ސްރީލަންކާ

އަވަށްޓެރި ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަރުވިމީހުންގެ އަދަދު 100 އަށް އަރައިފި އެވެ.

ލަންކާގެ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރާ ހަވާލާދީ ސަންޑޭ ޓައިމްސް ނޫހުން ބުނީ މަރުވިމީހުންގެ އިތުރުން 99 މީހަކު ގެއްލިފައިވާ ކަމަށާއި 200382 މީހުން ހާލުގައި ޖެހިފައިވާ ކަމަށެވެ. ހާލުގައި ޖެހުނު މީހުންނަކީ ލަންކާގެ 14 ޑިސްޓްރިކްޓެއްގައި ދިރިއުޅޭ 52603 އާއިލާއެއްގެ މީހުންނެވެ.

ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން 2937 އާއިލާއަކަށް ނިސްބަތްވާ 12007 މީހަކު މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އެމީހުން ގެންގޮސްފައި ވަނީ ރައްްކާތެރި 69 ތަނަކަަށެވެ.

ލަންކާއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެގައުމުގެ ހަތަރު ކޯރެއްގެ ފެންގަނޑު ވަނީ އުފުލިފައެވެ. އެގައުމަށް ވިއްސާރަކުރަން ފެށީ ވާރޭ ނުވެހޭތާ ގިނަ ދުވަސްތަކެއް ވެ، ބޯފެނާއި ދަނޑުފަނގަށް ބޭނުންކުރާ ފެނުގެ ދަތިކަން ކުރިމަތިވެފައި ވަނިކޮށެވެ.