ދުނިޔެ

ކަރަންޓު ކަނޑާލުމުން ހިންގި ޖަނަރޭޓަރުގެ ސަބަބުން އެމެރިކާގެ އާއިލާއެއް މަރުވެއްޖެ

Apr 8, 2015

ކަރަންޓް ބިލް ނުދައްކައިގެން ކަރަންޓް ކަނޑާލި ގެޔަކަށް އަމިއްލަ އަށް ކަރަންޓު ދޭން ހިންގި ޖަނަރޭޓަރަކުން ބޭރުވި ވިހަ ދުމުގެ ސަބަބުން އެމެރިކާ މީހަކާއި އޭނާގެ ހަތް ދަރިން މަރުވެއްޖެ އެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 36 އަހަރުގެ މީހަކާއި އޭނާގެ ހަތް ދަރިންނެވެ. މަރުވި ކުދިންގެ ތެރެއިން އެންމެ ހަގީ ހަ އަހަރުގެ ކުއްޖެކެވެ. އެންމެ ދޮށީ ކުއްޖާ އަށް 13 އަހަރެވެ. އެއީ ދެ ފިރިހެން ކުދިންނާއި ފަސް އަންހެން ކުދިންނެވެ.

މަރުވި ފިރިހެން މީހާގެ ދޮންބައްޕަ ބުނެފައި ވަނީ އޭނާގެ ދަރިފުޅު މަސައްކަތް ކޮށްފައި ވަނީ ކަރަންޓް ކަނޑާލުމުން ވެސް ދަރިން ފިނިން ސަލާމަތް ކުރުމަށް ކަމަށެވެ. ފުލުހުން ވެސް ބުނެފައި ވަނީ މިއީ ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ.

އަނބިމީހާ ވަރިވެގެން ދިއުމުން އެކަނިމާ އެކަނި ދަރިންތައް ބަލަމުން ދިޔަ މީހާ ދަރިންތަކާ އެކު މަރުވި ހާދިސާއާ ގުޅިގެން، މަރުވި މީހާގެ ދޮންބައްޕަ ބުނީ ދޮންދަރިފުޅާ މެދު ފަހުރުވެރިވާ ކަމަށާއި ނިިގެން ދިޔައީ ދަރިންނަށްޓަކައި ކަމަށެވެ.

ގެއިން ވަނީ ކަރަންޓް ކަނޑާލާފައި ކަމަށާއި ތެޔޮ ހުސްވެފައިވާ ޖަނަރޭޓަރެއް ގޭތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އާއިލާ އެއްކޮށް މަރުވެފައި ތިބިކަން އެނގުނީ ގެއިން އެއްވެސް މީހަކު ނުނިކުންނަތާ އެތައް ދުވަހެއް ވުމުން އަވަށްޓެރިންނަށް ޝައްކުވެގެން ރިޕޯޓް ކުރުމުން ކަމަށް ފުލުހުން ބުންޏެވެ.

އާއިލާ އެއްކޮށް މަރުވެފައި ވަނީ ކާބަންމޮނޮކްސައިޑްގެ ސަބަބުން ކަމަށް ވަނީ ބެލެވިފަ އެވެ. އެއީ ކާބަން ހުންނަ ތެޔޮ އެންދުމުން ބޭރުވާ، ކުލައެއް އަދި ވަހެއް ވެސް ނުހުންނަ ގޭހެކެވެ. މި ގޭހުން ވިހަވެގެން އެމެރިކާގައި ކޮންމެ އަހަރަކު 400 އަށް ވުރެ ގިނަ މީހުން މަރުވެ އަދި 4000 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާ ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ހިސާބުތަކުން ދައްކަ އެވެ. --ބީބީސީ