ކެރި ކަނޑާނުލައި އިރާކޮޅު ވެހުނު ވާރޭގަނޑުގެ ސަބަބުން ޖައްވަށް ލިބިފައިވާ ތެތްކަމުގެ އަސަރު ފާޅުވާން އޮތީ ވަރަށް ބޮޑަށެވެ. ތޭރަ ވިލޭރޭގެ ހަނދު ދަމަކަށް ވުރެ މަތީގައި ހުރެ ބިގަރެއްހެން އަލި ފަތުރައިދޭން އުޅުނަސް އުޑުމަތިން ދަތުރު ކުރާ ހާފުސްތަކާ ހުރެ ފަރި ހަނދުވަރު މެދުކެނޑުނަ ނުދީ އޮތަކަ ނުދެ އެވެ. އެކަމަކު ހާލުން ހާލުން އަލިވެފައިވާ ހަނދުގެ ނަޔާ މޫނު ދައްކައިލަ އެވެ. އަލިކްތަރިކު އަލިން މާލެ މައްޗަށް ބުރުވާލާފައިވާ ފުސް އަލިގަނޑު ސާފުކޮށްދޭން އުޅޭ ކަހަލަ އެވެ.
"ވިއްސާރަކޮށް އޮވެފައި ހާދަ ރީތި ހަނދުވަރެއް ދޭން މި ފެށީ!" ވިއާމް ބުންޏެވެ.
"ބަލާބަލަ؟ ވިއާމް، އެހެރަ ލޯބި ބޭބީ އެއް!" ބާޒާރު ކޮށްގެން ގެއަށް ދިޔަ މަގުމަތީގައި ވިއާމް އުޑު މައްޗައް ބަލައިލި ދަނޑިވަޅު އަތުގައި ހިފަމުން ޝާނީ ބުންޏެވެ. އެ ޖުމްލަ އިން ވިއާމް ދިޔައީ ސިއްސައިގެނެވެ. ބަލައިލިއިރު މަގަށް ދޮރު ހުޅުވިފައިވާ ގެއެއްގެ ތެރޭގައި ފިރުކޭ އުމުރުގެ ތުއްތު އަންހެން ކުއްޖެއްގެ އަތުކުރީގައި ހިފައިގެން މަންމައަކު ފިޔަވަޅު އަޅުވަން މަސައްކަތް ކުރަނީ އެވެ. ލޯބިލޯބި ކުއްޖެކެވެ. ގައިގެ ކުލަ ސާފު، ދޮން ކުއްޖެކެވެ. އިސްތަށިގަނޑު ވަނީ ގުދުރަތީ ގޮތެއްގައި ރާޅު ބާނި ވެފަ އެވެ.
އަހަންނަށް ވެސް އެ ކަހަލަ ބޭބީ އެއް ލިބޭނަމަ! ވިއާމްގެ ހިތަށް އެރި އެވެ. ވިއާމް ބަލައިލީ އޭނާގެ އުނަގަނޑުގައި އަތް ޖައްސާލައިގެން ހުރި ޝާނީއަށެވެ. އޭނާ ހިނިތުންވެލި އެވެ. އެހެނަސް ޝާނީގެ މޫނުމަތިން ފެނުނީ މޯޅި ކުލަ އެވެ. ހުރީ ދެރަވެފަ އެވެ. ޝާނީއަށް އެނގެ އެވެ. ވިއާމް އެންމެ ބޭނުންވަނީ ކުއްޖެކެވެ. ބައްޕާ އޭ ކިޔާފައި ގޮވާލާނެ ބޭބީ އެކެވެ. އެކަމަަކު ވިއާމުގެ އެ އެދުން ޝާނީއަކަށް ފުރިހަމައެއް ނުކޮށް ދެވޭނެ އެވެ. އޭނާ އަށް ދުވަހަކު ވެސް ކުއްޖަކު ނުލިބޭނެ އެވެ. ކުޑަކުޑަ އެ ހިނދުކޮޅަށް ފަހު ގެ އަށް ދެވުނު އިރު ވެސް ޝާނީ ހުރީ ފިކުރުގަ އެވެ.
"އޭތް!" އެނދުމަތީގައި އޮތް ވިއާމްގެ މޭ މަތީގައި ބޯ އަޅާލައިގެން އޮވެ ޝާނީ މަޑުމަޑުން ގޮވާލި އެވެ.
"ހޫން!" ވިއާމް އޭނައާ ގާތަށް ޝާނީ ގެންދިޔަ އެވެ. ޝާނީގެ މޫނުގައި ތުންފަތް ޖައްސަމުން ދެ އަތުން އިސްތަށިގަނޑު އޮމާން ކޮށްދޭން ފެށި އެވެ.
"ޝާނީ، ކީއްވެ ރޮނީ... އެންމެ ފަޅި ސިކުންތެއްގެ ތެރޭގައި ހުއްޓާލާ!" ޝާނީ ރޯތަން ދެކޭކަށް ވިއާމަށް ކުޅަދާނައެއް ނުވި އެވެ. ލޮލުގައި ބޮސް ދެމުން ގޮސް ހުރިހާ ކަރުނަތަކެއް އޮއްބާލައި ދިނެވެ.
"ވިއާމް އަހަރެން ކަމަކު ކިޔަންތަ؟"
"އަވަހަށް ބުނޭ!"
"ރުޅި ނާންނަ މަތިން!"
"އަހަރެން ދުވަހަކު ވެސް ޝާނީ ދެކެ ރުޅި އައިތަ؟ ބުނެބަލަ ކޮން ކަމެއްތަ؟" ވިއާމް އެދުނެވެ.
"ވިއާމް... ވިއާމް އަށް ބައްޕަ ކިޔާނެ އަންހެން ކުއްޖަކު ހޯދައި ނުދެވުނުއިރު، ކުއްޖަކު ވެސް ހޯދައެއް ނުދެވުނެއް... މިހާރު ކިތައް އަހަރު މިވީ... އަހަރެން ކިހާ ބަދުނަސީބު، އަހަރެންގެ ސަބަބުން ވިއާމްގެ ނަސީބަށް ހުރަސް އެޅިއްޖެ!"
"އަދި ވީ ތިން އަހަރު... ޑޮކްޓަރު ބުންޏަސް އަހަރެމެންނަށް އަދި އުއްމީދު ކަނޑާލާކަށް ނުވޭ! އަހަރެމެންނަށް އަދި ކިޑެެއް ލިބޭނެ... ދެރަ ނުވެބަލަ،" ވިއާމް ހީކުރީ ޝާނީ އެދެން އުޅުނީ ކޮންމެވެސް އެއްޗަކަށް ކަމަށެވެ. އެކަމަކު ޝާނީ ފެށީ ދައްކާ ބާވެފައި އޮތް ވާހަކަ އެކެވެ.
ވިއާމްގެ މޭމަތީގައި ބޯ އަޅާލައިގެން އޮވެ ޝާނީ އެ ވާހަކަތައް ނުދައްކާ އެންމެ ރެއަކަށް ވެސް އިރު ފޮހިފައެއްނުވެ އެވެ. އެ ހިޔާލުތަކުގައި އޮވެ ނޫނީ ޝާނީ ލޯމަރާލާފަ އެއް ނުވެ އެވެ. ވިއާމުގެ މޭ މައްޗަށް ޝާނީގެ ލޮލުން ހާދަ ކަރުނައެއް ބަނޑުން ކުރެ އެވެ. ފުރިހަމަ އަންބަކަށް ނުވެވުނީތީ އެވެ. ވިއާމް ބައްޕައަކަށް ހަދައި ނުދެވިގެނެެވެ.
"ވިއާމް... ވިއާމް އެހެން ކުއްޖަކާ މެރީ ކުރަންވީނު!" ޝާނީ ރޯން ފެށި އެވެ.
"ޝާނީ އަނެއްކާވެސް އެވާހަކަތައް ފެށީ... އަހަރެން އެއްވެސް ޝަކުވާއެއް ކުރިންތަ؟ އަަހަރެން މެރީ ކުރަން ބޭނުންވި ކުއްޖަކީ ޝާނީއޭ.. އެހެން އަންބެއް އަހަރެން ބޭނުމެއް ނޫން!" ވިއާމް ޝާނީގެ ގައިގައި ބައްދާލި އެވެ.
"ނޫން.. ނޫން ވިއާމް.. އަހަރެން ބޭނުމީ ވިއާމަށް ބައްޕަކިޔާ ބޭބީއެއް އަހަރެންގެ އުނގުގައިވެސް ބާއްވާލަން. ވިއާމްގެ އެހެން އަންބަކަށް ބޭބީއެއް ލިބުނަސް، އެވާނީ އަހަރެންގެ ބޭބީއަކަށް... ވިއާމް، ގަބޫލުކުރޭ މި ކަރުނަތައް އަހަރެން ލޮލުން އޮބިގެން ދާނީ އޭރުން.. ވިއާމް އަބަދުވެސް ބުނަމެއްނު އަހަރެންނާ މެރީކުރީ ލޯބިންނޭ، ލޯބިން އަހަރެން ބުނާ ކޮންމެ ކަމެއް ކޮށްދޭނަމޭ.. މި ނޫން ކަމެއް އަހަރެން އަހަރެން ބޭނުމެއް ނޫން. ޕްލީޒް މިކަން ކޮށްދީ.." ޝާނީ ރުއީ އާދޭހާ އެކުގަ އެވެ. ވިއާމް، ބަލިވެ، ހިޔާލު ބަދަލުވާން މަޖުބޫރު ކުރުވީ ޝާނީގެ އާދޭސްތަކެވެ.
"އަހަރެން ކާކާތަ އިންނާނީ... ޝާނީ ދެކެ ވާ ލޯބި އެހެން މީހަކަށް ދޭނީ ކިހިނެއް؟ އިޓްސް އިމްޕޮސިބަލް!" ލަސް ލަހުން ބުނެވުނު އިރު ވިއާމް އިނީ ފެންކަޅިވެފަ އެވެ.
ވިއާމަށް އެނގެ އެވެ؛ މަންޒަރު ބަދަލުވީ މަގުމަތިން ފެނުނު ލޯބި ލޯބި ކުޑަކުއްޖާގެ ސަބަބުންނެވެ. އެހައި ލޯބި ކުއްޖެއް އޭނާއަށް ހޯދައިދޭން ޝާނީ ވަނީ ކެތްމަދުވެފަ އެވެ.
އެ ބޭބީ އަހަންނަށް ނުފެނުނު ނަމަ! ވިއާމްގެ ހިތަށް އެރި އެވެ.
"ވިއާމްގެ ދެވަނަ އަންބަކަށް ވާނީ އަހަރެންގެ ބެސްޓް ފުރެންޑް!"
ހިންދު! ކުއްލިއަކަށް ވިއާމަށް ހިތުން އެ ނަން ކިޔައި ލެވުނެވެ. އެކަމަކު އެހެން ވާނީ ކިހިނެއް ހެއްޔެވެ؟
"ވިއާމް ދެކެ ހިންދު ވަރަށް ލޯބިވޭ... ހުރިހާ ކަމެއް އަހަރެން ހަމަ ޖައްސާނަން. އަހަންނަށްޓަކައި ވިއާމް ހިންދުއާ މެރީކޮށްދީ... ކިޑެއް ހޯދާ."
ޝާނީގެ މޫނަށް ބަލައްޓައިގެން އިނދެ ވިއާމް ބޯ ޖަހާލި އެވެ. ޝާނީގެ އެދުމަށް މޫނު އަނބުރާ ނުލުމަށެވެ. ލޯބިން ކޮންމެ ކަމެއްވެސް ކޮށްދިނުމުގެ ގޮތުންނެވެ. ވިއާމުގެ ނަޒަރުގައި ލޯތްބަކީ އެއީ އެވެ.
އަހަރެން ހިންދުއާ މެރީ ކުރާނަން! ވިއާމް ލޯ މަރާލުމުން ޝާނީ ވިއާމްގެ މޭ މަތީގައި ބޮނޑިވެލި އެވެ. ޖިސްމު އުފާ ހިސާބުގަ އެވެ. ގާތަށް ޖެހި، ހޫނު ނޭވާތަކަކުން ތާޒާ ވެލި އެވެ.
***
ރޭތައް ފުރޮޅެމުން ގޮސް އައި ހޯމަ ވިލޭ ރެއެކެވެ. އާދައިގެ ރެއެއް ނޫނެވެ. ވިއާމުގެ ދިރިއުޅުމުގެ އާ ފެށުމުގެ ރެ އެވެ. ދެވަނަ އަންބަކާ އެކު އެވެ. އޭނާ އިށީނދެލައިގެން އިނީ ފަސް ބުރީގެ އިމާރާތުގެ ޓެރަސް މަތީގައި ބަހައްޓާފައިވާ ހިލަ ގޮނޑީގަ އެވެ. އެއް ފަރާތުގައި ޝާނީ އެވެ. އަނެއް ފަރާތުގައި ހިންދު އެވެ. ދޮންދޮން ދެ މޫނު ވިއާމުގެ ދެ ކޮނޑު މަތީގައި ޖައްސާލާފައިވާއިރު ވިއާމުގެ ލޯ ޖައްވަށް އެއްވެފައިވާ ކޮތަރިވިލާތަކުގެ ތެރޭގަ އެވެ. އޭނާ ބަލަން އިންދާ ދިޔަ ނުދިޔަ ތަނެއްވެސް ނޭނގި މުޅި ޖައްވު އެއްކުލަ ވުމުން ވަށައިގެން ހޯދާލި އެވެ. މެންދަމުގެ ހިމޭންކަމުގައި މަގުތަކަށް ގަދަވެގަންނަން އުޅޭ އަނދިރިކަން ފަހާ ދުރަށްލާން މާލޭގެ އަލިކްތަރިކު އަލި ނޫން އެއްޗެއް ހަރާން ފަދަ އެެވެ.
"ހިނގާ ދަމާ، މާ ލަސް ވެއްޖެ!" ވިއާމް ހިފީ ޝާނީގެ އަތުގަ އެވެ. ދެން ހިންދުގެ މޫނަށް ބަލައިލި އެވެ. އެ ވަގުތު ޝާނީ ހިންދުގެ އަތްތިލަ ވިއާމްގެ ކަނާތަށް ފޯރު ކޮށްދިނެވެ. އެންމެ ތިރީ ބުރީގައިވާ ކޮޓަރިއާ ހަމައަށް ދެވެންދެން ވެސް ޝާނީ ބެލީ ވިއާމް ހިންދުގެ ގާތުގައި ބެހެއްޓުމަށެވެ.
"ވިއާމް! ހިންދު ގާތަށް ދޭ، ޕްލީޒް އަހަންނަށްޓަކައި..." ކޮޓަރިއަށް ވިއާމް ވަނުމުން ޝާނީ ވިއާމްގެ އަތުގައި ހިފި އެވެ. ވިއާމް ނުގޮސްފާނެތީ އެވެ.
އެކަމަކު ޝާނީގެ މަސައްކަތުން ވިއާމުގެ ތަސްވީރު ބަދަލުކުރުވި އެވެ. އެއް ރެއަކުން އެއް ދުވަހަކުން ނޫނެވެ. އެކަމަކު މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ކޮންމެވެސް އެއް ދުވަހަކުން ވިއާމަށް ލިބޭނެ އުފަލަކަށްޓަކަ އެވެ. އެ އުފާތައް އޭނާ ވެސް ހިއްސާ ކުރުމަށް ނިޔަތް ގަނެގެންނެވެ.
***
"ވިއާމް، ހާދަ ވަރުބަލިވެފަ؟ ތިހިރީ ދެ އަތަށް ކިރިލަ ކިރިލަ އެއް ނު.. ކީކޭތަ ޑޮކްޓަރު ބުނީ؟' އެއް ދުވަހެކެވެ. އެވެސް ހަމަ ހޯމަ ދުވަހެކެވެ. ކޮޓަރިން ނުކުމެގެން ވިއާމް އައިސް ސިޓިން ރޫމް ތެރެއަށް ވަނުމުން ޝާނީ ހީނލި އެވެ. އަބަދުވެސް ދޭ ލުއި ހިނިތުން ވުމެވެ.
"ދެ އަތަށް ކިރުން، ދެބަނޑަށް ކެއުން... ދެއަންބަށް މީހުންނާ އިނުން... ކުރިޔަށް 'ދެ' އަންނަންޏާ އެއްވެސް ކަމެއް ރަނގަޅަކަށް ނުދާނެ..!" ޝާނީގެ މޫނަށް ބަލަހައްޓައިގެން ހުރެ ވިއާމް ބުންޏެވެ.
"ވިއާމް! ކީކޭ ތި ކިޔަނީ؟ ކޮބާ ހިންދު؟!" ފަހަކަށް އައިސް ވިއާމްގެ މޫނު އުޖާލާ ވުމުގެ ސިއްރު ޝާނީއަށް އެނގެ އެވެ. އެއީ އޭނާ އަށްވެސް ލިބޭ އުފަލެކެވެ. އެކަމަކު ކުއްލިއަކަށް ވިއާމް އެދިނީ ކޮން ކަހަލަ ޖަވާބެއް ހެއްޔެވެ؟ އެއީ ވިއާމްގެ ބަސްމަގު ހުންނަ ގޮތެއް ނޫނެވެ. ނޭނގުނެވެ.
"މި ކިޔާ އެއްޗެއް ކަލެއަކަށް ނޭނގޭނެ ދުވަހަކުވެސް... ތީ ކަމެއް ކުރަން އެނގޭ މީހެއްްތަ؟ މަށަށް ކިޑެއް ހޯދައި ނުދެވުނު މީހަކަށް ކިޔާ އެއްޗެހި ސާފުވާނެތަ؟ ނުވާނެ... ހިންދު ވީތަން ބަލަން ޝާނީއަކަށް ނުޖެހޭނެ. އެނގިއްޖެ!"
ވިއާމް!" އެ ޖުމުލަތައް ކަންފަތުގައި ޖެހުމުން ޝާނީއަކަށް ގަބޫލެއް ނުކުރެވުނެވެ.
ތީ ހަމަ އަހަރެންގެ ވިއާމްތަ! ޝާނީއަށް ރޮވެން ފެށި އެވެ. ދެ ކޯތާފަތް މައްޗަށް ކަރުނަތައް ބަންޑުންވި އެވެ. ގިސްލެވެން ފެށުމާއެކު ދުވެފައި ގޮސް ވިއާމްގެ އަތުގައި ހިފަން އުޅުނެވެ.
"ވިއާމް... ޕްލީޒް ކިހިނެއްތަވީ؟"
"އޭ! ކުރިމަތިން ދުރަށް ދޭ! ކޮންމެހެން މަށަށް ތި އަޑު އިއްވާނެ ކަމެއް ނެތް. ކަލެއަކީ ނުކުޅެދޭ އަންހެނެއް، ދޭ ދޭ... މިގޭގަ އުޅެން ބޭނުމިއްޔާ ދޭ.. ތިނަކާ ހަމައަށް ގުނަން ވާއިރަށް ކޮޓަރިއަށް ދާން ޖެހޭނެ،" ވިއާމް އަމުރު ކުރި އެވެ.
"ވިއާމް... ވިއާމް!" ޝާނީއަށް ހަޅޭއްލަވައިގަނެވުނެވެ. ވެގެން އުޅޭ ގޮތް އޮޅުން ނުފިލުމުންނެވެ.
"ވިއާމް ތިނެއް ކިޔުމުގެ ކުރިން ޝާނީގެ މޭގައި އަޅާ ކޮއްޕާލި އެވެ. ޝާނީ ފަހަތަށް ޖެހުމުން ކޮޓަރީގެ ތެރެއަށް ވަނުމާއެކު ބާރަށް ރޯން ފެށި އެވެ. އެ ވަގުތު ކުއްލިއަކަށް ވިއާމް އެތެރެއަށް ވަނުމުން ޝާނީ ބަލައިލި އެވެ. ވިއާމް ވަނީ ބަދަލުވެފަ އެވެ. ރުޅި ގަދަ ކުޅަނދުރަކަށް ވެފަ އެވެ.
"ވިއާމް، އަހަންނަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟"
"ކަލެއަށް ކުރެވުނު ރަނގަޅު ކަމެއް އެބައޮތްތަ؟ މީގެ ފަހުން ނުކުމެގެން ނުވާނެ... ނުކުންނަންޔާ ޖެހޭނީ ކަނުބަނދެގެން ނުކުންނަން. ހިންދުގެ މޫނު ކަލެއަށް ދައްކާކަށް އަހަރެން ބޭނުމެއް ނޫން." ވިއާމް ޖީބުން ދަމައިގަތީ ޝާނީގެ ދޯޕައްޓާ އެކެވެ. ކަޅު ދޯޕައްޓާ އަތަށް ހެޔޮވަރު ކޮށްލުމާއެކު ޝާނީ ލޯ މަތީގައި އޮޅާލި އެވެ. އެއްވެސް ތަނެއް ނުފެންނަ ގޮތަށް ކަނު ބަނުމަށްފަހު އެނދުމައްޗަށް ވައްޓާލި އިރުވެސް ރުއިން ފިޔަވާ އިތުރު ކަމެއް ޝާނީއަކަށް ނުކުރެވުނެވެ. ނޫނީ ކިޔަމަންތެރި އަންބެއްގެ ގޮތުގައި އިނުމަށް އެއްވެސް ކަމެއް ނުކުރީ އެވެ.
ވިއާމް ދިއުމުން، ޝާނީއަށް އެއްޗެއް ރޭކާލާން ފެށ އިރުކޮޅެއް ފަހުންނެވެ.
"ހިންދު، އަހަރެން ހާދަ އުފާ ވެއްޖޭ. މިއަދަށްޓަކައި އަހަރެން ކިހާ ދިގު އިންތިޒާރެއް ކޮށްފިން... މިއީ ދޯ ދަރިފުޅު... ދަރިފުޅާ މީ ބައްޕައޭ..." ހިންދުގެ ބަނޑުގައި ކަންފަތް ޖައްސަމުން ވިއާމް ވާހަކަ ދައްކާ އަޑު އިވެން ފެށުމުން ޝާނީ އުފާވި އެވެ. އެެއާއެކު ބަޑި ފަޅައިގެން ވެސް ދިޔަ އެވެ.
ހިންދު މަންމައަކަށް ވަނީ... ވިއާމަށް ކިޑެއްް! ރޮމުން ދިޔަ އިރު ޝާނީގެ ހިތަށް އެރި އެވެ.
ވިއާމަށްޓަކައި މި އުފާވެރި ދުވަސް ގެނެސްދޭން ޝާނީ ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އެކަމަކު އެ ފޮނި މޭވާ އަތުވެދާނެ ކަމުގެ އިޝާރާތް ވީއިރު ޝާނީ އެހުރީ ރޯށެވެ. ވިއާމް ޝާނީގެ މަތިން ހަނދާން ނައްތާލަންވީ ކީއްވެގެން ހެއްޔެވެ؟
"ވިއާމް،" ހިންދުއާއެކު ވިއާމުގެ ސަމާސާ ކުރާއ އަޑު އިވެން ފެށުމުން ޝާނީއަށް ބުނެވުނެވެ. އެ އަޑުތަކުން އޭނާގެ ކަންފަތުގެ ހިނދުރި ތޮރުފަމުން ދިޔަ އެވެެ. އެންމެ ފަހުން ލޯ މަރާލި އެވެ. ކަންފަތުގައި އަތް އެޅި އެވެ.
"އޭތް، ތެދުވޭ! ނިދާ މިޔަރެއްގެ މަސް ކައިގެން އޮތް ފެމުނެއްހެން ނިދާނެ ކަމެއް ނެތް! ގޭތެރެ ސާފު ކުރަން ނުކުމޭ. އަހަރެން އަންނަން ވާއިރަށް ހުރިހާ ތަނެއް ފޮޅާ ސާފުކޮށް ކުލަލައި ނިންމަން ޖެހޭނެ... މަރުނެތް ފުޅިން ފެން ބޮއިގެން، މަރުނުވެ އޮންނަންޏާ މި ގޭގެ ނޯކަރަކަށް ވާނީ ކަލޭ. ނުކުމޭ... އެކަމަކު ބުނަން، ހިންދު އާ ދިމާއަށް ބަަލައިވެސް ނުލާތި... ކަލޭގެ ސުންޕާ ކަޅިރަވައިން މިއޮއް ހުރިހާ ދުވަހު މަށަށް ޖެއްސި އެސްފީނާ މަގޭ ދަރިފުޅަށާއި އެ ދަރިފުޅުގެ މަންމައަށްވެސް ޖެހިދާނެ... ކަލެއަށް އިނގޭތަ އަހަރެންގެ ކިޑަކަށް ހިންދު ޕްރެގް ވެއްޖޭ... ހިންދު އަކީ ކަލޭ ކަހަލަ ނުކުޅެދޭ މީހެއް ނޫން!" ވިއާމް ޝާނީގެ ބުރަކަށީގައި އަޅާ ކޮށްޕާލުމާއެކު ޝާނީގެ ނިތްކުރި ޖެހުނީ ފާރުގަ އެވެ. އަތުގައި ހިފުމަށްފަހު ދަމާފައި ގެންގޮސް ސިޓިން ރޫމުގައި ހުރި ކުލަ ފާޓާއަށް ޝާނީގެ މޫނު ކޮއްޕާލަން އުޅުނެވެ. ޝާނީ މޫނު ފޮހެލި އެވެ. ގިސްލަމުން ކުރިއަށް ދިޔައީ ތަންތަނުގައި އަތް ޖައްސަމުންނެވެ. ކުލަ ފާޓާ މަތީގައި އޮތް ރޯލަރުގައި ހިފިއިރު ޝާނީގެ އަތް ރޫރޫ ލަ އެވެ.
ލޮލާއެކު މޫނުމަތީގައި އަޅާފައިވާ ދޯޕައްޓާ ތަންކޮޅެއް ތިރިއަށް ޖައްސާލުމަށްފަހު ޝާނީ ގޭތެރޭ ސާފު ކުރަން ފެށި އެވެ. ފާރުގައި ރޯލަރު އުނގުޅަން ފެށުމާއެކު ކެއްތެރިކަން އިމުން ބޭރުވެއްޖެ އެވެ. އޭނާ ހިންދު ދެކޭ ހިތްވަނީ އެވެ. ވިއާމްގެ ދަރިފުޅުގެ މަންމައަށް އެހީވާ ހިތް ވަނީ އެވެ. މަޑުމަޑުން ހިނގައިގަތެވެ. ހިންދުގެ ކޮޓަރިއާ ދިމާއަށެވެ. ވިއާމްގެ ކުއްޖަކަށް ހިންދު ޕްރެގް ވުމުން މަރުހަބާ ކިއުމަށެވެ.
އެއީ އަހަރެންގެވެސް ކުއްޖެއް! ކޮޓަރީގެ ދޮރާ ހަމައަށް ދިއުމާއެކު ހިންދުގެ ހިތަށް އެރި އެވެ. ކޮޓަރީގެ ދޮރު ހުޅުވާލަން އަތް އުފުލައިލުމާއެކު ޝާނީ ދިޔައީ އެއްލިގެނެވެ. އެނބުރުނު އިރު ގާތުގައި ވިއާމް ހުއްޓެވެ. ކިހިލީގައި "ހަގީސް" ބޮނޑިތަކެއް ޖަހާލައިގެނެވެ. އޭނާގެ ފަހަތުން ހުޅުވާލާފައިވާ ދޮރުގެ ބޭރުން ފެންނަން އޮތް ޕިކަޕުގައި ބަރި ޖަހާލާފައި ހުރީ ބޭބީއަކަށް ބޭނުންވާނެ ސާމާނެވެ.
"ކޯންޗަކަށް ތި ލޯ އަޅަނީ؟ ކާކު ކަލެއަށް ހުއްދަ ދިނީ މިތަނަށް އަންނަން؟!" ނެޕީތައް ބެހެއްޓުމަށްފަހު ވިއާމް ޝާނީގެ އިސްތަށިގަނޑު އަތަށް އޮޅާލި އެވެ. ދަމާފައި ގެންގޮސް އޮލަކޮށް ހުރި ކުލަ ފާޓާގެ ތެރެއަށް ޝާނީޒުގެ ބޯ ގަންބާލި އެވެ.
"ކިޑެއް ވިހަން ނޭނގުނުތާގަ މަގޭ ކިޑްގެ ދުވަސް ދުއްވާލަން ދިމާ ކުރީތަ، ރައްކާވޭ..." ވިއާމް ހަޅޭއްލަވައިގަތެވެ. ދެ އަތުގެ ފިނޑި ހަމަލަތައް ޝާނީގެ ހަށިގަނޑަށް އަމާޒު ކުރަން ފެށި އެވެ.
އެއީ ފިރި މީހާ އެވެ؛ އެކަމަކު ވިޔާމްގެ އަނިޔާތަކުން ޝާނީއަށް ލިބެމުން ދިޔައީ އެތަކެއް ވޭނެކެވެ. އެއީ ބެސްޓު ފުރެންޑެވެ. ހިންދު އައީ ޝާނީ ހޯދައިދިން މަގާމަކަށެވެ. އެކަމަކު ވިއާމަށްޓަކައި ޝާނީ ބެލީ ކެތް ކުރާށެވެ. އޭނާ ހިތްވަރު ކުރި އެވެ. އޮއްޓަރު ކުރެއްވި އެއްޗެއް ބަނޑަށް ނުލައި ހަތަރު ދުވަސް ކެތް ކުރެވޭނީ ހާދަ ހިތްވަރުގަދަ އަންހެނަކަށެވެ. ޝާނީއަށް ރޮވެމުން ދިޔަ އެވެ. ހާންތި ވެގެނެއް ނޫނެވެ. ވިއާމުގެ ފިކުރުތަކުން އޭނާގެ ސިކުނޑި ފަނާ ކުރަމުން ދާތީ އެވެ. އެހެނަސް ކުއްލިއަކަށް ގަޑި ޖެހިއްޖެ އެވެ. ކަންފަތަށް އިވުނީ އެންމެ އަހާ ހިތްވާ އަޑެވެ. ކަރުނަައިން ފުސްވެފައިވާ ލޮލަށް ފެންނަން ފެށީ ބަލަން އެންމެ ފަސޭހަ ތަސްވީރެވެ. "ދަރިފުޅާ... ބައްޕަ ދޫނީ... އާދޭ ބައްޕަ އުރާލާނަން." ވިއާމްގެ އަޑާއެކު ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވުމުން ޝާނީކަކަށް ނޯވެވުނެވެ.
ދަރިފުޅާ! އޭނާއަށް ބުނެވެން އުޅުނެވެ. ލޯ މަތީގައި އޮޅާފައި އޮތް ފޮތިގަނޑު ނައްޓާލެވުނީ އުފަލުން ގޮހެވެ. އޭނާ އުންމީދު ކުރަމުން އައި މޭވާ އަތަށް ލިބިއްޖެއޭ ހީވި ކަހަލަ އެވެ. ދުވެފައި ގޮސް ދޮރު ހުޅުވާލި އެވެ.
"ވިއާމް... ވިއާމް... ބޭބީ އަހަރެން އުރާލަން ދީ ޕްލީޒް!" ޝާނީގެ އާދޭހުގެ އަޑަށް ވިއާމް އޭނާގެ ދަރިފުޅު ފޮރުވަން އުޅުނެވެ.
"ނޫން، އަހަރެންފެ ދަރިފުޅުގެ ގައިގައި އޭނަ ބީހުނަ ނުދޭތި، ވިއާމް!" ކުއްލިއަކަށް ހިންދު ކުރިއަށް ޖެހިލުމަށްފަހު ވިއާމް އަތުގައި އޮތް ބޭބީ އަތުލި އެވެ.
ވިއާމް ބެލީ ޝާނީއަށް ނުފެންނާހެެން ހިންދު އާއި ބޭބީ ކޮޓަރީގެ ތެރެއަށް ވެއްދުމަށެވެ. އެއާއެކު އަވަސް އަވަހަށް ޝާނީގެ ކަރަށް ވެއްޓިފައި އޮތް ކަޅު ފޮތި ގަނޑުން ކަނު ބަނދެލި އެވެ. ޝާނީ ގިސްލާފައި ރޯން ފެށުމުން އަނގަމަތީގައި ބާރަށް ބޮނޑިއެއް އެޅި އެވެ. މިލާފައިވާ ތުންފަތުގެ ދެމިޔަކަނުން ލޭތައް އޮހިގަތުމާއެކު ކޮއްޕާ، ގެއިން ބޭރަށް ނެރުނެވެ.
"ތިހިރީ ވަރިކޮށްފަ!"
"ވިއާމް... ޕްލީޒް ތިހެން ނުހަދާ... އަހަރެން ފޮނުވާނުލާ!" ރޮމުން ރޮމުން ޝާނީ ތެދުވަން އުޅުނެވެ. އެކަމަކު އޭނާ އަރި އަޅައިލި އެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޮޅި މައްޗަށް ހިމޭންވި އެވެ.
***
ޝާނީއާއެކު ރިސޯޓަށް ދިއުމަށް ފަހު ވިއާމް އޮތީ ރިސޯޓުގެ ހިތްގައިމު ދޮން ވެލިގަނޑުން ދުރަށް ފެތުރިފައިވާ ވެލިރާޅު ފަށުގައި އޮށޯވެލައިގެނެވެ. ދަންވަރުގެ ވަގުތު ކަމަށް ވިޔަސް ހަނދުވަރުގެ އަލީގައި އެއީ ހިތްގައިމު ތަނެކެވެ. އުޑުމަތި ބަލަން އޮއްވާ ވިއާމްގެ ލޯ މެރިގެން ދިޔައީ އެހެން ވެގެނެވެ.
ވިއާމު ލައިގެން އޮތް ފެހި ކުލައިގެ ކޮނޑުކެނޑީގެ މަތިން ޝާނީ ފިރުމަމުން ދިޔަ އެވެ. މޭމަތީގައި ޖަހާފައިވާ ކިނބުލުގެ ނިޝާން މަތިން، ޝާނީ އިނގިލިތަކުގެ ބަނޑުފުށް ކާއްތާލި އެވެ. އެ ވަގުތު ވިއާމްގެ ލޯ ހުޅުވާލި އެވެ. އޭނާ ޝާނީގެ މޫނަށް ބަލައިލި ވަގުތުވީ ތަފާތު ވަގުތަކަށެވެ. އޭނާގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ފޫދުމުގެ އިހުތިޔާރު ދެވުނެވެ.
"އޭތް! ލޯބި ރޮނީތަ، ކީއްވެ؟" ޝާނީ ވިއާމްގެ ދަތްދޮޅީގައި އަތް ޖައްސާލި އެވެެ.
"ތަރިތައް ބަލަން އޮއްވާ އަހަންނަށް ނިދުނީ، ދެން ހުވަފެނެއްގަ ފެންނަނީ މާތަށް ބަރާވެފައިވާ ވާދީ އެއް! އަހަރެން އެ ވާދީގެ ތެރޭގައި ޝާނީ ގޮވައިގެން ދުވާތަން ފެނުނީ،" ވިއާމް ގަސްތުގައި ދޮގެއް ހެދި އެވެ. ހަގީގީ ހުވަފެން ކިޔައިދޭން އޭނާ ފަސް ޖެހުނެވެ.
އަހަރެމެންގެ ހަގީގީ ދިރިއުޅުމުގައި އެ ގޮތް މެދުވެރި ނުކުރައްވާށި! ވިއާމް ހިތުގެ އަޑިން ދުއާ ކުރަމުން ޝާނީގެ ގައިގައި ބައްދާލި އެވެ. ފަތިސް ހަނދުވަރުގެ މަތީގަ އެވެ.
ހިތަށް އަރަމުން ދިޔަ އެވެ. ހުވަފެނަކީ ނިދީގެ އެންމެ ފަޅި ސިކުންތެއްގެ ތެރޭގައި އަންނަ ހާދިސާއެކޭ ކިޔާ އަޑު އިވެ އެވެ. އެއީ ފެނިގެއްލިދާ މަންޒަރެކެވެ. ވީއިރު އަހަރެން ރޯންވީ ކީއްވެ ހެއްޔެވެ؟ ރޯކަށް ނުޖެހެނެ އެވެ. އެހެނެއް ނުވާނެ އެވެ. -- ނިމުނީ--