ބޭރު ކުޅިވަރު

އެފްއޭކަޕް ހޯދައި ވެންގާއަށް އުފާވެރި ނިމުމެއް

May 28, 2017

ލީގް ޗެމްޕިއަން ޗެލްސީގެ މައްޗަށް 2-1 ނަތީޖާ އަކުން ކާމިޔާބު ހޯދައި، މިސީޒަންގައި ބޮޑު ނާކާމިޔަބާކާ ކުރިމަތިވެފައިވާ އާސެނަލްގެ ކޯޗް އާސެން ވެންގާއަށް އުފާވެރި ކަމާއެކު ސީޒަން ނިންމާ ލެވިއްޖެ އެވެ.

ބެލެވޭ ގޮތުގައި، މި ސީޒަނަކީ އާސެނަލްގައި ވެންގާ ހޭދަ ކުރާނެ އެންމެ ސީޒަނެވެ. އާސެނަލްއާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެހެންވެ، އެފްއޭކަޕްގެ މި ކާމިޔާބަކީ، އާސެނަލްގައި އޭނާގެ ކެރިއާވެސް އުފާވެރި ނިމުމަކުން ނިންމާލަން ލިބުނު ފުރުސަތެކެވެ.

މެދުކެނޑުމެއް ނެތި ދުނިޔޭގައި ކުޅެމުންދާ އެންމެ ދުވަސްވި ފުޓްބޯޅަ މުބާރާތުގައި، އެންމެ ކާމިޔާބު ޓީމަކީ ވެސް އާސެނަލް އެވެ. މިއީ އެޓީމުން މުބާރާތް ކާމިޔާބު ކުރި 13 ވަނަ ފަހަރެވެ.

މި ކާމިޔާބާއެކު، ވެންގާއަށް ވެސް ވަނީ ބޮޑު ޝަރަފެއް ލިބިފަ އެވެ. ހަތް ފަހަރު މުބާރާތް ކާމިޔާބުކޮށް އޭނާ ވެފައިވަނީ، އެފްއޭކަޕްގެ އެންމެ ކާމިޔާބު ކޯޗަ ށެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ފުރަތަމަ ލީޑް ނެގީވެސް އާސެނަލް އިން ނެވެ. މެޗު ފެށިގެން ހަތަރު ވަނަ މިނެޓް ތެރޭގައި، އެ ޓީމަށް ލީޑް ނަގައިދިނީ އެލެކްސިސް ސަންޗޭޒް އެވެ.

ދެ ވަނަ ހާފުގެ ބޮޑުބައެއް ޗެލްސީ އިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ މެޗުގެ 68 ވަނަ މިނެޓްގައި ވިކްޓާ މޫސަސްއަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑޫ ދައްކައި ދަނޑުން ފޮނުވާލުމުން ނެވެ.

ނަމަވެސް އޭގެ އަށް މިނެޓް ފަހުން، ޑިއޭގޯ ކޯސްޓާ ވަނީ ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ނަތީޖާ ހަމަހަމަ ކޮށްގެން ޗެލްސީއަށް ހިތްހަމަ ޖައްސައި ލެވުނީ ތިން މިނެޓް އިރު އެވެ. މެޗުގެ 79 ވަނަ މިނެޓްގައި އާރޮން ރަމްސީ ވަނީ، އާސެނަލް މޮޅުކޮށްދިން ލަނޑު ކާމިޔާބު ކޮށްފަ އެވެ.