ދުނިޔެ

ބަބުރު ކެލާ ގަސް ކަނޑަން އުޅުނު 20 މީހަކު އިންޑިއާ ފުލުުހުން މަރާލައިފި

Apr 8, 2015
1

އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ ޖަންގަލި ތެރޭގައި ބަބުރު ކެލާ ގަސް ވަަގަށް ކަނޑަން އުޅުނު ބަޔަކާ ދެމެދު ހިނގި ކުރިމަތިލުމެއްގައި 20 މީހަކު މަރާލާފައިވާ ކަމަށް އެ ސްޓޭޓްގެ ފުލުހުން ބުނެފި އެވެ.

މީރު ވަސް ދުވާ ކެލާ ގަހުގެ ވައްތަރެއް ކަމަށްވާ ބަބުރު ކެލާ އަކީ އޭގެ ލަކުޑީގައި ހުންނަ ގަދަ ރަތް ކުލަ އާއި އާރުގެ ސަބަބުން ވަރަށް ބޮޑު އަގުގައި ދުނިޔޭގެ ކަޅު ބާޒާރުގައި ވިކޭ އެއްޗެކެވެ. އެކަމަކު މިއީ ކެލާ ގަހުގެ ލަކުޑީގައި ހުންނަ މީރު ވަސް ހުންނަ އެއްޗެއް ނޫނެވެ. މީގެ ލަކުޑީގެ ވިޔަފާރި އިންޑިއާގައި ވަނީ 2000 ވަނަ އަހަރުން ފެށިގެން މަނާކޮށްފަ އެވެ.

ފުލުހުން ބުނީ މި ކުރިމަތިލުން ހިނގާފައި ވަނީ ޓިރުޕަތީ އަވަށް ކައިރީގައި ކަމަށާއި ހަމަލާތައް ފެށުނީ ލަކުޑި ކަނޑަން އުޅުނު މީހުން ފުލުހުންނަށް ހަމަލާ ދިނުމުން ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަމުން ދަނީ ފުލުހުން އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ. މަރުވި މީހުންނަކީ ހާދިސާ ހިނގި ސަރަހައްދާ ކައިރީގައި އޮންނަ ޓެމިލް ނާޑޫ ބައެކެވެ.

ދެކުނު އިންޑިއާ ސަރަހައްދުގައި ގިނަ އަދަދަކަށް ހެދޭ މި ގަހުގެ ލަކުޑިން ވަގު ވިޔަފާރިކުރާ 100 ވަރަކަށް މީހުންނާ ފުލުހުން ކުރިމަތިލި ކަމަށާއި ކުރިމަތިލުން ހިނގީ ކަނޑާފަައި ހުރި ލަކުޑިތައް ފުލުހުންނާ ހަވާލު ކުރުމަށް ދެކޮޅު ހެދި ބަޔަކާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ހަމަލާ ދީފައި ވަނީ ކީހާއި ކޯރާޑި އާއި ދަނޑިބުރިންނާއި ގަލުން ކަމަށް ފޮރެސްޓްރީ އޮފިޝަލުން ވިދާޅުވެފައިވެ އެވެ. އެހެންވެ މިއީ ފުލުހުން ބަޑިޖަހަން ޖެހޭ ހާލަތެއް ނޫން ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ބަބުރު ކެލާގެ ވިޔަފާރި އިންޑިއާގައި އެންމެ ފުޅާކޮށް ކުރި މީހާގެ ގޮތުގައި މަޝްހޫރުވެފައިވާ ވީރައްޕަން ވެސް ވަނީ 2004 ވަނަ އަހަރު ބަޑީގެ ހަމަލާއެއްގައި މަރާލައިފަ އެވެ. --ބީބީސީ