިނިއު ކުރަމުން މިއައީ،" ދިިރިއުޅުމަކީ މިއީބާ އުފެދިގެން އައި ގޮތް ކިޔައިދެމުން ޔޫސޭ ބުންޏެވެ.
އަހުމަދު ވަހީދު އަލީ އަކީ ނޫސްވެރިއެކެވެ. އެއީ މަޝްހޫރު ލިޔުންތެރިޔާ މަޑުލު މުހައްމަދު ވަހީދުގެ ކޮއްކޮ އެވެ. ރައީސް މައުމޫނުގެ ދުވަސްވަރުގައި އަހުމަދު ވަހީދު އަލީ ލިޔުއްވި ބައެއް ލިޔުންތަކާ ގުޅިގެން އޭނާއަށް އަދަބު ދެވި ޖަލަށްލެވިފައި ވެއެވެ. މިހާރު ސިކުނޑީގައި އުނި ކަމެއް ހުންނަ މީހެއްގެ ގޮތުގައި މަގުމަތިން، ހާއްސަކޮށް ސޯސަން މަގުން ފެނެ އެވެ.
މިއީ މެދުކެނޑުމެއްނެތި އެ ސިލްސިލާ ގެނެސްދޭތާ މިއީ 37 ވަނަ އަހަރެވެ. ޓީވީއެމް އިން އެކަނިވެސް 29 އަހަރު އެ ޕްރޮގްރާމް ގެނެސްދިނެވެ. އޭގެ ފަހުން ސަންގު ޓީވީ އަދި ޗެނަލް 13 އިންވެސް ދިރިއުޅުމަކީ މިއީބާގެ އާ އެޕިސޯޑުތަކެއް ގެނެސްދިނެވެ. މިއަހަރު އެ ސިލްސިލާ ގެނެސްދޭން ހަމަޖެހިފައިވަނީ ސަން ޓީވީ އަދި ރާއްޖެ ޓީވީ އިންނެވެ. މިހާރު 200 އަށްވުރެ ގިނަ އެޕިސޯޑު ވަނީ ގެނެސްދީފި އެވެ. މިހާރު ނަގަމުންދަނީ 2016 ވަނަ އެޕިސޯޑުގެ މަންޒަރުތަކެވެ.
"1981 ވަނަ އަަހަރުން ފެށިގެން ނީންނާނެ ދިރިއުޅުމަކީ މިއިބާ ހުއްޓިފައެއް. ބްރޭކެއް އައިސްފައެއް ނީންނާނެ." ޔޫސޭ ބުންޏެވެ.
"ދިރިއުޅުމަކީ މިއީބާގެ ކޮންސެޕްޓް އަހްމަދު ވަހީދު އަލީ ނެރުއްވީ އޭރު ގައުމުގައި ދިމާވާ ހާލަތްތައް ރައްޔިތުންނަށް ގެނެސްދިނުމަށް އުފެއްދެވި ކޮންސެޕްޓެއް އެއީ. އެންމެ ފުރަތަމަވެސް މަގުތަކާއި އެއްޗެހި ހަލާކުވެފައި ހުރީމަ ރަނގަޅުކުރަން. އެގޮތުން އެވެއާނެސް އެއްޗެއް ގޮތުގައި މީތި އައީ. އެހެންވެ އެއިރެއްގައި ދިމާވެގެން އުޅޭ ކަންތައްތަކާއި ބެހޭގޮތުން އިންނާނީ ކޮންސެޕްޓް،"
އާންމުކޮށް އުފައްދާ އެެހެން ޑްރާމާތަކާއި ހިލާފަށް "ދިރިއުޅުމަކީ މިއީބާ" އަކީ ހާއްސަ ކޮންސެޕްޓްތަކެއް ތައްޔާރުކޮށްގެން އުފައްދާ އެޕިސޯޑުތަކެއް ނޫނެވެ. ކޮފީ މޭޒުމަތިން ނުވަތަ އެހެން ގޮތަކުންވެސް އެންމެން އެކީގައި އުޅުމުގެ ތެރޭގައި އަންނަ ހިޔާލު މަޝްވަރާކޮށްލުމަށްފަހު ކުޅެލަނީ އެވެ.
"އަޅުގަނޑު އެންމެ އުފާވަނީ މަގުމަތިން ފެންނަ މީހުންވެސް ޔޫސޭ އާއެކު ތަންކޮޅެއް ޖައްސާލަން އަންނާށޭ ބުނީމަ އާދޭ. އެމީހުން ހާދަ މޮޅިއްޔޭ ހަމަ. ވަގުތުން އެ ޖައްސާލަނީ. ސްކްރިޕްޓެއް ލިޔެގެނެއް ނޫން. ދިރިއުޅުމަކީ މިއީބާގައި އިންނާނީ ސިނޮޕްސީސް ތަކެއް. ސިކުނޑީގައި އިންނާނީ." ޔޫސޭ ބުންޏެވެ.
ދިރިއުޅުމަކީ މިއީބާ އުފައްދަން ޔޫސޭ އާއެކު ހަރަކާތްތެރިވަނީ ޒިޔާ އެވެ. ޒިޔާއަކީ ފިލްމީ ދާއިރާގައި ތަޖުރިބާ ހުރި ފަރާތެކެވެ. އެޑިޓިންގެ ހުރިހާ މަސައްކަތެއް ކުރަނީ ޒިޔާ އެވެ. އެންމެ ބޮޑު މައްސަލައެއް ދިމާވަނީ ފަންޑު ކުުރުމަށެވެ. އަމިއްލަ ޖީބުންވެސް ބައެއް ފަހަރު ހަރަދުކުރެ އެވެ.
ދިރިއުޅުމަކީ މިއީބާ ނަގަން މި ހޭދަވި 37 އަހަރުގެ ތެރޭގައި ޔޫސޭ އށް ގިނަ އަނިޔާތަކެއް ވެސް ލިބިފައިވެ އެވެ. އޭގެތެރެއިން ވެސް 2015 ވަނަ އަހަރު ގެނެސްދިން އެޕިސޯޑެއްގެ މަންޒަރެއް ނަގަން އުޅެނިކޮށް ގަހަކުން ވެއްޓި މޭކަށިގަނޑުން ތިން ކަށިގަނޑު ބިންދައިގެން ދިޔަ އެވެ. އެކަމުގެ ސަބަބުން 26 ދުވަސް ވާންދެން ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ.
ކިތަންމެ އަނިޔާއެއް ލިބުނަސް ސިއްހަތު ސަލާމަތުން ހުރެއްޖެޔާ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދިރިއުޅުމަކީ މިއީބާ ފެންނާނެ އެވެ. ޔޫސޭ ހުރީ އެ ޕްރޮގްރާމް އުފައްދަން ތައްޔާރަށެވެ.
"ޔޫސޭ ބުނެލަން ބޭނުން ވާހަކައެއް އެބައޮތް، ޔޫސޭ ނެތި ހިނގައިދާނޭ، އެކަމަކު ދިރިއުޅުމަކީ މިއިބާގެ މި ކޮންސެޕްޓްގެ އެހެން ކޮންސެޕްޓެއް އެހެން ބަޔަކު އުފައްދަބަލާށޭ. މިހާރު 37 އަހަރުވީ ޔޫސޭ މިކަންތައް ކުރާ. ވަރަށް ގިނަ މީހުން މިހާރު ފޭސްބުކްގަޔާ ތަންތާގައި ލިޔެފައި ހުރޭ ޔޫސޭ މުސްކުޅި ވެއްޖެޔޭ. އަޅުގަނޑު ހަގީގަތުގައިވެސް މުސްކުޅިވެއްޖެ މިހާރު މިކަމުގައި. އެކަމަކު ހުރިހާ އެންމެންވެސް ބޭނުންވޭ ޔޫސޭ. ކޮންމެސް ކުއްޖަކު ނުކުމެ މި ކޮންސެޕްޓް ކުރިއަށް ގެންދާތަން ފެނުން އެއީ ޔޫސޭ އަށް ލިބޭނެ އެންމެ ބޮޑު އުފާ،"