ރޯދަ މަހާ ރޯއްޖާ

ސިއްހީ މިންގަނޑުން އިއްޔެގެ ރޯދަ ވީއްލުމަށް ކިތައް މާކްސް؟

ރޯދަމަހަކީ އިންސާނާގެ ހަށިގަނޑަށް ގުދުރަތީ ގޮތުން ގިނަ ބަދަލުތަކެއް ގެނުވާނެ މަހެކެވެ. ވީމާ މުޅި ދުވަހު ރޯދަޔަށް ހުރުމަށްފަހު ކާ އެއްޗެއް ކާއިރު ފަރުވާތެރިވުމަކީ މުހިއްމު ކަމެކެވެ. ނޫނީ ހަޖަމް ކުރުމުގެ ނިޒާމަށް "ހާޓް އެޓޭކް" އެއްވެސް އައިސްދާނެ އެވެ. ރޯދަ ވީއްލާ ގަޑީގައި ނިކަން ލުއި އެހެނަސް މީރު ކާއެއްޗެއް މަޑުމައިތިރި ކަމާއެކު ނޯމަލް މިނެއްގައި ކާން އާދަކުރުމަކީ އޭގެ ސަބަބުން ކެއުމަށް ކުއްލިއަކަށް ތި ގެނައި ބަދަލު މުޅި ހަށިގަނޑުވެސް ބަލައިގަންނާނެ ކަމެކެވެ. ޔަގީނަށް ވެސް ބަނޑާއި ގޮހޮރުގެ ޕްރެޝަރު ކުޑަކޮށްދޭނެ ކަމެކެވެ.

ރޯދައަށް ހުރުމުގެ ސަބަބުން ހަށިގަނޑަށް މާއްދީ ބޮޑު ބަދަލެއް އަންނާނެ އެވެ. ހަޖަމް ކުރާ ނިޒާމް ނުވަތަ ޑައިޖެސްޓިވް ސިސްޓަމުން އެންޒައިމް އާންމުކޮށް އުފައްދާ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްލަ އެވެ. އެހެންވީމާ ގޮހޮރު މުޅިން ނިދާފައި އޮންނަ އިރު އަވަސް އަރުވާލައިގެން ކުއްލިއަކަށް ފާޑު ފާޑުގެ ކާއެއްޗިހި ބަނޑަށް އޮއްސާލުމަކީ ގޮހޮރަށް ބޮން އެޅުން ފަދަ ކަމަކަށް ނޫނީ ނުވާނެ އެވެ. ރޯދަޔަށް ހުންނަ އިރު އެންޒައިމް އުފައްދާ ރޭޓް މަޑުޖެހިފައި އޮތުމަށްފަހު އެ ޕްރޮސެސް އަލުން ނޯމަލް ކުރުމަށް ލަސްލަހުން ކެއުމުން އެހީތެރިވެދޭނެ އެވެ.

ވީމާ ދެން އޮތް ސުވާލަކީ ހަޖަމުގެ ނިޒާމަށް އެޓޭކް ނުކޮށް ރޯދަ ވީއްލާނީ ކިހިނަކުންތޯ އެވެ. މިއޮތް ފަދަ ރަމަޟާން މަހު މީރު ކާއެއްޗިހިން މަހުރޫމުވީކަމުގެ ބިރު ހީވާން ވެސް ފަށައިފި އެވެ. ނޫނެކެވެ. އަދި ތިޔަ ވިސްނީ ރަނގަޅަކަށް ނޫނެވެ. ސިއްހީ ފައިދާވެސް މަސްހުންޏާ އެއްކޮށްގެން ނިކަން މީރުކޮށް ކައިލެވޭނެ ގޮތްތަކެއް އެބަ ހުއްޓެވެ.

ތާޒާ ފަނިތައްޓަކުން ރޯދަ ވީއްލަން އާދަ ކުރާށެވެ. ރޯދަ ވީއްލާ ގަޑިއަކީ ތައްޔާރުކުރި ހުރިހާ ކާއެއްޗެއް އެއްފަހަރާ ކާން ބޭނުންވާނެ ގަޑިއެވެ. ނަމަވެސް ރޯދަ ވީއްލާ ގަޑީގައި ތާޒާ ފަނިތައްޓެއް މަދު ކޯވަރުތަކަކުން ބޯލުމުން ހަށިގަނޑު ހަމަޔަކަށް އެޅިދާނެ އެވެ. ދެން އޮތީ ކާއެއްޗެހީގެ ވާހަކައެވެ.

ސިއްހީ މާހިރުން ވެސް ބުނަނީ އެންމެ މޮޅީ ކަރާ ކަމަށް!

އާންމުކޮށް ތާޒާ މޭވާ އަކީ ނޯމަލް ދުވަހެއްގައި ކެއުން ނިންމާލުމަށްފަހު އޮންނަ ލުއި ކެއުމަށް ވީނަމަވެސް ރޯދަމަހު މިކަން އިނދިކޮޅަށް ބަދަލުކޮށްލުން ބުއްދިވެރި އެވެ. ރޯދަ ވީއްލާ ގަޑީގައި މީހާއަށް އެންމެ ގިނައިން ބޭނުންވާނީ ފެނެވެ. ހަށިގަނޑަށް ފެން ބޭނުންވާ ނިސްބަތް އިތުރުވުމުން ހަމަ އެކަނި ފެންތައްޓެއް ބޯލުމަކުން ނުފުދޭނެ އެވެ. މިކަމަށް އޮތް އެންމެ ރަނަޅު ފަރުވާއަކީ ކަރާ އެވެ. ކަރާއަކީ އެންމެ ގިނަ އަދަދަކަށް ފެން އެކުލެވޭ މޭވާ އެވެ. ދިވެހިންނަކީ ރޯދަމަހު އާދަވެގެން ކަރާ ކައި އުޅޭ ބައެކެވެ. އެއްބަޔަކަށް ކަރާ މީރީ ފަނި ގިރައިގެންނެވެ. އަނެއް ބަޔަކަށް ހުހަށް ކާލަން މާ މީރެވެ. ވީމާ ކޮންމެ ދުވަހެއްގެ ރޯދަ ވީއްލާ މެނޫގައި ކަރާކޮޅެއް ހިމަނާލާށެވެ.

ވެޖިޓަބަލް ސޫޕްގެ ފައިދާ ބޮޑު!

ރޯދަ ވީއްލުމަށް މީރު ފްރުޓް ކޮޅެއް ކާލުމަށްފަހު އަމިއްލަޔަށް ތައްޔާރުކޮށްފައިވާ ތަރުކާރީ ސޫޕް ފޮދެއް ބޯލުމަކީ ރަނގަޅު ކަމެކެވެ. ސޫޕްގެ ވާހަކަ މި ބުނަނީ، އާންމުކޮށް ރޯދަ ވީއްލުމަށްފަހު ބަނޑުގައި ރިއްސާނަމަ އެއީ ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް ގަބޫލުކުރެވޭތީ އެވެ. ސޫޕަކީ ބަނޑަށް އަރާމު އެއްޗެކެވެ. ހަޖަމްކުރުމަށް ފަސޭހަ، ސިއްހަތަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވޭ ބުއިމެކެވެ. ރޯދަ ވީއްލާ ގަޑީގައި ވެޖިޓަބަލް ސޫޕެއް ބޯލުމުން މުޅި ދުވަހު ހަށިގަނޑަށް ބޭނުންވާ ވިޓަމިން އޭ އާއި އީ ގެ އިތުރުން އެހެން ބައެއް މާއްދާ ވެސް ލިބިގެންދާނެ އެވެ.

ދަނޑިއަލުވި ބޯކިބަލެއް ވެސް ރަނގަޅު!

ދަނޑިއަލުވި ބޯކިބަލެކޭ ބުނުމުން ހިނިވެސް އަތުވެދާނެ އެވެ. އެތައް ބައިވަރު އެއްޗިހި ހުއްޓާ މި ވައްތަރެއްގެ ބޯކިބަލެއްގެ ނަން ކިޔާލީމަ އެވެ. އެކަމަކު އެނގޭހެއްޔެވެ. ދަނޑިއަލުވިން ލިބޭ ސިއްހީ ފައިދާ، ތަރުކާރީ ސޫޕްތައްޓަކުން ލިބޭ ފައިދާއަށް ވުރެ ވަކި ކުޑައެއް ނުވާނެ އެވެ. ދަނޑިއަލުވި ބޯކިބަލެކޭ ބުނެލި ސަބަބަކީ ދިވެހިންނާއި ވައްތަރު ވައްތަރުގެ ބޯކިބަލާ މާބޮޑު ގުޅުމެއް ޒަމާނުއްސުރެ އޮންނާތީ އެވެ. ދަނޑިއަލުވީގައި ކާބޯހައިޑްރޭޓް ގިނަ މިންވަރަކަށް ހިމެނެއެވެ. އެހެންވީމާ ފުރުޓާއި ކަރަލުން ހަޖަމުގެ ނިޒާމް ސްޓާޓްކޮށްލުމަށްފަހު ކާބޯހައިޑްރޭޓް ގިނަ ކެއުމަކަށް އިންސާފުކޮށްލުމަކީ ބުއްދިވެރި ގޮތެކެވެ.

ދަނޑިއަލުވި އަކީ ލޭގެ ގުލްކޯޒް އިތުރުވިޔަ ނުދީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާބޯހައިޑްރޭޓް ލިއްބައިދޭނެ ކާނާ އެކެވެ. އަދި އެއީ ލޭގެ ސިއްހަތު ރަނގަޅުކުރުމަށް އެހީވެދޭ ބީޓާ-ކެރޮޓިން ވެސް އިތުރު ފަލަމަޑި އެކެވެ. ވިޓަމިން ސީ އާއި ޕޮޓޭސިއަމް ވެސް އެކުލެވެއެވެ. ފެޓްސްގެ ބައި އެއްވެސް ވަރަކަށް ނުހިމެނޭތީ މިއީ ހަމަ އެއްވަނައިގެ ކައުމަކަށް ވާނެ އެވެ.

މީގެ އިތުރުންވެސް ބިހާއި މަސް ހިމެނޭ ކާނާތައް މަދުން ތެޔޮ ބޭނުންކޮށްގެން ތައްޔާރުކޮށްލެވިދާނެ އެވެ. ހަވާދުލީ އެއްޗެހިން ރޯދަ ވީއްލުން ސަލާމަތްކުރަން އިސްކަންދޭށެވެ. ޑެވިލް ޗިކަން ތަރާވީހަށް ވެސް ތައްޔާރުކޮށްލެވިދާނެ ނޫން ހެއްޔެވެ!

މިއޮތީ ރޯދަ ވީއްލާނެ މީރު އެހެނަސް ސިއްހީ ގޮތުން ރައްކާތެރި ގޮތެކެވެ. ވީމާ އިއްޔެގެ ރޯދަ ވީއްލުން ރޭޓް ކުރަން ކިތައް ތަރި ދޭނަން ހެއްޔެވެ؟