މިއީ މި ފަހަކަށް އައިސް ވަރަށް އާންމުވެފައިވާ ކަމެކެވެ. ކިތަންމެހާވެސް ރަނގަޅު ކަމެކެވެ. ރޯދަމަހާއެކު މީހާއަށް އަންނަ ހެޔޮ ބަދަލެކެވެ. އެ މަންޒަރު ފެނުމުން ހިތްތަކަށް އުފާވެރިކަން ލިބޭ ފަދަ މަންޒަރެކެވެ. އެއީ ރޯދަ އާ އެކު ހެދުން އެޅުމަށް އަންނަ ބަދަލެވެ.
އެންމެ ކުރުކޮށް ހެދުން އަޅާ ކުއްޖާވެސް ރޯދަމަސް އައުމާއެކު ލާ ހެދުންތައް ދިގުކޮށް ބައެއް މީހުން ބުރުގާވެސް އަޅަ އެވެ. ބުރުގާ އަޅައިގެން އުޅުނު މީހުން ކުރިއަށް ވުރެ ބޮޑުކޮށް ބުރުގާ އަޅާ ބޮޑު ހެދުމަށް ބަދަލު ކުރި އެވެ. މުޅިންވެސް ހެޔޮ ބަދަލުތަކެވެ. މި ރޯދަމަސް ފެށިގެން އައިއިރުވެސް މި މަންޒަރު ފެނިގެން ދިޔަ އެވެ. އެ މަންޒަރު ބަލައިލަން ކިތަންމެހާވެސް ހިތްގައިމެވެ.
ރޯދަަމަސް ކައިރިވެގެން އައި އިރު އަންނައުނު އަދި ބުުރުގާ ވިއްކާ ފިހާރަތަކަށް ބާރު ބޮޑުވީވެސް އެހެންވެ ކަމަށްވެދާނެ އެވެ. އާންމުކޮށް ރޯދައަށް ބާރު ބޮޑުވެގެން ދަނީ ބަދިގޭ ސަމާނު ވިއްކާ ފިހާރަތައް އެކަންޏެވެ.
އެންމެ އުފާވެރި އެއް ކަމަކީ މި ބަދަލުތައް އެންމެ ބޮޑަށް އައި ބަޔަކީ ޒުވާނުންނަށް ވުމެވެ. ގިނަ އަދަދެއްގެ ޒުވާން އަންހެން ކުދިން ހެދުން އަޅާގޮތް ބަދަލު ކުރި އެވެ. އަމިއްލައަށް ފެނިގެންނެވެ. ރޯދަމަހުގެ ބަރާކާތްތެރިކަމާއި ހެޔޮކަން އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށެވެ.
އެހެން ނަމަވެސް ރޯދަމަސް ދެ ބައިވެގެން ދިޔައިރު އަނެއްކާވެސް ކުރީގެ އާދައަށް ރުޖޫއަ ވާން އުޅޭހެން ހީވެ އެވެ. ރޯދަމަސް ނިމެންދާ ވަރަކަށް މިސްކިތްތަކުގެ ސަފު މަދުވާހެން ކުރީގެ ހެދުން އެޅުމަށް ބަދަލުވަމުން ދަނީ އެވެ. މަޑުމަޑުންނެވެ.
އެހެން ނަމަވެސް އެކަން ބަދަލުކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ؟ މި ރޯދަމަހު ހެދުން އެޅުމަށް ގެނައި ބަދަލު ދާއިމީ ބަދަލަކަށް ހެދުން ކިހިނެއް ވާނެ ހެއްޔެވެ؟ އަންނަ އަހަރުގެ ރޯދަމަހުއޭ ހެދުން އެޅުން އެއްކޮށް ބަދަލުކުރާނީ ހިތަށް އަރުވާލާފައި މަޑުނުކުރާށެވެ. މިއީ ހަޔާތުގައި އަންނަ އެންމެ ފަހު ރޯދަމަސް ކަމަށްވެސް ވެދާނެ އެވެ.
ހަމައެކަނި ހެދުން އެޅުމަކަށް ނޫނެވެ. ނަމާދު ކުރުމާއި ޤުރުއާން ކިޔަވާ އެހެނިހެން ހެޔޮ އަމަލުތައް ކުރުމަށް ވަގުތު ހުސްކުރިހެން ރޯދަމަސް ނިމުމަށްފަހު ވެސް ވަގުތު ހުސްކޮށްލަމާ ހިނގާށެވެ. ފިލްމުތަކާއި ސީރީޒްތައް ބަލަން ހޭދަކުރާ ވަގުތުތައް ޤުރުއާން ކިޔަވަން ހޭދަކޮށްލާށެވެ. ރޯދަމަހު ނަފްސަށް ތި ލިބުނު އުފާވެރިކަމާއި ހިންހަމަޖެހުން ދާއިމީ ހިންހަމަ ޖެހުމަކަށް ބަދަލުވެގެންދާނެ އެވެ.