މީހުން

އައްލޮ އަދިވެސް އެކަހަލަ ލަވައެއް ކުޅޭ ހިތުން!

May 28, 2017

އެއީ ރާއްޖޭގައި މިއުޒިކްގެ ފޯރި އެންމެ ގަދަވި ދުވަސްވަރެވެ. އޭރު މީހުން ލަވަ އަޑު އަހަނީ މިހާރު އަޑު އަހާހެން ހެޑްސެޓް އަޅައިގެނެއް ނޫނެވެ. ގޭގޭގައި ބަހައްޓާފައި ހުންނަ އަޑު ގަދަ ސެޓްތަކުން މުޅި ރަށު ތެރެއަށް އިވޭ ގޮތަށެވެ.

މެޒޯ މުހައްމަދު މާޖިދު ނުވަތަ ކްރީމް މޯޑްގެ އެންމެ ފަހު ސޯލޯ އަލްބަމް ނެރުމުން ރަށު ތެރެއިން މިއުޒިކްގެ އަޑު އިހުނަށް ވުރެ ގަދަވިއެވެ. "ވިސްނާ ވިސްނާ... އެކި ރޭތައް ދުވާލާ، ވަކި ވަކިން ގުނަ ގުނާ،" ރާއްޖޭގެ ރަށްރަށުން ހަވީރުގެ ވަގުތު އިވެނީ މި ލަވައިގެ އަޑެވެ. ލަވަޔަށް އިތުރު މަޝްހޫރު ކަމެއް ލިބުނީ އެމެރިކާގެ މަޝްހޫރު މިއުޒިކް ޗެނަލް "އެމްޓީވ" އިން އެލަވަ ދައްކައިލުމުންނެވެ. އެއީ މެޒޯ މޯޑްގެ އިތުރުން ރާއްޖޭގެ ހުރިހާ އާޓިސްޓުން ފަހުރުވެރިވި ކަމެކެވެ.

އެ ލަވަޔަށް އެކްޓް ކުރި ދެމީހުންނަކީ އެކްޓަރުންނެއް ނޫނެވެ. ލަވައިގައި އުޅޭ ފިރިހެން ތަރިއަކީ މުޅިން އެހެން ކަމަކުން އޭރުވެސް މަޝްހޫރުވެފައިވާ މީހެކެވެ. އޭނާ މަޝްހޫރުވީ ބޮޑީ ބިލްޑިން ދާއިރާއިންނެވެ.

ޢަބުދުﷲ ނިޔާޒު، މަޝްހޫރު ނަމުން ނަމަ ޖޭމް އައްލޮ އެވެ. އޭނާބުނާ ގޮތުގައި އޭނާއަށް އެ ފުރުސަތު ލިބުނީ އެކަމުގެ އިންތިޒާރުގައި ހުއްޓައެވެ.

"ވެއިޓް ޓްރެއިނިން ތެރޭގައި ވެސް ބައިވަރު ފޮޓޯ ނަގާ ހަދާތީ ހަމަ އަބަަދުވެސް ގަބޫލުކޮށްގެން ހުންނަނީ އެކަހަލަ ޗާންސެއް ލިބޭނެ ކަމަށާ، ލިބިއްޖެއްޔާ ބޭނުން ކުރާނެ ކަމަށް. ޓެޑްރީ ފުރަތަމަ ބުނުމާއެކީ ވެސް ބުނިން އާނއެކޭ، ދެވަނަ ވިސްނުމަކަށް ވެސް ނުވެސް ގޮސް،" ލަވައިންް ފުރުސަތު ލިބުނު ގޮތް އަވަސް އަށް ކިޔައިދެމުން އައްލޮ ބުންޏެވެ.

އައްލޮ އަށް އެ ލަވައިން ފުރުސަތު ލިބުނީ މަޝްހޫރު ޑައިރެކްޓަރު މުހައްމަދު ނިޔާޒު ޓެޑްރީއާއެކު ބައެއް ކޮމާޝަލް އެޑް ތަކުގައި ބައިވެރިވެ، އޭނާގެ ފިޓްނަސް ޓެޑަށް ފެނިފައި ހުރުމުންނެވެ.

އެހެންވެ ލަވަ ޑައިރެކްޓް ކުރީވެސް އައްލޮ އަށް ފަސޭހަވާ ގޮތަށް މާބޮޑު އެކްޓެއް ކުރަން ނުޖެހޭ ގޮތަށެވެ. ލަވައިގައި ދައްކަނީ އައްލޮ އާއި ނޫރާ ކުޑަކޮށް ހިނގާލައި ކައިރިވެލާ އެހެން އުޅޭ މަންޒަރުތަކެކެވެ. ނަމަވެސް ލަވައިގައި ކުރި މަސައްކަތާ މެދު ޓެޑްރީގެ އިތުރުން މެޒޯ ވެސް އުފާވި ކަމަށް އައްލޮ ބުންޏެވެ.

އެލަވަ ނެގުމަށް ފުވައްމުލަކަށާއި ބައެއް އެހެން ރަށްރަށް ކުރި ދަތުރުގައި އެހެން ލަވައެއް ވެސް ނެގިއެވެ. ނަމަވެސް އޭގެ ފަހުން އައްލޮ އުޅޭ ލަވައެއް އަދި އަދަށް ވެސް ނުފެނެއެވެ.

މިހާރު އޭނާ ކޮބާ؟

ލަވަޔަށް ފަހު އެހެން ލަވައެއް ވެސް ކުޅެން އައްލޮ އުއްމީދު ކުރިއެވެ. އެކަމަކު ރާއްޖެއަށް އައި ސިޔާސީ ބަދަލުތަކާއެކު މުނިފޫހި ފިލުވުމުގެ ދާއިރާއަށް ލިބޭ ސަމާލުކަން ކުޑަވީއެވެ. އެހެންވީމާ ރަނގަޅު ފެންވަރުގެ ވީޑިއޯ ލަވައެއް އުފައްދާނެ ބަޔަކުވެސް ނެތުނީ އެވެ.

އެހެންވީމާ އޭނާ ކުރިއަށް ދިޔައީ ކުރިން ވެސް ކުރަމުން އައި މަސައްްކަތުގަ އެވެ.

"ވިއްސަށް ވުރެ ގިނަ އަހަރު މިވީ މީހުން ޓްރެއިން ކުރާތާ، 49000 ފަހަރު މީހުންނަށް އިންސްޓްރަކްޝަން ދީފައި ހުންނާނެ. ދެން މީހުން ޓްރެއިން ކުރަން ކުރި މަސައްކަތުގެ 80 ޕަސެންޓް ވަރު ހަމަ ކާމިޔާބު،" އޭނާ ބުންޏެވެ.

އެމްޓީވީން ދެއްކި ލަވައަށް ވުރެ މާ ބޮޑަށް ވެސް އޭނާ ފަހުރުވެރިވާ ކާމިޔާބީއަކީ ފިޓްނަސްގައި ހޯދުނު ކާމިޔާބެވެ. އުމުރުން 48 އަހަރު ވީ އިރު ވެސް އައްލޮގެ ފިޓްނަސް އަކަށް ބަދަލެއް ނާދެއެވެ. އޭނާއަށް ވެސް ބަދަލެއް ނާދެ އެވެ. މިހާރު ވެސް ދުވަސް ފަށައި ނިންމަނީ އޭރުވެސް އޭނާގެ ދުވަސް އޮތް ގޮތަށެވެ. އެ އުމުރަށް ދާއިރު ގިނަ މީހުންގެ ހުންނަ ކަހަލަ ޗަސް ބަނޑެއްގެ ބަދަލުގައި އޭނާގެ މިހާރު ވެސް ހުންނަނީ ފްލައި ވެއިޓް ބޮޑީ ބިލްޑަރެއްގެ ހަށިގަނޑެވެ. އޭނާ ބޭނުންވަނީ ރާއްޖޭގެ ހުރިހާ އުމުރެެއްގެ މީހުން ވެސް އެގޮތަށް ތިބޭށެވެ. ހާއްސަކޮށް ފިލްމު ކުޅޭ މަޝްހޫރު މީހުންނެވެ.

"ސްޓާރުންނަށް ދެން މަގޭ ފަރާތުން ބުނެލަން އޮތީ ތިހުރިހާ އެންމެން ވެސް އެބަ ޖެހޭ ފިޒިކަލީ ފިޓްވާން. އެހެންވީމާ ޖިމްއަކަށް ޖޮއިންކޮށްގެން ވެއިޓް ޓްރެއިނިން ހަދައިގެން ބޮޑީ ކޮންމެވެސް ވަރަކަށް ޓްރާންސްފޯމް ކޮށްގެންނޭ ތިޔަލާ އެއްޗެހީގެ ރީތި ކަންވެސް ފެންނާނީ،" ފިޓްނަސް އާދަޔާ ހިލާފު ޝައުގުވެރިކަމެއް ހުންނަ އައްލޮ ބުންޏެވެ.