ރާއްޖެ ކުޅިވަރު

ދަގަނޑޭ ކަކުލުގެ އޮޕަރޭޝަނެއްކޮށްފި

May 28, 2017

ދާދި ފަހުން ނިއުރޭޑިއަންޓަށް ސޮއިކުރި ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ސްރީލަންކާގައި ކަކުލުގެ އޮޕަރޭޝަނެއް އިއްޔެ ކޮށްފި އެވެ.

މިއީ މީގެ އެތައް ދުވަހެއް ކުރިން ދަގަނޑޭގެ ވާތު ކަކުލަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން އޭނާ ކުރި އޮޕަރޭޝަނެކެވެ. ނިއު އަށް ސޮއިކުރުމަށް ފަހު ދަގަނޑޭ މި އޮޕަރޭޝަން ކުރީ ޖުލައި މަހު ޓްރާންްސްފާ ޕީރިއަޑްގައި އެ ޓީމަށް ކުޅެން ފެށުމެގެ ކުރިން މުޅިން ފިޓުވުމުގެ އަމާޒުގަ އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ކަމަށްވާ ދަގަނޑޭ ،31، މިދިޔަ އަހަރުގެ ސީޒަންގެ ފަހު ބައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު ފަހުން ހުރީ ކުޅުމާ ދުރުގަ އެވެ.

ދަގަނޑޭ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ އޮޕަރޭޝަނަށް ފަހު، ވީ އެންމެ އަވަހަކަށް ދަނޑަށް ނުކުތުމަށް އެނާ އަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ބެލެވޭ ގޮތުގައި ދަގަނޑޭ މުޅިން ފިޓުވެގެން، ކުޅެން ނުކުމެވޭ ވަރު ވާނީ ޖުލައި މަހުގެ ތެރޭގަ އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަންނަ ދަގަނޑޭ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނިއު އަށް ކުޅެފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ކްލަބް ވެލެންސިއާ އާއި ވީބީ އައްޑޫ އެފްސީ އަދި މާޒިޔާ އަށް ކުޅެފަ އެވެ.

ދަގަނޑޭ ވަނީ މެލޭޝިއާގެ ޕީޑީއާރްއެމް އަށް 2014 އިން 2016 ވަނަ އަހަރާ ހަމައަށް ކުޅެ، މެލޭޝިއާ ލީގުގައި ކުޅޭ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.