ކުޅިވަރު

މެސީގެ ރެކޯޑަކާއެކު ސްޕެނިޝް ކަޕް ޗެމްޕިއަންކަން ބާސާއަށް

May 28, 2017

ފައިނަލްގައި، ޑިޕޯޓިވޯ އަލްވޭސްގެ މައްޗަށް، 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ކޮޕަޑެލްރޭ ނުވަތަ ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން، ބާސެލޯނާއިން ހޯދައިފި އެވެ.

ސްޕެނިޝް ކަޕްގެ އެންމެ ކާމިޔާބު ޓިމު ބާސެލޯނާއިން، މިފަހަރު މުބާރާޓުގެ ޗެމްޕިއަންކަން ހޯދުމުން، މިއީ އެ ޓީމުން މުބާރާތް ކާމިޔާބު ކުރި 30 ވަނަ ފަހަރެވެ. ދެ ވަނައަށް އެންމެ ގިނައިން މުބާރާތް ކާމިޔާބު ކޮށްފައިވާ، ވާދަވެރި ރެއާލް މެޑްރިޑުން މުބާރާތް ކާމިޔާބު ކޮށްފައި ވަނީ 23 ފަހަރު އެވެ. އެތުލެޓިކް ބިލްބާއޯ މުބާރާތް ކާމިޔާބު ކޮށްފައި ވަނީ 19 ފަހަރު އެވެ.

ރޭ ގެ ފައިނަލުގައި، ބާސާއަށް ގޯލް ހުޅުވައިދިނީ، މެސީ އެވެ. މި ލަނޑާއެކު، އޭނާ ވަނީ ސްޕެނިޝް ކަޕްގެ ފައިނަލުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދާފަ އެވެ. އޭނާގެ ކުރިން މި ރެކޯޑް އޮންނަނީ، ސްޕެއިން އާއި އެތުލެޓިކް ބިލްބާއޯގެ ލެޖެންޑް ޓެލްމޯ ސަރާ އެވެ. ސްޕެނިޝް ކަޕްގެ ފައިނަލުގައި އޭނާ ވަނީ ހަތަރު ލަނޑު ޖަހާފަ އެވެ. މެސީ ރޭ ޖެހި ލަނޑާއެކު، އޭނާ ވަނީ ސްޕެނިޝް ކަޕްގެ ފައިނަލުގައި ފަސް ލަނޑު ހަމަކޮށްފަ އެވެ.

ބާސާގެ ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓްގައި މެސީ ކާމިޔާބު ކޮށްފައި ވަނިކޮށް، އޭގެ ތިން މިނެޓްފަހުން، އަލްވޭސްގެ ތިއޯ ހެނާޑޭޒް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ނަމަވެސް، ފުރަތަމަ ހާފުގެ 45 ވަނަ މިނެޓްގައި، އެންޑްރޭ ގޯމޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން، ނޭމާ ވަނީ ބާސާގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށް ލީޑް ނަގާފަ އެވެ. އެ ލަނޑު ޖެހިއިރު، ނޭމާ ހުރީ އޮފްސައިޑްގަ އެވެ. ނަމަވެސް މެޗުގެ ރެފްރީ ވަނީ އެއީ ގޯލެއް ކަމަށް ނިންމާފަ އެވެ.

ބާސާގެ ތިން ވަނަ ލަނޑު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ސަސްޕެންޝަންގެ ސަބަބުން މެޗު ބާކީ ކޮށްފައިވާ ލުއިސް ސުއަރޭޒްގެ ބަދަލުގައި ފުރުސަތު ދިން ޕަކޯ އެލަކާސާ އަށެވެ. މެޗުގައި، ބާސާގެ ކޯޗް ލުއިސް އެންރީކޭ ވަނީ، އަނިޔާގެ ސަބަބުން ސީޒަންގެ ފަހު ހާފުގެ ބޮޑުބައެއް ކުޅުމާ ދުރުގައި ހުރި، ޑިފެންޑަރު އެލެކްސް ވިޑަލް އަށް މެޗުން ފުރުސަތު ދީފަ އެވެ.

މިއީ، އެންރީކޭ ބާސާއަށް ކޯޗް ކޮށްދިން އެންމެ ފަހު މެޗެވެ. އޭނާ ވަނީ މި ސީޒަނަށް ފަހު ބާސާ ދޫކޮށްލާނެ ކަމަށް އިއުލާންކޮށްފަ އެވެ. އަދި މާދަމާ ބާސާގެ އާ ކޯޗް އިއުލާން ކުރާނެ ކަމަށް، އެކުލަބުން ވަނީ މީގެކުރިން ބުނެފަ އެވެ. ބާސާގެ ކޯޗަކަށް އަންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކެނޑިޑޭޓަކީ، އެތުލެޓިކް ބިލްބާއޯގެ ކޯޗަކަށް މި ސީޒަންގައި ހުރި އެރުނެސްޓޭ ވެލްވަރުޑޭ އެވެ. ބިލްބާއޯއާކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް މިހާރު ވަނީ ހަމަވެފަ އެވެ.