ރޯދަ މަހާ ރޯއްޖާ

"މިހިރަ ބަލާވެރިކަން ކޯރާޑިތަކުން ތަޅާލަންވީ!"

May 27, 2017
14

ރައީސް މުހައްމަދު އަމީނުގެ ވެރިކަން އިންގިލާބުކޮށްލުމުގެ ކުރިން އެ މަނިކުފާނުގެ އާރާއި ބާރު ގައުމުގައި އޮތްވަރާއި ތައުލީމަކީ ހާއްސަކޮށް، އަންހެން ކުދިންގެ ތައުލީމަކީ އެ މަނިކުފާނުގެ "އެއްޗެއް" ކަމަށް ބަލައިގެން ތައުލީމާ ދެކޮޅު ރޫހު މާލޭގައި ރަނގަޅަށް ހިނގައިގެންފި އެވެ. އެ އަލިފާންގަނޑުގެ ހުޅު ރޯވީ އިނގިލާބީ ދުވަހު އެވެ.

އޯގަސްޓް ،21 1953 ގައި މުހައްމަދު އަމީނުގެ ވެރިކަން އިންގިލާބުކޮށްލުމަށް އަމީނުގެ ނައިބު ރައީސް ވެލާނާގޭ އިބުރާހިމް މުހައްމަދު ދީދީ އިސްވެ ހުންނަވައިގެން ދުރާލައި ރޭވި ޕްލޭނުގައި ރައްޔިތުންގެ ނަމުގައި މާލޭގެ ގުޅަކުޅޭ ފަސްގަނޑަށް މީހުން އެއްކޮށް އެންމެ ވަރުއެރި ވަގުތުން ފެށިގެން އިންގިލާބީ ހަރަކާތްތައް ނިމެންދެން ވެސް ތައުލީމާ ދެކޮޅު ރޫހު އޮތެވެ.

އިންގިލާބީ ދުވަހު މާލޭގައި ކިޔަވާ ކުދިންނަށް ދުއްތުރާލާ ކުރިމަތިލާންޖެހުނެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ތައުލީމާ ދެކޮޅު ހެދުމުގެ ގޮތުން މާލޭގެ ވަރަށް ގިނަ އަދަދެއްގެ މީހުން ނުކުމެ ދާރުލް އުލޫމު ތަޅައި ސުންނާފަތި ކުރާން އުޅެގަތުމެވެ.

އޭރު މާލޭގައި މަދަރުސާގެ ފިރިހެން ކުދިން ފާހަގަ ކުރަނީ ޔުނިފޯމަށް ބަލައިގެނެއް ނޫނެވެ. ބޮލުގެ ތާކިހަލަށް ބަލައިގެނެވެ. ތާކިހާ އަޅައިގެން ކިޔަވާކުދިން އުޅުމަކީ ރައީސް މުހައްމަދު އަމީނު އެކަމަށް ބާރު އަޅުއްވާ ކަމަކެވެ. އެ މަނިކުފާނަކީ ތައުލީމަށް ވަރަށް ލޯބިކުރެއްވެވި ބޭފުޅަކަށް ވުމުން އެކަމާ ރުޅި އަންނަ މީހުން އިނގިލާބީ ދުވަހު ވަރަށް ބޮޑަށް ފުރުސަތުގެ ބޭނުން ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މަދަރުސާ ކުދިންނަށް ފުރައްސާރުކުރުމާ އެކު ތައުލީމީ ބިނާތަކާ ދިމާކޮށްލީ އެވެ.

މަޝްހޫރު ތާރީހު އިލްމުވެރިޔާ ސިއްކަގޭ މުހައްމަދު ނަސީމު ވިދާޅުވި ގޮތުގައި ތައުލީމަށް މީހުންގެ ހިތްތަކުގައި ބަޔަކު އުފެއްދި ރުޅިވެރިކަމުގެ ނަތީޖާއެއްގެ ގޮތުން އިންގިލާބީ ދުވަހު މާލޭގެ ގޮތްނެތް ވިޔާނުދާ މީހުންގެ އަމާޒަކަށް ކިޔަވާ ކުދިން ވެގެން ދިޔަ އެވެ.

"އަޅުގަނޑުމެން ފެނުނަސް މިއޮށްދަނީ، އެއޮށްދަނީ އެއްކަލަ ބައިވަރުތަކޭ ގޮވާ ދިމާކޮށްލާ... މިތިބީ އެއްކަލަ މަދަރުސާ ބައިވަރުތަކޭ ގޮވަމުން ފަހަތުން ދުވޭ،" ނަސީމު ވިދާޅުވި އެވެ.

ހަގީގަތުގައި އިންގިލާބަށް ފަހު އޭރުގެ މަދަރުސަތުލް މަޖީދިއްޔާގެ ދަރިިވަރުން ވަރަށް ބޮޑަށް މަދުވެ ހީނަރުވެގެން ދިޔަ އެވެ. އެކަން އެހެން ވާންޖެހުނު ގޮތް އެނގޭނީ ރައީސް މުހައްމަދު އަމީނަށް ނަފުރަތު ކުރަމުން ތައުލީމަކީ، ހާއްސަކޮށް އަންހެން ކުދިންނަށް ކިޔަވައި ދިނުމަކީ އެ މަނިކުފާނު އާންމު ކުރެއްވެވި ކަމަކޭ ބުނަމުން، ތައުލީމުގެ ބިންގާތަކާއި ބިނާތައް ފުނޑުފުނޑު ކުރުމުގެ ފިކުރެއް އިންގިލާބީ ހަރަކާތުގެ ތެރެއަށް ވެއްދި ބަޔަކަށެވެ. ޔަގީންވާ ކަމަކީ އިންގިލާބީ ހަރަކާތުގައި ތައުލީމުގެ ދަންމަރު ނިވައިލުމަށް މަސައްކަތްކޮށްފައިވާ ކަމެވެ.

ނަސީމު ވިދާޅުވި ގޮތުގައި އިންގިލާބީ ދުވަހު ހަވީރު އޭނާ ގޭގެ ދޮރާށި ކުރިމަތީގައި ހުއްޓާ ރާސްލާފައި މީހުންތައް ދުވާތަން ފެނުނެވެ. އެ އެންމެން ދުވުނީ "މިތާކު އިސްލާމްދީނެއް ނެތޭ" ގޮވަމުންނެވެ.

"އަޅުގަނޑު ވަރަށް ރީއްޗަށް ދުށިން. ގުއިފުތު ދޮންކަލޯ ކަހަލަ އެތައް ބަޔަކު އަރުވާޖަހައިގެން މިތާކު އިސްލާމްދީނެއް ނެތޭ ކިޔަމުން ދުވުނު ތަން،" ނަސީމު ވިދާޅުވި އެވެ. "ފަހުން އަޅުގަނޑު އެހި ގޮތުގައި ގުއިފުތު ދޮންކަލޯ އެ ދުވަހު ހެންވޭރު އަވަށު އޮފީހުގެ ޕިޔޯނުގެ ބައިސްކަލް ޖަހައިގަނެ، އެއަށް އަރައިގެން މިތާކު އިސްލާމްދީނެއް ނެތޭ ކިޔަމުން ބާރުބާރަށް ބުރުޖެހީ،"

ނަސީމު ވިދާޅުވި ގޮތުގައި އެ މީހުން ގޮވާ ހަޅޭއް އަމާޒުކުރީ މުހައްމަދު އަމީނަށާއި އޭރު އެ މަނިކުފާނު ފައްޓަވާފައިވާ ތައުލީމީ މަޝްރޫއުތަކަށެވެ. އެ މަނިކުފާނަކީ އިސްލާމްދީން ނައްތާލަން އުޅުއްވާ ވެރިއެއް ކަމަށް ތުހުމަތުކޮށް ހަޅޭއްލެވީ ކަމަށް ވެސް ވިދާޅުވި އެވެ.

އިންގިލާބީ ދުވަހުގެ ހަޅޭކަށް ފަހު ދެން އައީ ވެސް ތައުލީމާ ދެކޮޅު ހެދުމުގެ ވަގުތުކޮޅެކެވެ. ކުއްލިއަކަށް އެންމެން ބައި ހަދާފައި ދާރުލް އުލޫމު ކައިރިއަށް ޖަމާވެ އެތަން ބިމާ ހަމަކޮށްލަން ދިމާ ކުރީ އެވެ.

"އެއީ ސީދާ އަޅުގަނޑުމެން ގޭގެ ކުރިމަތި. އެއްވި މީހުން ފުރަތަމަވެސް ގޮވަން ފެށީ މިތަން ވާނީ ތަޅައިލާށޭ، ކޮންފަދަ ބޮޑު ބަލާވެރިކަމެއްހޭ ބަހައްޓާނެ ކަމެއް ނެތޭ، ކޮން އެއްޗެއް ކިޔަވައިދޭންހޭ، އަވަހަށް ތަޅައިލާށޭ... އެހެން ގޮވަމުން ފުމެ އަރަނީ،"

ހަގީގަތުގައި އޭރު އަދި ދާރުލް އުލޫމުގައި ކިޔަވައިދޭކަށް ނުވެސް ފަށަ އެވެ. ނަމަވެސް މުހައްމަދު އަމީނު ނިންމަވާފައި އޮތީ ޖުމްހޫރީ ދަރުބާރު، އެތަނުގައި ބޭއްވުމަށް ފަހު ދާރުލް އުލޫމުގައި ކިޔަވައިދޭން ފެށުމަށެވެ. އެކަން އަދި ފުރިހަމަ ނުވެ އޮތީ އެވެ.

"އޭރު ވެސް އެއީ މުސްތަގުބަލުގައި އަޅުގަނޑުމެން ކިޔަވަން ދާންހުރި ތަންކަން އޮތީ އެނގިފައި. އެހެންކަމުން އިންގިލާބުގެ ދުވަހު ތައުލީމާ ދެކޮޅުވެ ދާރުލް އުލޫމް ފުނޑުނޑުކުރާން އުޅެގަތުމުން ކިޔަވާކުދިން ތިބީ ވަރަށް ބިރުން،" ނަސީމު ވިދާޅުވި އެވެ.

ދާރުލް އުލޫމު ތަޅައިލަން ނުކުތް މީހުންގެ ބޮޑުބައި އޮތީ އަނބުގަސްދޮށުގެ އާއި ދާރުލް އުލޫމާ ދެމެދަށް އޮންނަ "މަދަރުސާގޯޅި" އޭ ކިޔާ ގޯޅިން ނުކުމެ މީރުބަހުރުގެއާ ކައިރިގަ އެވެ. އެތާނގައި އެންމެން ސައްލާކޮށް ދާރުލް އުލޫމް ތަޅައިލަން ދިމާ ކުރި އިރު މީހުން ބޯކަމުން މުޅިން ތަން އޮތީ ފުރިފަ އެވެ. އެންމެ ބާރަށް ގޮވަނީ "ކޯރާޑި ގެންނާށޭ، މުގުރު ނެރޭށޭ... މިހިރި ތަން މިހިރަ ބޮޑު ބަލާވެރިކަން ތަޅައިލަންވީއޭ،" އެވެ. ދެންމެ ދެންމެއަކު އިމާރާތް ބިމާ ހަމަކޮށްފާނެހެން ހީވި އެވެ.

ދާރުލް އުލޫމު ތަޅައިލަން ތައްޔާރުވިތަނާ ކުއްލިކަށް ފެނުނީ އިންގިލާބީ ލީޑަރު ބައިސްކަލެއްގައި އެދިމާއަށް ހަރުކޮށް ވަޑައިގަންނަވާތަނެވެ.

ނަސީމު ވިދާޅުވި ގޮތުގައި އިބުރާހިމްދީ ވަޑައިގަތީ ދާރުލް އުލޫމުގެ ދުވަސް ދުވައްލާތީ އެކަމާ ކޯފާވެވަޑައިގެންނެވެ. ބައިސްކަލުކޮޅު ދުއްވިލެއް ބާރުކަމުން މަޑު ފަސްގަނޑު މަތިން ބައިސްކަލުކޮޅުގެ ކުރީ ފުރޮޅު ކަހަލައި ނައިބު ރައީސް ބައިސްކަލު ކޮޅާއެކު ބިންމައްޗަށް ވެއްޓިވަޑައިގަތެވެ.

"އަޅުގަނޑު ހުރީ ހަމަ ވަރަށް ކައިރީގައި، ވެއްޓިވަޑައިގަތުމާ އެކު ތެދުވެ ވަޑައިގެން އަނބުގަސްދޮށުގޭ ފާރުގައި ބައިސްކަލުކޮޅު ލައްކޮށްލެއްވުމަށް ފަހު ބާރަށް ހިންގަވާފައި ވަޑައިގެން މީހުންގަނޑުގެ ތެރެއަށް ވެދެވަޑައިގެން ވިދާޅުވީ ތިޔަ އުޅެނީ ކީއްވެގެން ހެއްޔޭ، ތިޔަ ތަނެއް ނުތެޅޭނެއޭ، ތަޅައެއް ނުލެވޭނޭ،" ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިބުރާހިމްދީ ހުންނެވީ ވަރަށް ބޮޑަށް ކޯފާވެވަޑައިފަ އެވެ. އަދި ވަރަށް ބާރަށް ވިދާޅުވިއެވެ: "ކަލޭމަނަށް އެނގޭހެއްޔޭ ރާއްޖޭގެ ހަޒާނާގައި ތިވަރުގެ އިމާރާތެއް އަޅާނެ ތަނަވަސްކަން ނެތިސް މުހައްމަދު އަމީން ބޭރުން ކުރައްސަވައިގެން ގެންނެވި ނަމޫނާއަކަށޭ ތިޔަ ތަން ހެދީ ތިޔައީ ރާއްޖެއާ އެކަށީގެން ނުވާހާ ބޮޑު ހަރަދުކޮށްގެން ހެދި ތަނެކޭ، މުހައްމަދު އަމީނުގެ ވެރިކަން ނިމުނަސް ތިޔަތަން ތަޅައެއް ނުލެވޭނޭ"

އިބުރާހިމްދީ ކޯފާވެވަޑައިގެން އެއްވެ ތިބި މީހުންނާ ދިމާއަށް "ހަމަ މިހާރު ގެއަށްދާށޭ ކަލޭމެނަށް ވެގެން ތިއުޅެނީ ކީއްހޭ ތިޔަގޮތަށް ކަން ކުރާ ކަމަށް ވަންޏާ ތިމަންނަ އާއި ސީދިބެއާ [އިބުރާހިމް ފާމުލަދޭރި ކިލެގެފާނު] ދާނީ ގެޔަށް ކަމަށާއި ކަލޭމަނަށް ފެންނަ ބަޔަކު ލައިގެން ވެރިކަން ކުރޭ!"

ނަސީމު ވިދާޅުވި ގޮތުގައި ދާރުލް އުލޫމު ތަޅައިލަން އެއްވި މީހުންގެ ތެރެއިން ކުރިޔަށް ޖެހި އިބުރާހިމްދީއާ މުހާތަބު ކުރެއްވީ ހެންވޭރުގެ ބޮޑެއް ކަމަށްވާ ބިލާލު ތުއްތީދީ އެވެ. އޭނާ "ސާހިބާއޭ ދަންނަވަންތޯއޭ މިއީ މިތަނަށް އެއްވި ވިޔާ ނުވާ ބަޔަކު ލެވި ހަޅޭކެކޭ އަޅުގަނޑުމެންނަކު މިކަމާ ރުހިގެނެއް ނެތީމޭ" ދެންނެވި އެވެ. އަދި އެވަގުރު "ތިޔަހެންވިއްޔާ މިތަނުންދާށޭ" އިބުރާހިމްދީ ވިދާޅުވި އެވެ. އަދި އެހެން ހަމަ ވިދާޅުވުމާ އެކު އެންމެން އެއްއަޑަކުން "މާފުކުރައްވަށޭ، މިއީ މިތަނަށް އައި ވިޔާނުވާ ބައެއްގެ ކަމެކޭ" ކިޔާއިގެންފި އެވެ.

ތުއްތީދީ އެހެން ވިދާޅުވިޔަސް އޭނާ އަކީ ވެސް ދާރުލް އުލޫމް ތަޅައިލަން ނުކުތުމުގެ އިސް އެއް ބައިވެރިޔާ އެވެ. އޭނާގެ އަތުގައިވެސް ކޯރާޑިއެއް އޮތެވެ. އިބުރާހިމް ދީއަށް ވެސް އެކަން ރަނގަޅަށް އެނގިވަޑައިގަންނަވެ އެވެ.

އެ ދުވަހު ދާރުލް އުލޫމް ސުންނާފަތިކުރަން ނުކުތް މީހުންނަށް އެ އިމާރާތަށް ގެއްލުމެއް ނުދެވުނީ އިބުރާހިމްދީ ކޯފާވެ ވަޑައިގަތުމުންނެވެ. އިބުރާހިމްދީ ގެއަށް ވަޑައިގަތީ އެތަން ދޫކޮށް އެންމެ ގޮސް މުޅި މައިދާ ސާފުވުމުންނެވެ. ހަގީގަތުގައި އިބުރާހިމްދީދީ އެކަމާ ދެކޮޅު ހެއްދެވި ނަމަވެސް އެ ހަރަކާތަކީ އިންގިލާބީ ރޭވުންތަކުގެ ތެރެއިން ނުކުތް ކަމެކެވެ.